އައިސިސް އާ ދެކޮޅަށް ދައުވާ އުފުލުމުން އާއިލާގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ކްލޫނީ ބުނެފި

ޖޯޖް ކްލޫނީގެ އަންހެނުން އަމާލް ކްލޫނީ އައިސިސް އާ ދެކޮޅަށް ފަރަންސޭސި ކޯޓެއްގައި ދައުވާ އުފުލުމުން އާއިލާގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށް ހޮލީވުޑްގެ ތަރި ޖޯޖް ކްލޫނީ ބުނެފިއެވެ.

"ކެޗް 22" ގެ ޕްރޮމޯޝަން އިވެންޓެއްގައި ހޮލީވުޑް ރިޕޯޓަރގެ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ކްލޫނީ ބުނީ އައިސިސް އާ ދެކޮޅަށް ކޯޓަކަށް ފުރަތަމަ ފަހަރަށް މައްސަލަ ހުށަހަޅަނީ އޭނާގެ އަންހެނުން އަމާލް ކަަމަށެވެ. އެއާއި ގުޅިގެން އާއިލާއަށް ސަލާމަތީ މައްސަލަތައް ކުރިމަތިވަމުން އަންނަކަމަށް ކްލޫނީ ބުންޏެވެ. ކްލޫނީ ބުނީ އެފަދަ މައްސަލަތަކުގެ އަމާޒަކަށް އޭނާގެ ދަރީން ވާން ބޭނުން ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއް ކުރިމަތިވެދާނެތީ ކޮންމެ ދުވަހަކުވެސް މިހާރު ވަރަށް ބޮޑަށް ސަމާލުވެ ތިބެންޖެހޭ ކަމަށް އޭނާ ބުންޏެވެ.

ކްލޫނީ ބުނިގޮތުގައި އޭނާގެ އަތްނބަކާއި ދެދަރީން އެބަތިއްބެވެ. އަދި ދިރިއުޅެމުންދަނީ ވަރަށް އުފަލުގައި ކަމަށެވެ. އެހެންކަމުން ދަރީން ގޮވައިގެން ޕާކަށް ދިއުންފަދަ ކަންކަން މިހާރު ނުކުރެވޭކަން އޭނާ ފާހަގަކުރިއެވެ. އަމާލް އާއި ކްލޫނީ ކާވެނި ކުރީ 2014ވަނަ އަހަރުއެެވެ. 2017ވަނަ އަހަރުގެ ޖޫން މަހު ކްލޫނީ އާއި އަމާލް އެއްމާބަނޑު ދެ ދަރީން ލިބުނެވެ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.  

2015ވަނަ އަހަރު ހިއުމަން ރައިޓްސް ވޮޗް އިން ޔަޒީދީ އަންހެން ރެފިއުޖީންނާ ކުރި އިންޓަވިއުތަކުން އެނގުނު ގޮތުގައި އައިސިސް އިން ވަނީ ދުރާލާ ރާވައިގެން ރެފިއުޖީން ރޭޕްކޮށްފައެވެ. އޭގެ އިތުރުން ޖިންސީ ގޯނާ ކޮށް ޖިންސީ އަޅުވެތިކަމުގައި ޔަޒީދީން ގެންގުޅެފައިވެއެވެ. އަދި ގަދަކަމުން އެމީހުންނާ ކާވެނިކޮށްފައި ވެއެވެ.

މި ހޯދުންތަކާއި ގުޅިގެން މިދިޔަަ އޭޕްރީލް މަހު އަމާލް ކްލޫނީ ވަނީ އިސްލާމިކް ސްޓޭޓާ ދެކޮޅަށް ޝަރީޢަތް ހިނގުމަށް އަލިފުދާލުގެ ސެކިއުރިޓީ ކައުންސިލުގައި އެދިފައެވެ. އަމާލް ވަނީ އަލިފުދާލަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަލިފުދާލުގެ އެންމެ ބާރުގަދަ މުއައްސަސާ އަށް ހަނގުރާމައިގެ ހާލަތުގައި އަންހެނުންނަށް ލިބޭ ޖިންސީ އަނިޔާއިން ސަލާމަތް ނުކޮށްދެވޭނަމަ އެންމެ ކުޑަވެގެން އެފަދަ ޖަރީމާ ހިންގާ މީހުންނަށް އަދަބު ދޭންޖެހޭ ކަމަށް އަމާލް ބުންޏެވެ. އަދި އެކަމުގެ ޝިކާރައަކަށް ވެފައިވާ އަންހެނުންނަށް އިންސާފު ހޯދައިދިނުމަށް ސެކިއުރިޓީ ކައުންސިލުން އިސްކަން ދޭންޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ސެކިއުރިޓީ ކައުންސިލުގެ ބައްދަލުވުމުގައި ޖަރުމަނު ބަހުން ލިޔެފައިވާ ގަރާރެއްގެ ދެލިކޮޕީ އެއް ފާސްކުރެވުނެވެ. މި ގަރާާރު ފާސްކޮށްފައިވަނީ މުހިއްމު ބައިތަކެއް އުނިކޮށްޕައެވެ. އުނިކުރި ބައިތަކުގެ ތެރޭގައި އަނިޔާ ލިބުނު ރެފިއުޖީންގެ ޖިންސީ އަދި ދަރިމައިވުމުގެ ސިއްހީ ފަރުވާގެ ބައި ހިމެނެއެވެ. ގަރާރުން މުހިއްމު ބައިތަކެއް އުނިކުރި ކުރިން ބަލައިނުގަނެވޭނެ ކަމަށް ފަރަންސޭސި އެމްބެސެޑަރު ވަނީ ވިދާޅުވެފައެވެ. އެނާ ވިދާޅުވިގޮތުގައި ހަގުރާމައިގެ ހާލަތުގައި ލިބޭ ޖިންސީ އަނިޔާގައި އަންހެނަކު ބަލިވެ އިންނަނީ އޭނާގެ އަމިއްލަ އިޚްތިޔާރަކު ނޫނެވެ. އެހެންކަމުން އެ ހާލަތުން އަރައިގަނެ އެބޯޓު ކުރުމުގެ ހައްގު އޮންނާންވާނެއެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.