އިންޑިޔާގެ ގުޖަރާތު ސްޓޭޓްގެ ރަށެއް ކަމުގައިވާ ސޫރަތުގެ ކޯޗިންގ ސެންޓަރެއްގައި އަލިންފާން ރޯވުމުގެ ސަބަބުން 20 ދަރިވަރަކު މަރުވެއްޖެއެވެ.
ޚަބަރުތައް ބުނާގޮތުގައި ސޫރަތުގެ ސަރްތާނާ ސަރަހައްދުގައި ހުންނަ ޓަކްޝަޝިލާ ކޮމާޝަލް ކޮންޕްލެކްސްގައި ހުންނަ ކޯޗިންގ ސެންޓަރުގައި ރޯވިއިރު އެތަނުގެ ތިންވަނަ އަދި ހަތަރުވަނަ ފަންގިފިލާގައި ހިނގަމުންދާ ފެޝަން އިންސްޓިއުޓަކާއި، ނަށަން ދަސްކޮށްދޭ ކްލާހެއްގައި 34 ދަރިވަރުން ކިޔަވަން ތިއްބެވެ.
އަލިފާން ރޯވުމުން ގިނަ ދަރިވަރުންތަކެއް ވަނީ އަލިފާންގަޑުން ސަލާމަތްވާން ވެގެން އިމާރާތުން ބޭރަށް ފުންމާލާފައެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި ދުމުގެ ސަބަބުން ހާސްވެގެން 18 ދަރިވަރަކު ވަނީ މަރުވެފައެވެ. އެއީ 15 އަންހެންކުދިންނާއި، 3 ފިރިހެންކުދިންނެވެ. އިމާރާތުން ފުއްމާލި 12 ކުދިންގެ ތެރެއިން 2 ކުއްޖަވެސް މަނީ މަރުވެފައެވެ.
ހަތަރު ފަންގިފިލާގެ ކޮންޕްލެކްސްގައި މިއަދު މެންދުރުފަހު 3:30 ގައި ރޯވީ ކަރަންޓު ޝޯޓެއްގެ ސަބަބުންކަމަށް ބެލެވެއެވެ. ސޫރަތު ޕޮލިސް ކޮމިޝަނަރ ސަތީޝް ކުމާރު މިޝްރާ ވިދާޅުވި ގޮތުގައި އަލިފާން ރޯވި އިރު އެ އިމާރާތުންގައި ކިޔަވަން ތިބީ އުމުރުން 14 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނެވެ.
ގުޖަރާތު ސްޓޭޓްގެ ޗީފް މިނިސްޓަރު ވިޖޭ ރޫޕާނީ ވަނީ އަލިފާނުގެ ހާދިސާ ތަހުގީގުކުރަން އަމުރުކުރައްވާފައެވެ. އަދި މި ހާދިސާއި މަރުވި ކޮންމެ ކުއްޖެއްގެ އާއިލާއަށް 4 ލައްކަ ރުޕީސް (5760 އެމެރިކާ ޑޮލަރު) ދިނުމަށް ނިންމަވާފައެވެ.
މި ހާދިސާއާ ގުޅިގެން ގުޖަރާތުގެ އެންމެ ބޮޑު ރަށް އަހްމަދުއާބާދުގެ ފުލުހުން ވަނީ އެރަށުގެ ހުރިހާ ކޯޗިންގ ކިލާހަކާއި، ނަށަން ދަސްކޮށްދޭ ކިލާހަކާއި، ސަމަރ ކޭންޕުތަކެއް ފުލުހުން ވަކި ގޮތަކަށް އަންގަންދެން ބަންދުކުރަން އަންގާފައެވެ.
ބޮޑުވަޒީރު ނަރެންދްރަ މޯދީ އެއް އިރެއްގައި ޗީފު މިނިސްޓަރުކަން ކުރެއްވި، އޭނާގެ އުފަން ސްޓޭޓުގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން އޭނާ ވަނީ މަރުވި ދަރިވަރުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި އިންޑިޔާގެ ތަފާތު ސިޔާސީ ފިކުރުތަކަށް ނިސްބަތްވާ ސިޔާސީ ލީޑަރުން ގެންދަވަނީ މި ހާދިސާއާ ގުޅިގެން ހިތާމަފާޅުކުރައްވަމުންނެވެ.
ސޫރަތަކީ ގުޖަރާތުގެ ސިނާއީ މަރުކަޒެކެވެ. އަދި ދުނިޔޭގައި ހަތަރުވަނައަށް އެންމެ ހަލުވިކޮށް ތަރައްގީވަމުން އަންނަ ރަށެވެ. 4.5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މިރަށަކީ ޖަވާހިރު އެފެއްދުމަށް މަޝްހޫރު ރަށެކެވެ.