ރާހުލް ގާންދީއަށް އޭނާގެ 'އާއިލީ ދާއިރާ'ގައި ނާކާމިޔާބު

ރާހުލް ގާންދީ އަދި ސްމިރްތީ އީރާނީ

އިންޑިޔާގެ ލޯކްސަބާއަށް މެންބަރު ހޮވާ ދާއިރާތަކުގެ ތެރެއިން އުއްތަރު ޕްރަދޭޝް ސްޓޭޓުގެ އަމޭތީ ދާއިރާއަކީ ވޭތުވެދިޔަ ފަންސާހަކަށް އަހަރު ގާންދީ އައިލާގެ 'އާއިލީ ދާއިރާ'އެއްގެ ގޮތުގައި ބެލެވިފައިވާ ދާއިރާއެކެވެ.

މި ފަހަރު ބޭއްވި އާއްމު އިންތިޚާބުގެ ނަތީޖާ އައިއިރު، އެ ދާއިރާއަށް ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރެއްވި އެޕާޓީގެ ރައީސު ރާހުލް ގާންދީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އެ ދާއިރާއިން އޭނާ ބަލިކުރެއްވީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ފަރާތުން ވާދަކުރެއްވި ސްމިރްތީ އީރާނީއެވެ. ސްމިރްތީއަކީ އެއް އިރެއްގައި ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރުވެގެން ދިޔަ ހިންދީ ޓީވީ ސިލްސިލާ، 'ކިޔޫންކީ ސާސް ބީ ކަބީ ބަހޫ ތީ' ގައި ތުލްސީގެ ބައި އަދާކުރެއްވި ބޭފުޅާއެވެ.

ލޯކްސަބާގެ އަމޭތީ ގޮނޑި 1967 ވަނަ އަހަރުން ފެށިގެން ދެ ފަހަރެއްގެ މަތިން 4 އަހަރު ފިޔަވައި، ކޮންގްރެސް ޕާޓީގެ  ގޮނޑިއެކެވެ. އުމުރުފުޅުން 48 އަހަރުގެ ރާހުލް ގާންދީ ވަނީ 2004 ވަނަ އަހަރު އެ ގޮނޑި ކާމިޔާބުކުރައްވައި 2009 އަދި 2014 ގެ އާއްމު އިންތިޚާބުގައި އެ ގޮނޑި ދިފާއުކުރައްވާފައެވެ. 2014 ގެ އިންތިޚާބުގައި ރާހޫލް ގާންދީ އެ ގޮނޑި ކާމިޔާބުކުރެއްވީ 1 ލައްކަ ވޯޓުގެ ތަފާތުން ސްމިރްތީ އީރާނީ ބަލިކުރައްވައިގެންނެވެ. އެހެންނަމަވެސް، މި މޭ މަހުގެ 5 ވަނަ ދުވަހު ލީ ވޯޓުގައި އޭނާ ވަނީ ސްމިރްތީއާ ވާދަކުރައްވައި 30 ހާސް ވޯޓުގެ ތަފާތުން ބަލިވެވަޑައިގެންފައެވެ.

"ސްމިރްތީ އީރާނީ ވަނީ އަމޭތީ ކާމިޔާބުކޮށްފަ. އަހަރެން އޭނާއަށް މަރުހަބާކިޔަން. އަމޭތީގެ ރައްޔިތުން އެވަނީ އެމީހުންގެ ބަސް ބުނެފައި." ބަލި ގަބޫލުކުރައްވަމުން ރާހުލް ގާންދީ ވިދާޅުވިއެވެ.

ރާހުލްގެ ބޮޑުބޭބޭފުޅު ސަންޖޭ ގާންދީ 1980 ވަނަ އަހަރު އަމޭތީ ދާއިރާއިން ލޯކްސަބާގެ މެންބަރުކަން ކުރައްވާފައިވާއިރު، ރާހޫލްގެ ބައްޕާފުޅު ރާޖީވް ގާންދީ ވަނީ 1980 ވަނަ އަހަރުން ފެށިގެން 1991 ވަނަ އަހަރު އަވަހާރަކޮށްލެވުމާ ހަމައަށް އެ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ.

އަމޭތީގެ ގޮނޑި ގެއްލުނުނަމަވެސް، ރާހުލް ގާންދީ ލޯކްސަބާގެ މެންބަރެއްގެ ގޮތުގައި ދެމިހުންނަވާނެއެވެ. އެއީ ކެރެލާ ސްޓޭޓްގެ ވަޔަނާޑް ދާއިރާއިން ލޯކްސަބާއަށް ރާހޫލް ހޮވިވަޑައިގެންފައި ވާތީއެވެ. އިންޑިޔާގެ އާއްމު އިންތިޚާބުގައި އެކަކަށް އެއް ދެ ދާއިރާށް ވާދަކުރެވެއެވެ. އަދި ދެ ދާއިރާ ކާމިޔާބުކުރެވިއްޖެނަމަ، އެއް ދާއިރާ އިޚްތިޔާރުކޮށްފައި އަނެއް ދާއިރާގެ ގޮނޑި ދޫކޮށްލަން ޖެހެއެވެ.

މި އިންތިޚާބުގައި ރާހުލް ގާންދީއަށް ނާކާމިޔާބުވަޑަގެންނެވިއިރު އޭނާގެ ޕާޓީވެސް މިވަނީ ބޮޑު ތަފާތަކުން ބަލިވެއެވެ. ވެރިކަންކުރާ ބީޖޭޕީން 300 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވާއިރު ކޮންގްރެސްއަށް ލިބުނީ އޭގެ ހަބައިކުޅަ އެއްބައި ގޮނޑިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.