މިއަދު ވެރިރަށް ޕްރިޓޯރިޔާގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި ދެކުނު އެފްރިކާގެ ރައީސު ސިރިލް ރަމަފޯސާ އާ ދައުރަކަށް ހުވައިކުރައްވައިފިއެވެ.
އިއްޔެ ޕްރިޓޯރިޔާގެ ރަގްބީ ސްޓޭޑިއަމުގައި އޮތް ރަސްމިއްޔާތަށް 36 ހާސް އާއްމުން އެއްވިއިރު، ބޭރު ގައުމުތަކުގެ 40 ލީޑަރުން ހާޟިރުވެވަޑައިގެން ތިއްބެވިއެވެ. މިއީ އެގައުމުގެ ރައީސަކު ހުވައިކުރުމުގެ ރަސްމިއްޔާތު އާއްމުންނަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ފަހަރެވެ.
ހުވައިކުރެއްވުމަށް ފަހު ގައުމާ މުޚާޠަބުކުރައްވައި ފާހަކަފުޅު ދައްކަވަމުން، ދެކުނު އެފްރިކާ މުޅިން "އާ ޒަމާނަކަށް" ގެންގޮސްދެއްވާނެކަމުގެ ވައުދާއެކު، އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) ގެ ލީޑަރު ވިދާޅުވީ ކޮރަޕްޝަން ނައްތާލައްވައި، މަޑުޖެހިފައިވާ އިގުތިސާދަށް އަލިން ދިރުން ގެނެސްދެއްވާނެ ކަމުގައެވެ.
މި މޭ މަހުގެ 8 ވަނަ ދުވަހު ބޭއްވި އާއްމު އިންތިޚާބު އޭއެންސީން ކާމިޔާބުކުރީ %57.5 ވޯޓާއެކުގައެވެ. މިއީ، މީގެ 25 އަހަރު ކުރިން ދެކުނު އެފްރިކާގައި ޑިމޮކްރެޓިކް އިންތިޚާބު ބާއްވަން ފެށިފަހުން އޭއެންސީއަށް ލިބުނު އެންމެ ކުޑަ އަޣުލަބިއްޔަތެވެ.
ކުރީގެ ރައީސު ޖެކޮބް ޒޫމާގެ ވެރިކަމުގައި ހިނގައި ދިޔަ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކާއި، ނާޖާއިޒު ގޮތުގައި ނުފޫޒު ބޭނުންކުރުމާއި، އިގްތިސާދު ބޮއްސުންލުމުގެ ސަބަބުން އޭއެންސީއަށް ގިނަބަޔަކު ފުރަގަސްދީފައި ވެއެވެ. ޖެކޮބް ޒޫމާ ވެރިކަން ދޫކުރެއްވުމަށް އޭއެންސީގެ ތެރެއިން ކުރިމަތިކުރަމުން ދިޔަ ފިއްތުންތަކާ އެކު 14 ފެބުރުވަރީ 2018 ގައި އޭނާ އިސްތިއުފާދެއްވުމުން ސިރިލް ރަމަފޯސާ ރައީސުކަމާ ހަވާލުވެވަޑައިގަތީ ކޮރަޕްޝަން ނައްތާލައްވާނެކަމުގެ ވައުދާއެކުގައެވެ.
ދެކުނު އެފްރިކާގެ ގާނޫނު ހަދާ މަޖިލީހުން އެގައުމުގެ ރައީސުކަމަށް ސިރިލް ރަމަފޯސާ ހޮވީ އެ މަޖިލިސް އަލަށް އިންތިޚާބުވުމަށް ފާއިތުވި ބުދަދުވަހު ބޭއްވި ފުރަތަމަ ޖަލްސާގައެވެ. އުއްތަމަ ފަނޑިޔާރު މޮގޮއެންގް މޮގޮއެންގްގެ ބެއްލެވުމުގެ ދަށުން ކުރިޔަށް ދިޔަ ވޯޓުލުމުގައި އޭނާއާ އެއްވެސް ބޭފުޅަކު ވާދަކުރައްވާފައި ނުވެއެވެ.
ދެކުނު އެފްރިކާގެ އިންތިޚާބުގެ ނިޒާމު އޮންނަ ގޮތުން ރައީސު ހޮވަން، ނުވަތަ ގާނޫނުހަދާ މަޖިލީހަށް ވަކި ދާއިރާތަކުން އާއްމުން ވޯޓުނުލައެވެ. އާއްމުން ވޯޓުލަނީ ޕާޓީތަކަށެވެ. ޕާޓީތަކަށް ވޯޓު ލިބުނު ނިސްބަތުން ގާނޫނުހަދާ މަޖިލީހަށް މެންބަރުން އައްޔަންކުރަނީ ޕާޓީތަކުންނެވެ. ވެރިކަން ކުރާނީ އަޣުލަބިއްޔަތު ލިބުނު ޕާޓީއަކުންނެވެ. އަދި ރައީސަކު ހޮވާނީވެސް ގާނޫނު ހަދާ މަޖިލީހުގައި އެ ޕާޓީގެ މެންބަރު ވޯޓުދީގެންނެވެ.
ކުރިން މަސައްކަތްތެރިން ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ، އުމުރުފުޅުން 66 އަހަރުގެ ރަމަފޯސާއަކީ ދެކުނު އެފްރިކާގައި ޒަމާނުއްސުރެ އޮތް ދޮން މީހުންގެ ނަސްލީ އިމްތިޔާޒުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ދެކެވުނު ވާހަކަތަކުގައި އިސް ދައުރެއް އަދާކުރައްވައި، ކުރީގެ ރައީސު ނެލްސަން މަންޑޭލާއާ ވަރަށް ގާތުން މަސައްކަތްކުރެއްވި ބޭފުޅެކެވެ.