ފުރަތަމަ މެޗުން މޮޅުވީ އިނގިރޭސި ޓީމު

އައިސީސީ ކްރިކްޓް ވޯލްޑްކަޕްގައި އިއްޔެ ކުޅުނު ފުރަތަމަ މެޗު އިނގިރޭސިވިލާތުން ކާމިޔާބުކޮށްފިއެވެ. އިނގިރޭސިވިލާތުން މެޗު ކާމިޔާބު ކުރީ 104 ލަނޑުންނެވެ.

މެޗުގައި ފުރަތަމަ ކުޅުނީ އިނގިރޭސި ޓީމެވެ. އެ ޓީމުން ހެދި 8 ވިކެޓަށް 311 ލަނޑެވެ. އިނގިރޭސި އިނިންގ ގައި ސްޓޯރކްސް ވަނީ 89 ލަނޑު ހަދާފައެވެ. މީގެ އިތުރަށް މޯރގަން 57 ލަނޑު، ރޯއީ 54 ލަނޑު، ރޫޓް 51 ލަނޑު ހެދިއެވެ. ދެކުނު އެފްރިކާއިން އެންމެ ރަނގަޅަށް އުކީ 66 ލަނޑަށް 6 ވިކެޓް ނެގި އެންގިޑީއެވެ.

ޖަވާބުގައި ކުޅެން އަރައި ދެކުނު އެފްރިކާގެ ހުރިހައި ކުޅުންތެރިން ނުބައިވީ 207 ލަނޑަށެވެ. ދެކުނު އެފްރިކާއިން އެންމެ ރަނގަޅަށް ކުޅުނީ 68 ލަނޑު ހެދި ޑީކޮކެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ 50 ލަނޑު ހެދި ވެން ޑާ ޑޫސެންއެވެ. އިނގިރޭސި ޓީމުން އެންމެ ރަނގަޅަށް އުކީ 27 ލަނޑަށް 3 ވިކެޓް ނެގި އާރޗަރއެވެ. މި މެޗުގައި ސްޓޯރކްސްވެސް ވަނީ 2 ވިކެޓް ނަގައިފައެވެ. އަދި އޭނާ ހީފި އެއް ބޯޅައަކީ ކްރިކެޓްގެ ތާރީޚުގައި މީހަކު އެންމެ ރީތިކޮށް ހިފި ބޯޅައިގެ ގޮތުގައި ކްރިކެޓްގެ ތަޖުރިބާކާރުން ވިދާޅުވިއެވެ.

މި މުބާރުގައި މިއަދު ކުޅޭނީ ޕާކިސްތާނާއި ވެސްޓް އިންޑީޒެވެ. ޕާާކިސްތާނު އެންމެ ފަހުން ކުޅުނު އެއް ދުވަހުގެ 11 މެޗުން ވަނީ ބަލި ވެފައެވެ. އެކަމަކު ތަޖުރިބާކާރުން ފާހަގަ ކުރައްވާ ގޮތުގައި ވޯލްޑްކަޕް މުބާރާތުގައި އެންމެ ރަނގަޅަށް ކުޅޭ އެއް ޓީމަކަށް ޕާކިސްތާން އަބަދުވެސް ވެއެވެ. ވެސްޓް އިންޑީޒް ޓީމަކީ ޒުވާން ޓީމެކެވެ. މިހާރުގެ ކުޅުންތެރިންނަކީ މާކަ ބޮޑު ކާމިޔާބީއެއް ހޯދިފައިވާ ކުޅުންތެރިންނެއް ނޫނެވެ. އެކަމަކުވެސް މޮޅު އަދި ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެވިދާނޭ ފަދަ ކުޅުންތެރިން ޓީމުގައި ހިމެނެއެވެ. މި ދެ ޓީމަކީ ވަކި މިވެނި ގޮތަކަށް ވާނެއޭ ބުނަން އެންމެ އުނދަގޫ ދެ ޓީމެވެ.

ޕާކިސްތާނުގެ ޓީމަށް ބަލާއިރު އުކުމުގައި މުޙައްމަދު ޢާމިރުގެ ކުޅަދާނަކަން ފެނުން އެކަށީގެން ވެއެވެ. ވެސްޓް އިންޑީޒްގެ އަންޑްރޭ ރަސަލްގެ ކުޅުން ފާހަގަ ކުރެވޭނޭ ކަމަށް ލަފާ ކުރެވެއެވެ.

މިއަދުގެ މެޗުވެސް ފަށްޓާނީ މެންދުރު ފަހު 2.30 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.