އިންޑިޔާގެ ބޮޑުވަޒީރު ނަރިންދުރަ މޯދީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ތަޤްރީރުކުރެއްވުމަކީ ދިވެހި ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ޝަރަފަކާއި ފަޚްރެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެއްޖެއެވެ.
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ޖަލްސާގައި ރިޔާސަތުން ހުށަހެޅި މައްސަލައިގައި ވާހަކަ ދެއްކެވި ހުރިހާ މެންބަރުންވެސް ވަނީ މިކަމަށް ތާއީދު ކުރައްވައި ފާހަކަފުޅު ދައްކަވައިފައެވެ. މިމައްސަލައިގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެންބަރުންވަނީ ރައީސް ޔާމީންގެ ސަރުކާރުގައި އިންޑިއާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާކަން ފާހަގަކުރައްވައިފައެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އިންޑިއާއެކު އޮތް ގުޅުން އަލުން ހަރުދަނާކުރެއްވުމަށް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި އިންޑިއާއަކީ ދިވެހި ރާއްޖޭގެ ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި ވަރަށް މުހިންމު ބައިވެރިއެއްގެ ގޮތުގައި މެންބަރުން ފާހަގަކުރެއްވިއެވެ.
ކުރީގެ ޑިފެންސްމިނިސްޓަރ މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމް ޝަރީފު ދެއްކެވި ފާހަގަފުޅުގައި މިދަނޑިވަޅަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާމެދު ބަޔަކު ޝައްކުތަކެއް އުފައްދަމުންދާ ދަނޑިވަޅަކަށްވެފައި، ރާއްޖެ މިނިވަންކަމާއި އިސްތިޤްލާލް ކަށަވަރުކޮށް ބޭރުބައެއްގެ ނުފޫޒުގެ ދަށަށް ނުދާނެކަން ކަށަވަރު ކުރުމަށްޓަކައި މަޖިލީހުން މަސައްކަތްތަކެއް ކުރަންޖެހެއެވެ. އަދި އެކަން އަމާޒުވަނީ އިންޑިއާއަށް ކަމަށްވާއިރު އިންޑިއާގެ ބޮޑުވަޒީރު މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ފުރުޞަތު ދެއްވައި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ޔަޤީންކުރުމަށްޓަކައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ފާހަގަކުރެއްވިއެވެ.
އާދަމް ޝަރީފުގެ ވާހަކައަށް ރައްދު ދެއްވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ވިދާޅުވީ އިންޑީއާގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބްރޫއަރާ ވާހަކަ އަކީ ބަޔަކު ސިޔާސީ ބޭނުމަށް ދައްކަމުންގެންދާ ވާހަކައްއެއްކަމުގައެވެ. އިންޑިއާ އަކީ ރާއްޖޭގެ މިނިވަންކަން އެންމެ ފުރަތަމަ ބަލައިގަތް ގައުމުކަން ފާހަގަ ކުރައްވާ އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްޤައުމަކީ އިންޑިޔާކަން ވެސް އީވާ ފާހަގަކުރެއްވިއެވެ. އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައިވެސް އިންޑިއާއި ސްރީލަންކާފަދަ އަވަށްޓެރި ޤައުމުތަކާއެކު އޮތް ގުޅުން ހަރުދަނާ ކުރަންޖެހޭކަން ވެސް އީވާ ފާހަގަކުރެއްވި އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވިދާޅުވީ އެންމެ ޤައުމަކަށް ބަރޯސާ ވުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމުގައެވެ. މިމޭރުމުން ވާހަކަދައްކަވަމުން ޔޫއޭއީއާއެކު ގުޅުންހަރުދަނާ ކުރުމުގެ މަސައްކަތް ލަސްވަމުންދާތީ ހިތާމަކުރައްވާކަން ފާހަގަކުރެއްވިއެވެ.
މިމައްސަލައިގައި ވާހަކަދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙުމަދު އާމިރު ވިދާޅުވީ އެހެންޤަމުތަކާއެކު އޮތް ގުޅުން ހީނަރުވާފަދަ ގޮތަކަށް މެންބަރުން ވާހަކަދެއްކެވުމަކީ ކޮށްގެންވާނެކަމެއް ނޫންކަމުގައެވެ.
ޕީޕީއެމްގެ ފަރާތުން ވާހަކަދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރ އަޙުމަދު ޝިޔާމު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އެއްވެސް ޙާލެއްގައި އިންޑިއާއެކު އޮތް ގުޅުން ހީނަރުކުރުމަށް މަސައްކަތްކޮށްފައި ނުވާކަމުގައެވެ. އެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ގުޅުން ޤާއިމުކުރަންޖެހޭ އެހެން ޤައުމުތަކާއެކުވެސް ގުޅުން ޤާއިމްކުރެއްވީކަން ފާހަގަކުރެއްވިއެވެ. އަދި އިންޑިޔާގެ ބޮޑު ވަޒީރު މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ތާއިދުކުރައްވާކަން ފާހަގަކުރެއްވިއެވެ.
މިމައްސަލައިގައި މަޖިލީހުން ގޮތެއް ނިނުމުމަށް ވޯޓަށް އައްސަވާނީ މިއަދުގެ 1:30 ގައެވެ. އިންޑިއާގެ ބޮޑުވަޒީރު މޯދީ ޖޫންމަހު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ފުރުޞަތު ދެއްވުމަކީ ރައީސުލް ޖުމަހޫރިއްޔާގެ އެދި ވަޑައި ގެންނުމަށް މަޖިލީހަށް ހުށަހެޅުނު މައްސަލައެކެވެ. މިއީ އިންޑިއާގެ ބޮޑުވަޒީރު ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ފަހުން ޤައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަދި ރާއްޖެއަށް އެމަނިކުފާނު ކުރައްވާ ދެވަނަ ދަތުރުފުޅެވެ.