'އެގްބޯއީ' އަށް ލިބުނު ލައްކައެއްހާ ޑޮލަރު ކްރައިސްޓްޗާޗު ހަމަލާގެ ޝިކާރައަކަށްވީ މީހުންނަށް ހަދިޔާކޮށްފި

'އެގްބޯއި' ވިލް ކޮނޮލީ

އޮސްޓްރޭލިޔާގެ ކުރީގެ ސެނެޓަރު ފްރޭޒާ އެނިންގްގެ ބޮލަށް ބިހެއް ތަޅައިގެން 'އެގްބޯއީ' ގެ ނަމުން މަޝްހޫރުވި ވިލް ކޮނޮލީއަށް އެކި ފަރާތްތަކުން ހަދިޔާކުރި 99،922.36 އޮސްޓްރޭލިޔާ ޑޮލަރު (69،199 އެމެރިކާ ޑޮލަރު) ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ދިން ބަޑީގެ ރަހުމްކުޑަ ހަމަލާގެ ޝިކާރައަކަށްވި މީހުންނަށް ހަދިޔާކޮށްފިއެވެ.

މާރިޗު މަހުގެ 15 ވަނަ ދުވަހު މިސްކިތްތަކަށް ހަމަލާދިން ޓެރަރިސްޓު، އޮސްޓްރޭލިޔާގެ ރައްޔިތެއް ކަމުގައިވާ ބްރެންޓަން ޓެރެންޓަށް ތާއީދުކޮށް އެނިންގް ދެއްކި ވާހަކައާ ގުޅިގެން ގިނަ ބަޔަކު އޭނާއަށް ނަފުރަތުގެ ޝުއޫރު ފާޅުކުރިއެވެ. މެލްބަން ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު އެނިންގެ ނުކުންނަނިކޮށް ވިލް ކޮނޮލީ ވަނީ އޭނާގެ ހިތުގައި އުފެދުނު ނަފުރަތު ތަފާތުގޮތަކަށް ފާޅުކޮށްފައެވެ. އޭނާ އެކަން ކުރީ އެނިންގްގެ ބޮލަށް ކުކުޅު ބިހެއް ތަޅާލައިގެންނެވެ.

ބިސް ޖެހުމުގެ ހާދިސާއަށް ފަހު 'އެގްބޯއީ' ގެ ނަމުން މަޝްހޫރުވި ކޮނޮލީއަށް ގިނަ ފަރާތްތަކުން ފައިސާ ހަދިޔާކުރީފުލުހުންގެ ތަހުގީގުގައްޔާއި ކޯޓުގައި އޭނާއަށް ގާނޫނީ ލަފާދިން ފަރާތުގެ ގާނޫނީ ފީ އަދާކުރުމަށެވެ.

'އެގްބޯއީ' ބުނިގޮތުގައި އޭނާއަށް ގާނޫނީ ލަފާ ދިން ފަރާތުން އެކަން ހިލޭ ކޮށްދިނުމުގެ އޭނާ ނިންމީ އޭނާއަށް މިގޮތުން ލިބުނު ލައްކައެއްހާ އޮސްޓްރިޓްރޭލިޔާ ޑޮލަރު ޓެރަންޓުގެ އަނިޔާވެރިކަމުގެ ޝިކާރައަށް ވި މީހުންނަށާއި، އެ އަނިޔާވެރިކަމުގައި މަރުވެދިޔަ މީހުން އާއިލާތަކަށް އެހީވުމުގެ މަސައްކަތްކުރާ ދެ ޖަމާއަތަކަށް ހަދިޔާކޮށްފައެވެ.

"އެންމެފަހުން!!!...... 99،922.36 ޑޮލަރު މިއަދު ކްރައިސްޓްޗާޗު ފައުންޑޭޝަނަށާއި، ވިކްޓިމް ސަޕޯޓަށް ޓްރާންސްފާކޮށްފިން. ނޭނގި ތިބި ބަޔަކަށް ބުނެލަން. އަހަރެންގެ ގާނޫނީ ފީ ހަމަޖެއްސުމަށާއި، 'އިތުރު ބިސް ގަތުމަށް' ގޯ ފަންޑް މީ ގެ އިންޓަނެޓް 2 ސަފުހާ ހުޅުވާލެވުނު." އޭނާ ކުރި ޓުވީޓެއްގައި ވެއެވެ.

އޭނާއަށް ގާނޫނީ ލަފާދިން ގޯޑަން ލީގަލްއިން އޭނާ އަތުން ފީނުނަގާން ބަޔާންކުރަމުން އޭނާ ބުނެފައި ވަނީ "ހުރިހާ ފައިސާއެއް ގަތުލުއާންމުގެ ޝިކާރައަކަށްވި މީހުންނަށް ހަދިޔާކުރުމަށް އަހަރެން ނިންމައިފިން. ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެން ބަހައްޓަން އަހަރެންނަށް ލިބުނު ފައިސާއެއް ނޫން."

"ހިތާމަވެރި ހާދިސާގެ ޝިކާރައަކަށްވި މީހުންނަށް ބުނެލަން. މި ފައިސާއިން ތިޔަބޭފުޅުންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެކަމަށް އަހަރެންގެ ހިތުގެ އަޑިން އުއްމީދުކުރަން." އޭނާގެ ޓުވީޓު ނިންމާލަމުން ބުނެފައި ވެއެވެ.

ބިސް ޖެހުމަށް ފަހު ކޮނޮލީ ބުނެފައި ވަނީ "އެއީ ކުރުން ރަނގަޅު ކަމެއް ނޫން" ކަމަށާއި، އެނިންގް ދެއްކި ވާހަކަ އެއް ގަޑިއިރަށް އަޑު އެހުމަށް ފަހު އެކަން ކުރަން ނިންމީ ކަމަށެވެ. ބިސް ޖެހުމުގެ ހާދިސާއަށް ފަހު ވިކްޓޯރިޔާ ސްޓޭޓުގެ ފުލުހުން އޭނާ ހައްޔަރުކުރި ނަމަވެސް އޭނާގެ މައްޗަށް ދައުވާ އުފުލާފައި ނުވެއެވެ.

މި މޭމަހު ބޭއްވުނު އާއްމު އިންތިޚާބުގައި ސެނެޓުގެ ގޮނޑިއަށް ދެވަނަ ދައުރަކަށް ހޮވެން ފްރޭޒާ އެނިންގް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.