އިނގިރޭސި ބޮޑުވަޒީރު ޓެރޭސާ މޭ އިސްތިއުފާދެއްވަން ނިންމަވައިފި

އިނގިރޭސި ބޮޑުވަޒީރު ޓެރޭސާ މޭ ޖޫން 7 ގައި އިސްތިއުފާދެއްވާނެކަން މިއަދު އިއުލާންކުރައްވަނީ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޓެރޭސާ މޭ އިސްތިއުފާދެއްވަން ނިންމަވައިފިކަން އިއުލާންކުރައްވައިފިއެވެ. އޭނާގެ މި ނިންމެވެމުން މިއައީ އިނގިރޭސިވިލާތް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަކިވުމާ ގުޅޭ އެއްބަސްވުމާމެދު އޭނާގެ ޕާޓީގެ މެދުގައި ބައިބައިވުން އެފެދި، އެ އެއްބަސްވުން އެތައް ފަހަރަކު ހުށަހައިގެންވެސް ގާނޫނުހަދާ މަޖިލީހުން ފާސްނުވުމާ ގުޅިގެންނެވެ.

 އަސަރާއެކު ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ އަންނަ ޖޫން މަހުގެ 7 ވަނަ ދުވަހު ކޮންޒާވެޓިވް ޕާޓީގެ ލީޑަރުކަމުން އިސްތިއުފާދެއްވާނެކަމުގައެވެ. އެހާހިސާބުން، ޕާޓީގެ ލީޑަރު އަދި ބޮޑުވަޒީރުކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ.

"އަހަރެން ޖޫން 7 ގައި ކޮންޒާވެޓިވް އަދި ޔުނިއަނިސްޓް ޕާޓީގެ ލީޑަރުކަމުން އިސްތިއުފާދޭނަން. އެއީ އެހެން މީހަކު އެމަގާމަށް ހޮވުމަށް ފުރަސަތު ދިނުމަށް." އިނގިރޭސި ބޮޑުވަޒީރުގެ ރަސްމީ އޮފީސް، 10 ޑައުނިންގެ ސްޓްރީޓްގެ ކުރިމަތީގައި ހުންނަވައި ވާހަކަފުޅުދައްކަވަމުން ޓެރޭސާ މޭ ވިދާޅުވިއެވެ.

މަގާމުން އިސްތިއުފާދެއްވާނެކަން މޭ އިއުލާންކުރެއްވީ ކޮންޒާވެޓިވް ޕާޓީގެ ބާރުގަދަ 1922 ކޮމިޓީ (ކޮންޒާވެޓިވް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް) ގެ ޗެއާމަން ގްރަހަމް ބްރޭޑީއާ މިއަނދު ހެނދުނު (ރާއްޖޭ ގަޑިން މިއަދު މެންދުރު ފަހު) ބައްދަލުކުރެއްވަމަށް ފަހުގައެވެ. އޭނާ ވިދާޅުވީ އާ ބޮޑުވަޒީރަކު ހޮވެންދެން އޭނާ މަގާމުގައި ދެމިހުންނަވާނެކަމުގައެވެ.

ޓެރޭސާ މޭ އިނގިރޭސިވިލާތު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ އިނގިރޭސިވިލާތް އީޔޫއިން ވަކިންވާން 2106 ވަނަ ޢާއްމު ވޯޓަކުން ނިންމުމަށް ފަހު އުފެދުނު ހަލަބޮލިކަމުގެ ތެރޭގައި އޭރުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން އިސްތިއުފާދެއްވުމުންނެވެ. 13 ޖުލައި 2016 ގައި މޭ ބޮޑުވަޒީރުކަމާ ހަވާލުވެވަޑަގެންނެވީ، އިނގިރޭސިވިލާތް އީޔޫން ވަކިވުމުގެ ކަންތައް އޮމާންކަމާއެކު ނިންމަވައި، ގައުމުގައި އުފެދިފައިވާ ބައިބައިވުން ނައްތާލައްވާނެކަމުގެ ވައުދާއެކުގައެވެ. މިއަދު އޭނާ މަގާމުން ވަކިވެވަޑައިގަންނަވަން ނިންމެވީ އެވައުދު ނުފުއްދެވިއެވެ.

"އަހަރެން ވަރަށް އަވަހަށް އަހަރެންގެ ހަޔާތުގެ ޝަރަރެއް ކަމުގައި އަހަރެން ދުށް މިމަގާމު ދޫކޮށްފައި ދާނަން. އަންހެން ދެވަނަ ބޮޑުވަޒީރުގެ ގޮތުގައި. ހަމަ ޔަގީނުންވެސް އެންމެ ފަހުގެ (އަންހެން) ބޮޑުވަޒީރުގެ ގޮތުގައެއް ނޫން." ކޮށްފައިވާ އަސަރުގެ ސަބަބުން ކުރަކިވެފައިވާ އަޑަކުން ވާހަކަފުޅު ދައްކަވަމުން މޭ ވިދާޅުވިއެވެ.

"އަހަރެން މިނިންމުން ނިންމީ އެއްވެސް ހިތްހަމަނުޖެމެއް ނެތި. އަދިކިއެއްތަ، އަހަރެން އެންމެ ލޯބިވާ ގައުމަށް ޚިދުމަތްކުރުމުގެ ފުރުސަތު ލިބުނީތީ އެކަމަށް ތާއަބަދު އެންމެ މަތީ ދަރަޖައަށް ޝުކުރުވެރިވާ ހާލު." އޭނާ އިތުރަށް ވިދާޅުވިއެވެ.

ޓެރޭސާ މޭރީ ބްރޭޒިއާގެ ގޮތުގައި 1 މޭ 1956 ގައި ސަސެކްސްއަށް އުފަންވެވަޑައިގަތުމަށްފަހު، ޓެރޭސާ މޭ އަށް އޭނާވެވަޑަގަތީ 1980 ވަނަ އަހަރު، އޭނާގެ މިހާރުގެވެސް ފިރިކަލުން ފިލިޕް މޭ އާ ކައިވެނި ބައްލަވައިގަތުމުންނެވެ. އޭނާ އަކީ 1997 އިން ފެށިގެން އިނގިރޭސި ހައުސް އޮފް ކޮމަންސްގައި މެއިޑެންހެޑް ދާއިރާ ތަމްސީލުކުރައްވާ މެންބަރެވެ. ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ މިނިސްޓަރ އޮފް ވިމެން އެންޑް އީކުއަލިޓީޒް ކަމާއި، ހޯމް ސެކްރެޓަރީ (ހޯމް މިނިސްޓަރު) ކަން ކުރައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.