އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ދެން ވަޑައިގަންނަވާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ކުރީގެ ޚާރިޖީ ވަޒީރު އަދި ލަންޑަނުގެ ކުރީގެ މޭޔަރު ބޮރިސް ޖޮންސަން ކޯޓަށް ހާޒިކުރަން ނިންމައިފިއެވެ.
އޭނާ ކޯޓަށް ހާޒިކުރަނީ އިނގިރޭސިވިލާތުން ހަފުތާއަކު 350 މިލިއަން ޕައުންޑު (440 މިލިއަން އެމެރިކާ ޑޮލަރު) އީޔޫއަށް ދައްކާކަމަށް ވިދާޅު ރައްޔިތުންނަށް އިތުރުފުޅު ހައްދަވާފައި ވާތީ އެމައްސަލައިގައެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަކިވުމާ (ބްރެގްޒިޓް) 2016 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ކުރިން ކުރެއްވި ކެމްޕޭނުގައި އިނގިރޭސިން އީޔޫއިން ވަކިވުމަށް ވަކާލާތުކުރައްވަމުންނެވެ.
ޖޮންސަން ހާޒިރުވެވަޑައިގަތުމަށް އަންގާފައިވަނީ ވެސްޓިމިންސަރ މެޖިސްޓްރޭޓްސް ކޯޓުގައި އޮތް އިބުތިދާއީ އަޑުއެހުމަށެވެ. އެއަށް ފަހު ޝަރީއަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކްރައުން ކޯޓުގައެވެ.
"މައްސަލައާ ގުޅުން ހުރި ހުރިކާ ކަމަކަށް ބެލުމަށް ފަހުގައި މިއީ ބަޔާންކުރެވިފައިވާ ތިން ކުށުގެ މައްސަލައިގައި ކޯޓަށް ހާޒިރުވާން އަމުރުނެރުން ރަނގަޅު މައްސަލައެކަމުގައި އަހަރެންނަށް ގަބޫލުކުރެވެއެވެ." ޑިސްޓްރިކްޓް ޖަޖް މާގްރެޓް ކޯލްމަން ނެރުއްވި އަމުރުގައި ވެއެވެ.
މިއީ ޕްރައިވެޓް ޕްރޮސެކިއުޓަރެއް ކަމުގައިވާ މާކަސް ބޯލްގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އޭނާވަނީ މިކަމަށް ފަންޑެއް ހަދައި 4 ލައްކަ ޕައުންޑު އެއްކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ޖޮންސަންގެ ޓީމުން ބުނީ މިއީ "ސްޓަންޓެއް" ކަމަށާއި، ސިޔާސީ މަގުސަދަކަށްޓަކައި ނަގައިގެން އުޅޭ މައްސަލައެއް ކަމަށެވެ.
ޖޮންސަންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ އެންމެ ބޮޑު އަދަބަކި އުމުރަށް ޖަލަށްލުމެވެ.
މާކަސް ބޯލްގެ ވަކީލުންގެ ޓީމުން މި މައްސަލަ ކޯޓަށް ވެއްދީ ފެބުރުއަރީ މަހުގެ ތެރޭގައި އެމީހުން ބުނާ ގޮތުގައި ޖޮންސަން ވަނީ 2016 ގެ ބްރެގްޒިޓް ކެމްޕޭނުގެ އިތުރަށް 2017 ވަނަ އަހަރުގެ އިންތިޚާބުގެ ކެމްޕޭނުގައި ވެސް އެވާހަކަ ތަކުރާރުކުރައްވާފައެވެ.
މި ދަނޑިވަޅުގައި މި މައްސަލަ މުހިއްމުވަނީ، އިނގިރޭސީ ބޮޑުވަޒީރު އަންނަ ޖޫންމަހުގެ ކުރީކޮޅު މަގާމު ދޫކޮށްލެއްވުމުން ދެން ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވަނީ ބޮރިސް ޖޮންސަން ކަމަށް ވާތީއެވެ. އޭނާއަކީ އިނގިރޭސިން އީޔޫން ވަކިވުމަށް އެންމެ ގަދަޔަށް ވަކާލާތުކުރައްވާ އެއް ބޭފުޅާއެވެ.
މި މައްސަލައާ ގުޅިގެން ބޮރިސް ޖޮންސަންގެ ބަހެއް އަދި ލިބިފައި ނުވާއިރު، ހައުސް އޮފް ކޮމަންސް (އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ) ގައި އޭނާއާ އިދިކޮޅު ބައެއް މެންބަރުން ވަނީ މިކަމަށް މަރުހަބާ ކިޔާފައެވެ.
"މިގައުމުގައި ދެން ބޮޑުވަޒީރުކަން ކުރައްވާނެ ބޭފުޅާއަށް ވެވަޑައިގަތުމަށް ބޮރިސް ޖޮންސަން މަސައްކަތްޕުޅު ކުރައްވާއިރު، އޭނާ 2016 ވަނަ އަހަރު ހެއްދެވި އިތުރުފުޅަށް އޭނާ ޖަވާބުދާރީ ކުރުވުމަކީ ރަނގަޅުކަމެއް." ލިބަރަލް ޑިމޮކްރެޓިކް ޕާޓިގެ މެންބަރު އެޑް ޑޭވީ ވިދާޅުވިއެވެ.