ބޮޑު އަޣުލަބިއްޔަތަކާއެކު ބޮޑުވަޒީރު މޯދީ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި

ބީޖޭޕީއަށް ތާއީދުކުރާ މީހުން އުފާފާޅުކުރަނީ

އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޯކްސަބާއަށް މެންބަރުން ހޮވުމަށް ފާއިތުވި އެޕްރީލް މަހުގެ 11 އިން މި މޭމަހުގެ 19 ބޭއްވީ އާއްމު އިންތިޚާބު، އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބޮޑު އަޣުލަބިއްޔަތަކާއެކު ކާމިޔާބުކުރައްވައިފިއެވެ.

ލޯކްސަބާގެ 543 ގޮނޑީގެ ތެރެއިން 542 ގޮނޑިއަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ވޯޓު މިއަދު ގުނައި ނިމެން ކައިރިވެފައި ވާއިރު، ބީޖޭޕީ އިސްވެއޮވެ އެކުލަވާލާފައިވާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސުން ވަނީ 344 ގޮނޑި ކާމިޔާބުކޮށްފައެވެ. އިދިކޮޅު ކޮންގްރެސް އެކުލެވޭ ކޯލިޝަން، ޔުނައިޓެޑް ޕީޕަލްސް އެލަޔަންސަށް މިހާތަނަށް ލިބިފައި ވަނީ 83 ގޮނޑިއެވެ. އެހެން ޕާޓީތަކަށް 114 ގޮނޑިއެވެ.

އެއް ދާއިރާގައި ވޯޓުލުން ވަނީ ކެންސަކޮށްފައެވެ. އެއީ ޓެމިލްނާޑޫގެ ވެއްލޫރު ދާއިރާއެވެ. އެއީ، އެދާއިރާގައި ގިނަ އަދަދެއްގެ ނަގުދު ފައިސާ ބަހާފައިވާ ކަމުގެ ތުހުމަތާއެކުގައެވެ.

މިފަހަރުގެ ނަތީޖާއަކީ 2014 ވަނަ އަހަރު ނަރެންދްރަ މޯދީ ބޮޑުވަޒީރުކަމަށް ހޮވިވަޑައިގަތް އިންތިޚާބަށް ވުރެ ތަފާތު ބޮޑު ނަތީޖާއެކެވެ. އެފަހަރު އެންޑީއޭ ކޯލިޝަނުން ކާމިޔާބުކުރީ 330 ގޮނޑިއެވެ. ކޮންގްރެސް ހިމެނޭ، ޔޫޕީއޭ ކޯލިޝަނުން 2014 ވަނަ އަހަރު ހޯދި 60 ގޮނޑި މިފަހަރު 87 އަށް އިތުރުކޮށްފައިވީ ނަމަވެސް އެކޯލިޝަނަށް އިންތިޚާބުގައި ލިބުނީ ބޮޑު ނާކާމިޔާބީއެކެވެ.  

ފާހަގަކޮށްލަންޖެހޭ ކަމަކީ، އެންޑީއޭ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކާ ނުލައި ބީޖޭޕީން އެކަނި ލޯކްސަބާގެ އަޣުލަބިއްޔަތު ހޯދާފައި ވުމެވެ. އެޕާޓީން ވަނީ 296 ގޮނޑި ކާމިޔާބުކޮށްފައެވެ. އެހެންކަމުން، ކޯލިޝަނުގައި ހިމެނޭ އެހެން ހުރިހާ ޕާޓީއެއް ވަކިވިނަމަވެސް ބީޖޭޕީގެ ވެރިކަން ދެމިއޮންނާނެއެވެ.

ބޮޑުވަޒީރު މޯދީގެ މި މޮޅާއެކު އިންޑިޔާގެ ކަންކޮޅުތަކުގައި އޭނާއަށް ތާއީދުކުރާ މީހުންވަނީ އުފާ ފާޅުކުރަން ފަށާފައެވެ.

ފާއިތުވި އަހަރުގެ ޑިސެންބަރު މަހު އިންޑިޔާގެ ބައެއް ސްޓޭޓްތަކުގެ ގާނޫނުހަދާ މަޖިލީހަށް މެންބަރުން ހޮވަން ބޭއްވި އިންތިޚާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބުކުރުމުން، ބޮޑުވަޒީރު މޯދީއަށް އިންޑިޔާގައި އޮތް ތާއީދު ކުޑަވަމުން ދާކަމަށް ބެލެވުނެއެވެ. އެހެންކަމުން، ކޮންގްރެސް ޕާޓީއާއި އެ ޕާޓީގެ ބައިވެރިން އުއްމީދުކޮށްގެން ތިބީ މި އިންތިޚާބުގައި ބީޖޭޕީ ބަލިކުރެވޭނެކަމަށެވެ. އެހެންނަމަވެސް، ނަތީޖާއައީ މުޅިން ތަފާތުކޮށެވެ.

ވަޒީފާ ނެތް މީހުން އިތުރުވަމުން ދިއުމާއި، ދަނޑުވެރިންގެ ދަރަނި ބޮޑުވުމާއި، ފްރާންސްގެ ރަފާއެލް ހަނގުރާމަތީ މަތިންދާބޯޓު ގަތުމުގައި ހިންގާފާއިވާ ކޮރަޕްޝަނަކީ އިދިކޮޅު ޕާޓީތަކުން އިންތިޚާބުގައި ނެގި އެންމެ ބޮޑު މައްސަލަތަކެވެ. އެހެންނަމަވެސް، އިންޑިޔާގެ އާއްމު ރައްޔިތުން ބޭނުންވީ އެހުރިހާ މައްސަލަތަކަކާއެކުވެސް ބޮޑުވަޒީރު މޯދީއަށް އިތުރު ފުރުސަތެއް ދޭށެވެ.

ބަލިވި ކޮންގްރެސް ޕާޓީގެ ފަރާތުން އަދި އެއްވެސް އެއްޗެއް ބުނެފައި ނުވާއިރު، ކޮންގްރެސްގެ ލީޑަރު ރާހޫލް ގާންދީއާއި، ޕްރިޔަންކާ ގާންދީއާއި، އެ ދެ ބޭފުޅުންގެ މަންމާފުޅު ދިއްލީގައި ބައްދަލުކުރައްވަމުން ގެންދަވާ ކަމުގެ ޚަބަރު ވަނީ ލިބިފައެވެ.

900 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ އިންޑިޔާގެ އާއްމު އިންތިޚާބަކީ ދުނިޔޭގައި ބޭއްވޭ އެންމެ ބޮޑު އިންތިޚާބެވެ. މި އިންތިޚާބުގައި ވޯޓުލާ މީހުންގެ އަދަދު ގިނަކަމުން ވޯޓުލާފައި ވަނީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.