އިންޑިޔާއާއި ޕާކިސްތާނުގެ ބޮޑުވަޒީރުން ފޯނުން ވާހަކަފުޅުދައްކަވަފި

ފާއިތުވި ފެބުރުވަރީ މަހު އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކކޮށް ހިނގި އަސްކަރީ ކުރިމަތިލުމަށް ފަހު ފުރަތަމަ ފަހަރަށް ދެގައުމުގެ ބޮޑުވަޒީރުން ވާހަކަފުޅުދައްކަވައިފިއެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވާހަކަފުޅުދައްކަވާފައިވަނީ ފޯނުންނެވެ. އެއީ އިންޑިޔާގެ އާއްމު އިންތިޚާބުގައި ބޮޑުވަޒީރު މޯދީ ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވަން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން މިއަދު ގުޅުއްވުމުންނެވެ.

ދެ ބޭފުޅުން ފޯނުން ވާހަކަދައްކަވާފައިވާކަން ފުރަތަމަ ހާމަކުރެއްވީ ޕާކިސްތާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މުޙައްމަދު ފައިސަލެވެ.

ފައިސަލްކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފޯނުން ދެއްކެވި ވާހަކަފުޅުގައި ދެ ގައުގެ ދެމެދުގައި ހުރި މައްސަލަތް ހައްލުކޮށް ސުލްހަ ގާއިމުކުރާނެ ގޮތާމެދު އިމްރާން ޚާން ގެންގުޅުއްވާ ތަސައްވަރު މޯދީއާ ހިއްސާކުރައްވާފައިވާ ކަމުގައެވެ. އަދި އެކަން ހާސިލުކުރުމަށް ބޮޑުވަޒީރު މޯދީއާއެކު މަސައްކަތްޕުޅުކުރެއްވުށް ތައްޔާރަށް ހުންނެވިކަން އިމްރާން ޚާން ހާމަކުރައްވާފައިވާ ކަމުގައެވެ.

މިއަދު ފޯނުން ވާހަކަފުޅުދެއްކެވުމުގެ ކުރިން އިމްރާން ޚާން ވަނީ ޓުވިޓާ މެދުވެރިކުރައްވައި މޯދީއަށް މަރުހަބާ ދަންނަވާފައެވެ. "ބީޖޭޕީއާއި ބައިވެރިން އިންތިޚާބުގައި ހޯދި ކާމިޔާބީއަށްޓަކައި ބޮޑުވަޒީރު މޯދީއަށް މަރުހަބާ ދަންނަވަން. އަދި ދެކުނު އޭޝިޔާގެ ސުލްހައާއި، ކުރިއެރުމާއި، ތިޔާގިކަމަށްޓަކައި އޭނާއާއެކު މަސައްކަތްކުރުމުގެ އުއްމީދުގައި ހުރިން." އިމްރާން ޚާންގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

"ބޮޑުވަޒީރު އިމްރާން ޚާން! މަނިކުފާނަށް ޝުކުރު ދަންނަވަން. މަނިކުފާނު ފާޅުކުރެއްވި ހެޔޮއެދުމަށްޓަކައި ޝުކުރު ދަންނަވަން. އަހަރެން އަބަދުވެސް އިސްކަންދީފައިވާނީ އަހަރުމެންގެ ސަރަހައްދުގެ ސުލްހައާއި ތަރައްގީއަށް." ޓުވިޓާ މެދުވެރިކުރައްވައި މޯދީ ދެއްވި ޖަވާބުގައި ވިދާޅުވެފައި ވެއެވެ.

ފާއިތުވި އަހަރުގެ ޖުލައި މަހުގައި އިމްރާން ޚާން ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް ހޮވިވަޑައިގަތުމުން ބޮޑުވަޒީރު މޯދީވެސް ފޯނުން ގުޅުއްވައި މަރުހަބާ ދެންނެވިއެވެ.  

އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އިމްރާން ޚާން ފޯނުން ގުޅުއްވުމުން މޯދީ ޖަވާބުދެއްވި ނަމަވެސް، އޭނާ ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް އިމްރާން ޚާނަށް ދައުވަތު ނުދެއްވާކަމުގައެވެ.

އަންނަ ޖޫން މަހުގެ 13 އިން 14 އަށް ކިރްގިޒްތާނުގެ ބިޝްކެކްގައި އޮންނަ ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ) ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ތެރޭގައި ބޮޑުވަޒީރު މޯދީއާއި ބޮޑުވަޒީރު އިމްރާން ޚާން ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފައި ވެއެވެ.

ޝެންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަނަކީ ސިޔާސީ، އިގްތިސާދީ އަދި ސަލާމަތީ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި 15 ޖޫން 2001 ގައި އުފެއްދި ޖަމާއަތެކެވެ. އެ ޖަމާއަތުގެ މެންބަރުންނަކީ ޗައިނާ، ކަޒަކިސްތާން، ކިރްގިޒްތާން، ރަޝިޔާ، ތަޖިކިސްތާން، އުޒްބަކިސްތާން، އިންޑިޔާ އަދި ޕާކިސްތާނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.