ބޮންޑާގެ ދެ ލަނޑުން ޒެފިއާއަށް ގުރޫޕުގެ އެއްވަނަ ކަށަވަރު ކޮށްދީފި

މަރަދޫގައި މިހާރު ކުރިއަށްދާ "ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕް" ގައި ރޭ ކުޅުނު މެޗުގައި ޝަމްވީލް ޤާސިމް (ބޮންޑާ) ޖަހައި ދިން ދެ ގޯލާއެކު ތިން ލަނޑު ދެލަނޑުން މެޗު ކާމިޔާބުކޮށް އެފްސީ ޒެފިއާ ގްރޫޕް ބީގެ އެއްވަނަ ކަށަވަރު ކޮށްފިއެވެ. މިމެޗުގައި ޒެފިއާގެ އަނެއް ލަނޑު ޖަހައި ދިނީ ޙަސަން އިރުފާނެވެ. ސްކޫޕް ކަންމަތީގެ ދެ ލަނޑު ޖަހައިދީފައިވަނީ މުޙައްމަދު ދާނިޝް އިބްރާހީމާއި، މުޙައްމަދު އިންޝާލް އެވެ.

ފޯރިގަދަ ބަލާހިތްވާ ކުޅުމެއް ފެނިގެންދިޔަ މިމެޗު ޒެފިއާ ކާމީޔާބުކުރީ 2-0 ގެ ލީޑެއްގައި އެފްސީ ސްކޫޕް ކަންމަތި އޮއްވައި ފަހަތުން އަރައި ގާތްގާތުގައި ތިން ލަނޑު ޖަހައިގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި ކުރި ހޯދީ އެފްސީ ސްކޫޕް ކަންމަތި އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ނުޖެހި މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފަށް ސްކޫޕް ކަންމަތި ނުކުތީ އެއް ލަނޑުގެ ލީޑެއް އޮތުމުން އިތުބާރާ އެކުގައެވެ. އެހެން ކަމުން ފަހު ހާފުގެ ކުރީކޮޅު ސްކޫޕް ކަންމަތިން ވަނީ އެމީހުންގެ ދެވަނަ ލަނޑު ޖަހައި އިތުބާރު ބޮޑު ކޮށްފައެވެ. އެ ޓީމުން ދެވަނަ ލަނޑު ޖެހިތާ މިނިޓު ކޮޅެއްގެ ތެރޭގައި ޒެފިއާ ވަނީ އެމީހުން ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ. އެފަހުން މޮޅަށް ކުޅެ ގާތްގާތުގައި އިތުރު ދެލަނޑު ޖަހައި އެޓީމް ވަނީ މެޗުން މޮޅުވެ 9 ޕޮއިންޓާއެކު ގްރޫޕް ޕީގެ އެއްވަނަ ހޯދައިފިއެވެ.

މި މުބާރާތުގައި މިހާތަނަށް ދެއްކި ރަތްކާޑުވެސް ފެނިގެން ދިޔައީ މިމެޗުގައެވެ. އެކާޑު ދެއްކީ ޒެފިއާގެ މުޙައްމަދު އާލިފް ފަހުމީ އަށެވެ. އެކާޑު ދެއްކީ ސްކޫޕް ކަންމަތި ޓީމުގެ ކުޅުންތެރިއަކު ހުހަށްހުރެ ޒެފިއާގެ ޕެނަލްޓީ އޭރިއާއަށް ވަންނަން އުޅުމުން ދަތި އަޅުވައި ވައްޓާ ލުމުންނެވެ.

މި މެޗަށް މި ދެޓީމު ނުކުތް އިރުވެސް ވަނީ ކުއާޓާއަށް ދަތުރު ކޮށްފައެވެ. މެޗުން ނުކުތް ނަތީޖާއަކީ ގުރޫޕް އެއްވަނަ ދެވަނަ ކަނޑައެޅިގެން ދިއުމެވެ. އެއްވަނަ ހޯދީ ޒެފިއާއެވެ. ދެވަނަ ހޯދީ ސްކޫޕް ކަންމަތިއެވެ.

ރޭ ވަނީ މި މުބާރާތުގެ އެހެން މެޗެއްވެސް ކުޅެފައެވެ. އެމެޗުގައި ބައްދަލުކުރީ ޕަޓާސް އާއި މާކަރީ ޔުނައިޓެޑެވެ. މިމެޗު 3-0 ލަނޑުން ކާމިޔާބުކުރީ މާކަރީ ޔުނައިޓެވެ. މި ނަތީޖާއާއެކު ޕަޓާސް ކުޅުން ތިން މެޗުން ވެސް ބަލިވެ ވަނީ މުބާރާތުން ކަޓައިފައެވެ. މާކަރީ ޔުނައިޓެޑުވަނީ ބީ ގުރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ކުއާޓަރފައިނަލުން  ޖާގައެއް ކަށަވަރު ކޮށްފައެވެ.

މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ މާކަރީ ޔުނައިޓެޑުގެ ޖާޒީ ނަމްބަރ 17 ޙަސަން ޢަބްދުއްޞަމަދެވެ. އޭނާވަނީ މި މެޗުގައި ދެ ލަނޑު ޖަހައިދީފައެވެ. އަނެއް ދެ ލަނޑު ޖަހައިދީފައިވަނީ އެޓީމުގެ އިބްރާހީމް ރިމާހު އެވެ.

މިރޭ ކުޅޭނީ ގްރޫޕް ސްޓޭޖުގެ ފަހު ދެމެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ އަފިރިންނާއި ޔަންގް ވަންސް އެވެ. މިއީ ގްރޫޕް ބީ ގެ މެޗެކެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މަލްޓި ޖީނިއަސް ސިޓީއާއި އެސްއެމްޓީ އެވެ. މިއީ ގްރޫޕް ޑީ ގެ މެޗެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.