ކޮންގޯގައި ބޯޓެއް ފެތި 30 މީހުން މަރުވެ 200 އަށްވުރެ ގިނަ މީހުން ގެއްލިއްޖެ

ކޮންގޯގެ ބަޔަކު ބޯޓެއްގައި ދަތުރުކުރަނީ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރ ކޮންގޯ) ގެ ލޭކް މައި-ނިޑޮމްބޭގައި ދަތުރު ކުރަމުން ދިޔަ ބޯޓެއް އިއްޔެ އަޑިޔަށް ދިއުމުގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ އަދަދު 30 އަށް އަރާފައިވާއިރު، 200 މީހުން ވަނީ ގެއްލިފައެވެ. މި ހާދިސާ ހިނގާފައި ވަނީ ލޮކަންގާ އަވަށުގެ ކައިރީގައެވެ.

"މިހާތަނަށް އަހަރުމެންނަށް 30 މީހުންގެ ހަށިގަނޑު ލިބިއްޖެ. އެއީ 12 އަންހެނުންނާއި، 11 ކުޑަކުދިންނާއި، 7 ފިރިހެނުން." މައި-ނިޑޮމްބޭ ޕްރޮވިންސުގެ ވެރިރަށް އިނޯންގޯގެ މޭޔަރު ސައިމަން އެމްބޯ ވެމްބާ ވިދާޅުވިއެވެ. ބޯޓުގައި 350 އަށްވުރެ ގިނަ މީހުން ތިބި އިރު، ސަލާމަތްވީ 83 މީހުންނެވެ.

"މިއީ އަދި ވަގުތީ އަދަދުތަކެއް" މޭޔަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބޯޓުން ދަތުރުކުރި މީހުންގެ ފުރިހަމަ އަދަދެއް ހޯދުންވެސް ދަތިވެފައިވާ ކަމުގައެވެ. ގަވާއިދާއި ޚިލާފަށް ކޮންގޯއަށް އެތެރެވެފައިވާ މީހުންވެސް އެބޯޓުގައި ތިބިކަމަށް ވެއެވެ.

މިފަދަ ހާދިސާތަކުގައި މަރުވާ މީހުން ގިނަ ވަނީ ކޮންގޯގެ ގިނަ މީހުންނަށް ފަތަން ނޭނގޭއިރު، ބޯޓުފަހަރުގައި ލައިފުޖެކެޓުވެސް ނުހުންނާތީއެވެ.

މޭޔަރު ސައިމަން ވިދާޅުވިގޮތުގައި އެ ބޯޓުން ދަތުރުކުރި ގިނަ މީހުންނަކީ މުދައްރިސުންނެވެ. އެމީހުން ބޯޓުން ދަތުރުކުރީ އެމީހުންގެ މުސާރަ ނަގަންވެގެންނެވެ. އެއީ، މަގުތައް ސަކަރާތްކަމުން އެއްގަމު މަގުން ދަތުރުކުރުން އުނދަގޫ ކަމަކަށް ވާތީއެވެ.

ބިމުގެ ގޮތުން އެފްރިކާގެ އެންމެ ބޮޑު ގައުމު ކަމުގައިވާ ޑީއާރ ކޮންގޯއަކީ ކަނޑުގެ އައްސޭރިއާ ގުޅިފައިވާ ގައުމެއް ނޫނެވެ. އެހެންނަމަވެސް، އެ ގައުމުގެ ކޯރުތަކާއި ލޭކްތަކުގައި މީހުން އުފުލާ ބޯޓު ގިނަ އަދަދަކަށް ދަތުރުކުރެއެވެ. ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ކޮންގޯގައި ބޯޓުފަހަރަކީ މީހުން އާއްމުކޮށް އެއްތަނުން އަނެއް ދާން ބޭނުންކުރާ ވަސީލަތަކަށް ވެފައިވަނީ، ގައުމު ބޮޑުވެފައި އެއްގަމު މަގުން ދަތުރުކުރާނެ ރަނގަޅު މަގުތަކެއް ހެދިފައި ނެތުމެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.