މެލޭޝިޔާގައި ރޯދަނުހިފައި ދުވާލުގެ ވަގުތަކުގައި ހޮޓާތަކުން ކައިބޮއިހަދާ މުސްލިމުން ހިފުމަށް ބައެއް ސަރަހައްދުތަކުގެ ގާނޫނު ތަންފީޒުކުރާ އޮފިޝަލުން ކާކުކަން ނޭނގޭގޮތަށް ހެދިގެން މަސައްކަތްކުރަމުން އެބަދެއެވެ.
މި ގޮތަށް މަސައްކަތްކުރަމުން ދަނީ ޖޮހޯރް ސްޓޭޓް އުތުރުގައި އޮންނަ ސެގާމަތު ޑިސްޓްރިކްޓްގެ ސެގާމަތު މުނިސިޕަލް ކައުންސިލް (އެމްޕީއެސް) ގެ އޮފިޝަލުންނެވެ.
މެލޭޝިޔާގެ ދުވަހު ނޫހަކަށް މައުލޫމާތުދެއްވަމުން އެމްޕީއެސްގެ ރައީސު މުޙައްމަދު މަސްނީ ވަކިމާން ވިދާޅުވި ގޮތުގައި އެ ކައުންސިލުން ދަނީ ރޯދަނުހިފާތިބެ ދުވާލުގެ ވަގުތުގައި ކައިހަދާ މީހުން އަތުލައިގަތުމަށް ސެގާމަތު ރެލިޖަސް ޑިޕާޓްމަންޓާއި ގުޅިގެން މަސައްކަތްކުރަމުންނެވެ. އެއީ، ވަކިން ޚާއްސަކޮށް އެމްޕީއެސްގެ ބެލުމުގެ ދަށުން ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގައެވެ.
"އެމްޕީއެސް އިން ހުއްދަދީގެން 15 ސަރަހައްދެއްގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ 185 ތަން ހުރޭ." އެމްޕީއެސް އޮފީހުގައި ނޫހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވިއެވެ.
މަސްނީ ފާހަގަކުރެއްވި ގޮތުގައި، މިގޮތަށް ކާކުކަން ނޭނގޭ ގޮތަށް ނުކުމެ މީހުން ހިފަން 32 އޮފިޝަލުން ހަރަކާތްތެރިވާއިރު، އޭގެތެރޭގައި މެލޭޝިޔާ މަޝްހޫރު ކެއުންތައް ކަމުގައިވާ ރޯޓީ ޗަނާއި އަދި މީ މަމަކް ތައްޔާރުކޮށް، މީރުކޮށް ސައި ހަދަން އެނގޭ ދެ ކައްކާއިންވެސް އެބައުޅެއެވެ.
"މި ގޮތަށް ސިއްރުން މަސައްކަތްކުރުމަށް ހަމުގެ ކުލަ ތަންކޮޅެއް ކަޅު އޮފިޝަލުންވެސް އަހަރުމެން އެބަފޮނުވަން. އެމީހުން ވާކަހަ ދައްކާއިރު ހީވާނީ ޕާކިސްތާނު ނުވަތަ އިންޑިޔާ މީހުންހެން. އޭރުން ޚިދުމަތް ލިބިގަންނަން އަންނަ މީހުންނަށް ހީވާނީ އެއީ އޯޑަރު ނަގައިގެން ކާބޯތަކެތި ތައްޔާރުކޮށްދޭން ގެނެސްފައި ތިބި ކައްކާއިންކަމަށް." މަސްނީ ވިދާޅުވިއެވެ.
"ކެއިންބުއިމުގެ ޚިދުމަތް ދޭ ތަންތަނަށް އަހަރެން އިލްތިމާސްކުރަން (ރަމަޟާން މަހުގެ) ދުވާލުގެ ވަގުތުތަކުގައި މުސްލިމުންނަށް ޚިދުމަތް ނުދިނުމަށް. މުސްލިމުންގެ މަދު ބައެއްގެ މި އަމަލުގެ ސަބަބުން އެހެން ދީންތަކުގެ މީހުންނަށް އެ ދެވެނީ އިސްލާމްދީނުގެ ނުބައި ތަސައްވަރެއް." އެމްޕީސްގެ އޮފިޝަލަކު ކަމުގައިވާ ބަހަރީން ޖަލާލު ވިދާޅުވިއެވެ.
32 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެލޭޝިޔާގެ ގާތްގަނޑަކަށް %62 އަކީ މެލޭ މުސްލިމުންނެވެ. އެހެންކަމުން އެގައުމުގައި ދެ ގާނޫނީ ނިޒާމެއް އޮންނައިރު، މުސްލިމުންގެ މައްޗަށް އިސްލާމީ ޝަރީޢާގު އުސޫލުތައް ތަންފީޒުކުރެވެއެވެ.
ބައެއް ސްޓޭޓްތަކުގައި ދީނާއި ޚިލާފު އަމަލުތައް ކުރާ މުސްލިމުންނަށް ހަރުކަށި އަދަބު ދެއެވެ. މިގޮތުން، ޖޮހޯރް ސްޓޭޓުގައި ރަމަޟާން މަހު ދުވާލު ކައިބޮއި ހަދަނިކޮށް ހިފޭ މުސްލިމުން 1000 ރިންގިޓުން (240 އެމެރިކާ ޑޮލަރު) ޖުރުމާނާ ކުރެއެވެ. ނުވަތަ ހަމަސް ދުވަހަށް ޖަލަށް ލައެވެ. އަދި ބައެއް ހާލަތުގައި ދެ އަދަބު އެއްކޮށްވެސް ދެއެވެ.