އިންޑިޔާގެ އެއްގަމު ސިފައިންގެ ތެރޭގައި 30 އަހަރު ދުވަހު ޚިދުމަތް ކުރުމަށް ފަހު އޮނަރަރީ ކެޕްޓަނެއްގެ ގޮތުގައި 2017 ވަނަ އަހަރު ރިޓަޔާކުރި މީހަކު ބިދޭސީއެއް ކަަމަށް ކަނޑައަޅައިފިއެވެ.
އާސާމް ސްޓޭޓްގައި ގާއިމުކޮށްފައިވާ ޓްރައިބިއުނަލަކުން ނިންމާފައި ވަނީ އެމްޑީ، ސަނާއުއްﷲ އަކީ ބޭރު ގައުމަކަށް އުފަން ބިދޭސީއެއް ކަމުގައެވެ. ބަންގްލާދޭޝްއިން ހިޖުރަކޮށް ގަވާއިދާއި ޚިލާފަށް އާސާމުގެ ވަޒަންވެރިގެން އުޅޭކަމަށް އާސާމް ސަރުކާރުން ބުނާ އެތައް ހާސް ބައެއްގެ މައްސަލަ ބެލުމަށް އެގައުމުން ވަނީ ފޮރިނާސް ޓްރައިބިއުނަލްގެ ނަމުގައި 100 ޓްރައިބިއުނަލް އުފައްދާފައެވެ. ސަނާއުﷲ އަކީ ބިދޭސީއެއް ކަމަށް ނިންމާފައިވަނީ ކާމްރުޕްގެ އެފްޓީ-2 ޓްރައިބިއުނަލުން މި މޭ މަހުގެ 23 ވަނަ ދުވަހުއެވެ.
އާސާމްގައި ތިބި 'ހަގީގީ އިންޑިޔާ މީހުން' ވަކިކުރުމަށް އެ ސްޓޭޓުން ވަނީ 1951 ވަނަ އަހަރު ނޭޝަނަލް ރަޖިސްޓަރ އޮފް ސިޓިޒެންސް (އެންއާރްސީ) ގެ ނަމުގައި ދަފުތަރެއް ހަދާފައެވެ. އާސާމް ސަރުކާރުން ބުނާ ގޮތުގައި މިހާރު ޓްރައިބިއުނަލްތައް ގާއިމުކޮށްގެން ކުރާ މަސައްކަތަކީ އެ ދަފުތަރު އަޕްޑޭޓްކުރުމުގެ މަސައްކަތެވެ.
ސަނާއުﷲ އަކީ ބިދޭސީއެއް ކަމުގައި ކަނޑައެޅުމަށް ފަހު އޭނާ މިހާރު ވަނީ 'ގަވާއިދާއި ޚިލާފަށް' ތިބި 'ބިދޭސީން' ބަންދުކޮށްފައި ތިބޭ މަރުކަޒަކަށް ގެންގޮސްފައެވެ. އާސާމް ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައި ވަނީ ބޯކޯ ޓައުންގައި އޭނާ ދިރިއުޅޭ ގެއިންނެވެ.
ސަނާއުﷲ އަކީ އާސާމް ސްޓޭޓްގައި އޮންނަ ކާމްރުޕް ޑިސްޓްރިކްޓްގެ ބޯކޯ ޓައުންގެ ކަލާހިކާޝް އަވަށުގައި 1967 ވަނަ އަހަރު އުފަންވި މީހެކެވެ. އޭނާގެ ބައްޕައަކީ އެރަށުގައި ދިރިއުޅުނު މުޙައްމަދު ޢަލީއެވެ. އޭނާ އިންޑިޔާގެ އެއްގަމު ސިފައިންގެ ތެރޭގައި ޚިދުމަތްކުރަން ފެށީ 1987 ވަނަ އަހަރުއެވެ. 30 އަހަރުގެ ޚިދުމަތަށް ފަހު ޝަރަފުވެރިކަމާއެކު ރިޓަޔާކުރިއިރު އޭނާ ހުރީ ކޯޕްސް އޮފް އިލެކްޓްރޯނިކްސް އެންޑް މެކޭނިކަލް އިންޖިނިއާސް (އީއެމްއީ) ގެ ސޫބޭދާރެއްގެ މަގާމުގައެވެ. އޭނާ ވަނީ ކަޝްމީރުގެ މައްސަލަ ބޮޑު ސަރަހައްދުތަކުގައިވެސް ޚިދުމަތް ކޮށްފައެވެ. 2014 ވަނަ އަހަރު އޭނާއަށް ޕްރެޒިޑެންޓްސް މެޑަލް ވެސް ލިބިފައި ވެއެވެ.
ފުލުހުންނާއެކު ދިއުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސަނާއުﷲ ބުނީ އޭނާއަކީ އިންޑިޔާއަށް އުފަން އިންޑިޔާ ރައްޔިތެއް ކަމަށާ އެކަން ސާބިތުކޮށްދޭ ލިޔުންތައް އޭނާ އަތުގައި އެބަހުރިކަމުގައެވެ.
އާސާމް ސަރުކާރުން ދާނީ އެ ސްޓޭޓުގައި ދިރިއުޅޭ ބަންގްލާ ދަރިކޮޅުގެ މުސްލިމުންނަކީ ބިދޭސީން ކަމަށް ކަނޑައެޅުމަށް ވަރުގަދަ ކެމްޕޭނެއް ހިންގަމުންނެވެ. މިކަން މިގޮތަށް ކުރިޔަށް ދާއިރު، "ބުޑިސްޓުންނާއި، ހިންދޫންނާއި، ސިކުން ފިޔަވައި، (މާނައަކީ މުސްލިމުން) މިގައުމަށް ވަގަށް ވަދެ ހުރި ކޮންމެ މީހަކު މިގައުމުން ބޭރުކުރާނެ" ކަމުގައި، ނިމިގެން ދިޔަ އާއްމު އިންތިޚާބުގެ ތެރޭގައި ބާރަތިޔާ ޖަނަތާ ޕާޓީގެ ރައީސު އަމިތު ޝާހު ވިދާޅުވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ސަނާއުﷲގެ އާއިލާއިން ނިންމާފައިވަނީ އޭނާއަކީ ބިދޭސީއެއް ކަމަށް ނިންމި ނިންމުން ގުވަހާޓީ ހައިކޯޓުގައި އިސްތިއުނާފުކުރާށެވެ.