ރޯދަވެރިއާ ރޯދަހިފާއިރު، އޭގައި ހިފަހައްޓަންޖެހޭ އަދަބުތަކެއް ވެއެވެ. މިއީ މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ރޯދަވެރީންނަށް ދެއްވާފައިވާ އިރްޝާދުތަކެކެވެ. އޭގެ ތެރޭގައި މިދަންނަވާ ކަންތައްތައް ފާހަގަކޮށްލަމެވެ.
އިރުއޮއްސުމުން ރޯދަވީއްލުން އަވަސްކުރުން: ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ لاَيِزَالُ الناسُ بِخَيْرٍماعَجّلُوا الفطر [1] "އިރުއޮއްސުމުން ރޯދަވީއްލުން އަވަސްކުރާނަމަ މީސްތަކުން ހެޔޮކަންމަތިން ފިލައިނުދާނެތެވެ." ރޯދަ ވީއްލުން ރަނގަޅީ ކަދުރު ކޮޅަކުންނެވެ. ނުވަތަ ފޮނި އެއްޗަކުންނެވެ. ފޮނި އެއްޗެއް ނުލިބިއްޖެނަމަ ފެންފޮދަކުންނެވެ. ކީރިތި ރަސޫލާ މަޣުރިބު ނަމާދު ކުރައްވަނީ ކަދުރުކޮޅަކުން ރޯދަފުޅު ވީއްލެވުމަށް ފަހުގައެވެ.އެހެންކަމުން ރޯދަ ނުވީއްލައި މަޣްރިބު ނަމާދު ކުރުން ރަނގަޅުވެގެން ނުވެއެވެ.
ހާރުކެއުން: ރަސޫލުﷲގެފާނު ޙަދީޘް ކުރައްވަނީ تَسَحَّروا فإن فى السُّحور برَكةً [2] – "ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތެއްވެއެވެ." ހާރުކެއުމުގެ ވަގުތު ފެށެނީ މެންދަން ވުމުންނެވެ. ކިތަންމެ ކުޑަކުޑަ އެތިކޮޅެއް ކައިލިޔަސް ހާރުކެއުމުގެ ބަރަކާތް ޙާޞިލުވާނެއެވެ. އިބްނު ޙިއްބާނު ރިވާކުރައްވާ ގޮތުގައި ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވިއެވެ. "ފެން ކޯވަރަކުން ވިޔަސް ތިޔަބައިމީހުން ހާރުކާށެވެ." [3] އެހެންކަމުން ބަނޑުހައިނުވިޔަސް ހާރުކެއުމުގެ ނިޔަތުގައި ކުޑަކުޑައެއްޗެއް ކައިލުމަކީ ރަސޫލާގެ ސުންނަތެވެ.
ހާރުކެއުން ފަސްކުޅައުން: ރަސޫލުﷲގެފާނު ހާރު ފަރިއްކުޅުއްވުން ފަސްކުރައްވާފައި ވަނީ ފަތިސްނަމާދާ ހާރު ފަރިއްކުޅުއްވުމާ ދެމެދުގައި 50 އާޔަތުގެ މިންވަރު ކިޔެވޭ ވަރަށެވެ.އެހެންކަމުން ރޭގަނޑު ބާރަޖަހާކަށްހާއިރު ހާރުކެއުމަކީ ސުންނަތާ ޚިލާފުކަމެކެވެ. ރަނގަޅުގޮތަކީ ނިދާފައި ތެދުވުމެވެ. ދެން ހާރުކައިގެން ފަތިސްނަމާދު ކޮށްގެން ނިދުމެވެ.
ހަޑިހުތުރު ބަސްތަކުން ދޫ ރައްކައުތެރި ކުރުން: ރޯދައަށް ހުންނަ ވަގުތު ރޯދަވެރިޔާ ޒުވާބުކުރުމާއި އަރާރުންވުމާއި ދޮގުހެދުމާއި ނެތިމޮށުމާއި ދެބައޮޑުވުމާއި އާޑަ ފުރައްސާރަ ކުރުންފަދަ ދީން މަނާކުރާ ކަންތައްތަކުން ދޫ ރައްކައުތެރި ކުރުމަކީ ސުންނަތް ކަމެކެވެ. މިފަދަ ކަންތައްތައް ކުރާމީހާގެ ރޯދަ ( މާއްދީގޮތުން) ބާޠިލުނުވި ނަމަވެސް އޭނާގެ ރޯދައިން އޭނާއަށް ލިބޭނެ ސަވާބެއް ނޯންނާނެއެވެ. ރޯދަވެރިޔާ ކެއުންބުއިން ދޫކޮށްލައިގެން ހުރުމަށް މާތްﷲ އެދިވޮޑިނުގަންނަވައެވެ.
ރޭގަނޑު ޖުނުބުވެރި ވެއްޖެނަމަ ފަތިސްވުމުގެ ކުރިން ހިނައިގަތުން: ޖުނުބުވެރިކަންމަތީ ހުރެ ރޯދަ ހިފިދާނެއެވެ. ރޭގަނޑު ޖުނުބުވެރިވި މީހާގެ މައްޗަށް ރޭގަނޑު ހިނައިގަތުން ސުންނަތްވެގެން ވަނީ ޠާހިރުކަންމަތީ ހުރެ ރޯދަ ހިފުމަށްޓަކައެވެ.
ޙައިޟުވެރިޔާއާއި ނިފާސްވެރިޔާ ލޭކެނޑިއްޖެނަމަ ފަތިސްވުމުގެ ކުރިން ހިނައިގަތުން: ޙައިޟުވެރިޔާއާއި ނިފާސްވެރިޔާ ރޭގަނޑު ލޭކެނޑިއްޖެނަމަ ފަތިސްވުމުގެ ކުރިން ހިނައިގަތުން ސުންނަތްވެގެންވެއެވެ. ހިނައިނުގަނެ ރޯދައަށް ހުރެވިދާނެއެވެ.
ކާބޯތަކެތީގެ ރަހަ ނުބެލުން: މިއީ އެއިން އެއްޗެއް އެތެރެއަށް ހިނގައިދާނެތީ ރައްކައުތެރިވުމުގެ ގޮތުން ދުރުހެލިވާންޖެހޭ ކަމެކެވެ
ރޯދަވީއްލާއިރު ދުޢާކުރުން. ރޯދަވެރިއާ ރޯދަވީއްލާއިރު ކުރާ ދުޢާއަކީ ﷲގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ ދުޢާއެކެވެ. އެހެންކަމުން މި ވަގުތުގެ ބޭނުންކޮށްގެން ދުޢާކުރަން ހަނދާން ބަހަށްޓަވާށެވެ.
ރޯދަވީއްލުމަށްޓަކައި އެހެން މީހުންނަށް އެހީވުން: ރޯދަވެރީންނަށް ކާއެއްޗެއްސާއި ބޯއެއްޗެހި ދީގެން އެމީހުންނަށް ރޯދަ ވީއްލޭނެގޮތް ތަނަވަސްކޮށް ދިނުމަކީ ސުންނަތެކެވެ. ކާއެއްޗެއް ދެވޭވަރުގެ ތަނަވަސްކަން ނެތްނަމަ ކަދުރުކޮޅެއް ނުވަތަ ކިރުފޮދެއް ނުވަތަ ފެންފޮދެއްފަދަ އެއްޗެއް ވިޔަސް ރޯދަވެރިޔާއަށް ދިނުން އިތުރުވެގެން ވެއެވެ.
ސަދަޤާތް ކުރުން ގިނަކުރުން: އެންމެމާތް ޞަދަޤާތަކީ ކޮބައިތޯ ރަސޫލުﷲގެފާނަށް ސުވާލު ދެންނެވުމުން އެއީ ރަމަޟާންމަހުގައި ކުރެވޭ ޞަދަޤާތްކަމަށް ޙަދީޘް ކުރެއްވިއެވެ.ވީމާ، ރަމަޟާންމަހުގެ ތެރޭގައި ރޯދައަށް ހުރެގެން ކޮންމެ ދުވަހަކުވެސް ޞަދަޤާތެއް ކުރެވޭތޯ ބަލަމާ ހިނގާށެވެ!
ޤުރްއާން ކިޔެވުމާއި ޤުރްއާން އުނގެނުން ގިނަކުރުން.ރަމަޟާންމަހަކީ ޤުރްއާނުގެ މަހެވެ. މިމަހުގައި ރަސޫލުﷲގެފާނު ޖިބްރީލުގެފާނާއެކު ޤުރްއާން މުދާރަސާ ކުރެއްވިއެވެ. ރޯދަވެރިއާ ދުވާލާއި ރޭގަނޑުގެ ވަގުތުތުތަކުން ވަގުތުކޮޅެއް މިކަމަށްޓަކައި ހުސްކޮށްލުން ހުށްޓެވެ.
އިޢުތިކާފު ކުރުން: ވަކިން ޚާއްޞަކޮށް ރަމަޟާންމަހުގެ ފަހުދިހާގައި އިޢުތިކާފު ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އިޢުތިކާފު ކުރުމަކީ މާތް ﷲގެ ވަޖްހުފުޅު އަދައިގެން މިސްކިތެއްގައި ވަގުތުކޮޅަކަށް އިނުމެވެ. މި ގޮތަށް އިންނައިރު ނަމާދުކުރުމައި، ޤުރްއާން ކިޔެވުން ފަދަ ހެޔޮ އަމަލުތައް ކުރުން ރަނގަޅު ވާނެއެވެ.
[1] - رواه البخارى مسلم
[2] - رواه البخارى ومسلم
[3] - –موارد الظمآن