ލޯކްސަބާއަށް ހޮވުނު މެންބަރުންގެ %40 ގެ މައްޗަށް ޖިނާއީ ދައުވާ އުފުލިފައިވޭ: ދިރާސާ

އިންޑިޔާއި ނިމިގެންދިޔަ އާއްމު އިންތިޚާބުގައި އެގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޯކްސަބާއަށް ހޮވުނު މެންބަރުންގެ %40 ގެ މައްޗަށް އެކިވަރުގެ ޖިނާއީ ދައުވާ އުފުލިފައިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ. މި ދައުވާތަކުގެ ތެރޭގައި މީހުންމެރުމާއި، ރޭޕްކުރުން ފަދަ ބޮޑެތި ކުށްތަކުގެ ދައުވާވެސް ހިމެނެއެވެ.

އެސޯސިއޭޝަން އޮފް ޑިމޮކްރެޓިކް ރިފޯމްސް (އޭޑީއާރ) އިން ބުނީ އެ ޖަމާއަތުގެ ހޯދުންތަކުން ދައްކާގޮތުގައި އިދިކޮޅު ކޮންގްރެސް ޕާޓީގެ ފަރާތުން ހޮވުނު އެއް މެންބަރެއްގެ މައްޗަށް ފޭރުމާއި، މީހުންމެރުމުގެ ދައުވާފަދަ ބޮޑެތި ދައުވާއާއެކު ޖުމްލަ 204 ދައުވާ އުފުލިފައި ވެއެވެ.

އޭޑީއާރގެ އިންތިޚާބުތައް ދިރާސާކުރުމާބެހޭ އިސްވެރިޔާ އަނިލް ވަރްމާ ވިދާޅުވިގޮތުގައި މިއިންތިޚާބުގައި ހޮވުނު 542 މެންބަރުންގެ ތެރެއިން 233 މެންބަރެއްގެ މައްޗަށް ވަނީ ޖިނާއީ ދައުވާ އުފުލިފައެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ގާނޫނު ހަދާމަޖިލީހަކުން ފެންނަ "ވަރަށް ކަންބޮޑުވާންޖެހޭ" ސިފައެކެވެ. އަދި މިއީ "ޑިމޮކްރަސީއަށް ނުބައި އަސަރެއް ކުރާނެ" ކަމެކެވެ.

ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ފަރާތުން ހޮވުނު 303 މެންބަރުންގެ ތެރެއިން 116 މެންބަރުންގެ މައްޗަށް ވަނީ ޖިނާއީ ދައުވާ އުފުލިފައެވެ. އަދި އިދިކޮޅު ކޮންގްރެސް ޕާޓީގެ 52 މެންބަރުންގެ ތެރެއިން 29 މެންބަރުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލިފައި ވެއެވެ.

ކެރެލާ ސްޓޭޓްގެ އިޑުއްކީ ދާއިރާ ކާމިޔާބު ކުރި ކޮންގްރެސް ޕާޓީގެ ޑީން ކުރިއާކޯސްގެ މައްޗަށް 204 ދައުވާ އުފުލިފައިވެއެވެ.

އިންޑިޔާގެ ގާނޫނުތައް ބުނާގޮތުން މަގާމުގައި ހުއްޓާ ދެ އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އައިސްފައިވާ މީހަކަށް އަލުން ކުރިމަތި ނުލެވޭނެއެވެ. އެހެންނަމަވެސް، ޖިނާއީ މައްސަލައެއް ސާބިތުވެ ހުކުމެއް އައިސްފައިވާ މީހަކަށް އިންތިޚާބުގައި އަލަށް ވާދަކުރެދާނެއެވެ.

ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖިނާއީ ދައުވާ އުފުލިފައިވާ މީހުން އިންޑިޔާގެ ގާނޫނުހަދާ މަޖިލީހަށް ހޮވޭ މިންވަރު ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ވަނީ ދެގުނަ އިތުރުވެފައެވެ. މިފަހަރު ހޮވުނު 11 މީހެއްގެ މައްޗަށް މީހުން މެރުމުގެ ދައުވާ، 30 މީހެއްގެ މައްޗަށް ރާވައިގެން ބަޔަކު މަރަން އުޅުނު ކަމުގެ ދައުވާ، އަދި 3 މީހެއްގެ މައްޗަށް އިއްފަތް ފޭރުމުގެ ދައުވާ އުފުލިފައި ވެއެވެ.

ބީޖޭޕީގެ ފަރާތުން އަލަށް ހޮވުނު ހަރުކަށި ހިންދޫ ވަޠަނީ މެންބަރެއް ކަމުގައިވާ ސާދީވް ޕްރަގްޔާ ޓާކުރްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލިފައެވެ. އެއީ 2008 ވަނަ އަހަރު މިސްކިތަކަށް ހަމަލާދީ ހަ މީހަކު މަރާލި މައްސަލައެއްގައެވެ.

ނިމިގެން ދިޔަ ދައުރުގައި ލޯކްސަބާގެ 185 މެންބަރެއްގެ މައްޗަށް ޖިނާއީ ދައުވާކުރެވިފައިވާއިރު އެއްވެސް މެންބަރެއްގެ މައްޗަށް ހުކުމެއް އައިސްފައި ނުވާކަން އޭޑީއާރގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އޭގެތެރެއިން 9 މެންބަރަކު ވަނީ މިދައުރަށްވެސް ހޮވިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.