އަފީފުތަ؟ ނޫނީ އަސްލަމްތަ؟ ވޯޓު ނެގުން ހޯމަ ދުވަހު

ފޮޓޯ: ވަން

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީން ވާދަކުރައްވާނެ ބޭފުޅަކު ކަނޑައަޅަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ވޯޓަށް އެހުން އަންނަ ހޯމަ ދުވަހު ބާއްވަން އެޕާޓީން ނިންމައިފިއެވެ.

މަޖިލިސް އިންތިޚާބުގައި 65 ގޮނޑި ކާމިޔާބުކޮށްފައިވާ އެމްޑީޕީން މަޖިލީހުގެ ރައީސަކު ހޮވުމަށްޓަކައި ޕާލިމެންޓްރީ ގްރޫޕްގެ ވޯޓު ހޯމަ ދުވަހު ބާއްވަން އެޕާޓީން ތާވަލުކުރިއިރު އެމްޑީޕީގެ ރައީސް މުޙަންމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ތާއީދު ކުރައްވަނީ ދެބޭފުޅަކަށެވެ. ނަޝީދު ތައީދު ކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙަންމަދު އަސްލަމަށެވެ. ނަމަވެސް ރައީސް ސޯލިޙު ތާއީދު ކުރައްވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފަށެވެ. މިދެބޭފުޅުންނަކީވެސް މަޖިލީހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެބޭފުޅުންނެވެ.

އެމްޑީޕީން ބުނެފައި ވަނީ ހޯމަ ދުވަހު މަޖިލީހުގެ ރައީސަކަށް ވާދަކުރައްވާނެ ބޭފުޅަކު ނިންމަންނަގާ ވޯޓުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސަކަށް އެމްޑީޕީން ވާދަކުރައްވާނެ ބޭފުޅަކުވެސް ކަނޑައަޅަން ވޯޓު ނަގާނެ ކަމަށެވެ. ނަމަވެސް ވޯޓު ނެގުން ބާއްވާނެ ގަޑިއަކާއި ތަނެއް އަދި ނިންމާފައި ނުވެއެވެ.

މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ވާދަކުރެއްވުމުގެ ޝައުގުވެރިކަން މީގެކުރިން ގިނަ މެމްބަރުންތަކެއް ފާޅު ކުރައްވާފައި ވީނަމަވެސް ރައީސް ސޯލިޙާއި ނަޝީދު ދެބޭފުޅަކަށް ތާއީދު ކުރެއްވި ހިސާބުން އަފީފާއި އަސްލަމް ފިޔަވައި ޝައުގުވެރިކަން ފާޅުކުރެއްވި އެހެން މެމްބަރުން އެމަގާމަށް ވާދަކުރެއްވުން މިހާރު ވަރަށް ދުރުކަމަށް ނަން ނުޖަހަން އެދިވަޑައިގެންނެވި އެމްޑީޕީގެ މަޖިލިސް މެމްބަރު ވިދާޅުވިއެވެ.

"މިވަގުތު ރައީސްވެސް އަދި ނަޝީދުވެސް އެއޮތީ އެދެބޭފުޅުން ތާއީދު ކުރައްވާ ބޭފުޅަކު ވަރަށް ސާފުކޮށް ވިދާޅުވެފައި. ކުރިއަކުން ރައީސް ވަކި ބޭފުޅެއްގެ ނަމެއް މީޑިޔާގައި ވިދާޅެއްނުވޭ. އެހެންވީމާ ރައީސް ސޯލިޙާއި ނަޝީދުގެ ތާއީދު އޮތް ދެބޭފުޅުން އެނގުނު ހިސާބުން އަޅުގަނޑަށް ބެލެވެނީ ރައީސް ކަމަށް ޝައުގުވެރިކަން ކުރިން ފާޅުކުރެއްވި އެހެން ބޭފުޅުންވެސް އަފީފު ނޫނީ އަސްލަމްއަށް ތާއީދު ކުރަންހެން ނިންމަވާނީ، ރައީސް ސޯލިޙު ނޫނީ ނަޝީދުގެ ތާއީދު ނެތި އަމިއްލަފުޅަށް ކުރިމަތި ލައްވައިގެން މާބޮޑު ކާމިޔާބެއް ނުލިބޭނެކަން އެބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ" އެމްޑީޕީގެ ޓިކެޓުގައި މިފަހަރު މަޖިލީހަށް ހޮވިވަޑައިގެންނެވި މެމްބަރު ނަން ނުޖެހުމަށް އެދި ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ ރޭހުގައި އަފީފާއި އަސްލަމް އެކަނި ފެނުމުގެ ފުރުޞަތު އޮތްއިރު ނައިބު ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ އަލީ އާޒިމް އާއި އީވާ އަބްދުﷲ އެވެ. މީގެތެރެއިން ނަޝީދުގެ ތާއީދު އީވާއަށް އޮންނާނެ ކަމަށް ބެލެވޭއިރު ނައިބު ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ރައީސް ސޯލިޙު ތާއީދު ކުރައްވާ ފަރާތެއް އަދި ކަށަވަރެއްނޫނެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.