އިސްލާމްދީނަކީ އިންސާނިއްޔަތުގެ ދީނެވެ. އެދީނުގައި އިންސާނިއްޔަތަށާއި އިންސާނީ ޙައްޤުތަކަށް ވަރަށްބޮޑު އިސްކަމެއް ދެއްވާފައިވެއެވެ. ދީނުގައި ފަރްޟުކުރައްވާފައިވާ ތަފާތު އަޅުކަންތަކުގެ ޙިކްމަތްތަކުގެ ތެރޭގައި އިންސާނާގެ އިންސާނިއްޔަތުކަން ހަރުދަނާކުރުމާއި ރިވެތިކުރުން ހިމެނެއެވެ. އިންސާނާގެ ނަފްސަށް ފަރުވާދީ އޭނާގެ ނަފްސު ޠާހިރުކުރުން ހިމެނެއެވެ. އިންސާނާއަށް ރަނގަޅު މަގުދެއްކުން ހިމެނެއެވެ. މިކަމަށްޓަކައި އިސްލާމްދީނުގައި އައިސްފައިވާ ވަސީލަތްތައް ގިނަގުނައެވެ. އޭގެތެރޭގައި ޢުޤޫބާތާއި ކުށަށް އަދަބު ދިނުން ހިމެނެއެވެ. ނަމަވެސް އަދަބު ދިނުމަށްވުރެ ދީނުގައި އިސްކަންދެއްވާފައި ވަނީ ނަފްސު ޠާހިރުކޮށް ތަހްޛީބު ކުރުމަށެވެ. ޢާންމު މުޖްތަމަޢު މަތިވެރި މުޖްތަމަޢަކަށް ހެދުމަށެވެ.
އިސްލާމްދީން ބާރުއަޅަނީ އިންސާނާއަށް ކުރެވޭ ނުބައި ކަންތައްް ފާޅުނުކުރުމަށެވެ. އެކަމަކު ހެޔޮކަންތައް ފާޅުކުރުމަށެވެ. ނުބައިކަންތައް ކުރުމަށްފަހު އެކަން ހާމަކުރުމަކީ އެކަމުގައި ދެ ކުށް ހިމެނޭކަމެކެވެ. އެ ކަންކުރުމުގެ ކުށާއި އެ ކަން ހާމަކުރުމުގެ ކުށެވެ. މިހެންވެ ކީރިތިރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވަނީ أَيُّهَا النَّاسُ مَنْ أَصَابَ مِنْ هَذِهِ الْقَاذُورَاتِ شَيْئًا فَلْيَسْتَتِرْ بِسِتْرِ اللَّهِ فَإِنَّهُ مَنْ يُبْدِي لَنَا صَفْحَتَهُ نُقِمْ عَلَيْهِ كِتَابَ اللَّهِ [1] - "އޭ މީސްތަކުންނޭވެ! މި ހަޑިހުތުރު ކަންތައްތަކުގެ ތެރެއިން ކަމެއް ކުރެވުނުމީހާ ފަހެ ﷲގެ ނިވާފަތްފުޅުން އެ ކަން ފޮރުވާހުށިކަމެވެ! ފަހެ ހަމަކަށަވަރުން އޭނާގެ ޞަފްޙާ ތިމަންކަލޭގެފާނުގެ ކުރިފުޅުމަތީގައި ފާޅުކޮށްފިނަމަ އޭނާގެ މައްޗަށް ތިމަންކަލޭގެފާނު ﷲގެ ފޮތުގައިވާ ޙައްދު ޤާއިމުކުރައްވާ ހުށީމެވެ!"
ނަފްސު ޠާހިރުކުރުމާއި ތަހްޛީބުކުރުމާއި ރަނގަޅުކުރުމުގެ ބަޔަކީ ޟަމީރު ތަރްބިޔަތު ކުރުމުގެ މަތީގައިވާ ބަޔެކެވެ. މާތްﷲ ފަރްޟުކުރެއްވި ހުރިހާ އަޅުކަމެއްގައި ވެސް ޟަމީރު ތަރްބިޔަތު ކުރުން ހިމެނެއެވެ. ރޯދައަށް ބަލައިއިރު އެއީ ޟަމީރު ތަރްބިޔަތުކޮށްދޭ އަޅުކަމެއްކަން ކަށަވަރެވެ. އިޚްލާޞްތެރިކަމާއެކު ރޯދަ ނުހިފައިފިނަމަ އެއީ ރޯދައެއް ނޫނެވެ. ނުކައިނުބޮއި ހުރުމެކެވެ. ތިމާގެ ހަށިގަނޑަށް ޖެއްސޭ ބުރައެކެވެ. އެއީ ފުރިހަމަ ރޯދައެއް ނޫނެވެ. މީގެ އިތުރަށް ރޯދައަކީ ކެތްތެރިކަމާއި ރުޅިމަޑުކަން އުގަންނާދޭ އަޅުކަމެއް ވެސް މެއެވެ. ނަފްސު ކޮންޓްރޯލް ކުރުމަށްޓަކައި އެންމެ ބޭނުންވާ ދެސިފައަކީ މި ދެސިފައެވެ.
ރޯދައަކީ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކެޔުމާއި ބުއިމާއި ނަފްސުގެ ޝަހްވާތްތަކުން ދުރުހެލިވެ ހުރުން ކަމުގައި ވާތީ މިއީ އިންސާނާގެ ޠަބީޢަތާ ދެކޮޅަށްކުރެވޭ ނަފްސީ ޖިހާދެކެވެ. ރަސޫލުﷲ صلى الله عليه وسلم، ޙަދީޘްކުރައްވަނީ جَاهِدُوا أَنْفُسَكُمْ بِالجُوعِ وَالعَطَشِ [2] - "ހައިހޫނުކަމާއި ކަރުހިއްކުމުން ތިޔަބައިމީހުންގެ ނަފްސުތަކާ ދެކޮޅަށް ޖިހާދުކުރާށެވެ!" ހައިހޫނުކަމާއި ކަރުހިއްކުމަކީ ﷲގެ ޙަޟްރަތުގައި ލޮބުވެތިވެގެންވާ ކަމެކެވެ. މާތްﷲ، ރަސޫލު ބޭކަލުންގެ ތެރެއިން ވެރިކަމާއި މުއްސަނދިކަން ދެއްވި ބޭކަލުން ދެ ދުވަހުން އެއް ދުވަހު ރޯދަފުޅު ހިއްޕެވިއެވެ. އެއީ ފަޤީރުންގެ ޙާލުގެ މަތިން ހަނދުމަފުޅު ކުރެއްވުމަށާއި، މާތްﷲ ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަން ކުރެއްވުމަށް ޓަކައެވެ.
ހައިހޫނުކަމާއި ކަރުހިއްކުމުގެ ވަސީލަތަކީ ޢީސާގެފާނު އަންގަވާފައިވާ ގޮތުގައި ވެސް މާތްﷲގެ ޙަޟްރަތަށް ކުއްތަންކުރުވާނެ ކަމެކެވެ. އެކަލޭގެފާނު އެކަލޭގެފާނުގެ ޙަވާރީންނަށް އެބައިމީހުންގެ ހަށިގަނޑަށް ހައިހޫނުކަން އިޙްސާސް ކޮށްދިނުމަށް އަމުރު ކުރެއްވިއެވެ. އަދި ތަވްރާތުގައި އައިސްފައިވެއެވެ. "ފަލަ ޙިބްރުން [3] ދެކެ ކަލާނގެ ރުހިވޮޑި ނުގަންނަވައެވެ. އެހެނީ ފަލަކަމަކީ ގިނައިން ކެއުމާއި ޣާފިލުކަމުގެ ހެއްކެކެވެ."
ނަމަވެސް ރޯދަހިފުމަކީ ހަމައެކަނި ނުކައި ނުބޮއި ހުރުމެއް ނޫނެވެ. ރޯދައަށް ހުންނައިރު އޭނާގެ ގުނަވަންތައް މަޑުމައިިތިރިވެ ހަމަހިމޭންވާން ޖެހޭނެއެވެ. މާތްﷲ ރުހިވޮޑިނުގަންނަވާ ދިމާއަކަށް އެއްވެސް ގުނަވަނެއް ޙަރަކާތްތެރިވެގެން ނުވާނެއެވެ.
ހަޑިހުތުރު ބަސްތަކުންނާއި ނެތިމޮށުމުންނާއި ދޮގުހެދުމުންނާއި މީހުންނަށް އެއްޗެހި ކިޔުން ފަދަ ނުބައި ޢަމަލުތަކުން ދޫރައްކައުތެރި ކުރަން ޖެހޭނެއެވެ. ރޯދަވެރިޔާގެ ދޫ ތެމިފައި އޮންނަން ޖެހޭނީ މާތްﷲއަށް ޙަމްދުކުރުމާއި ޛިކްރުކުރުމާއި ތަކްބީރުކިޔުމާއި ތަސްބީޙަކިއުން ފަދަ ހެޔޮ ޢަމަލު ތަކުންނެވެ. ކީރިތި ޤުރްއާން ކިޔެވުމާއި މާތްﷲއަށް ޝުކްރު ދެންނެވުމުންނެވެ. ކީރިތި ރަސޫލާ އަންގަވަނީ ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުންނައިރު ފާޙިޝް ޢަމަލުތައް ނުކުރާހުށިކަމެވެ. އަދި ހަޅޭއްލަވާ އަރާރުން ނުވާހުށިކަމެވެ. މީހަކު އަރާރުންވާން އުޅޭނަމަ ތިމަން މިހުރީ ރޯދައަށޭ ބުނެ އެކަމާ ދުރުހެލިވާށެވެ!
ރޯދައަކީ އެހެންމީހުންގެ ސަބަބުން ތިމާގެ ނަފްސަށް ހުށައެޅޭ އުރެދުންތަކާއި، އެހެން މީހަކާ ނުލައި ތިމާގެ ނަފްސަށް ހުށައެޅޭ އުރެދުންތަކުން ތިމާ ރައްކައުތެރިކޮށްދޭ ވަރުގަދަ ކިއްލާއެކެވެ.
މިއިން އެގެނީ، ރޯދައަކީ އިންސާނާގެ ނަފްސު ކޮންޓްރޯލްކޮށް، ހެޔޮމަގުގައި ދެމެހެއްޓުމުގައި ވަރަށް މުހިއްމު ދައުރެއް ކުޅޭ އެއްޗެއް ކަމެވެ.
މިހެންވެ، އަލްއިމާމު އަލްޣަޒާލީ ރޯދަ ތިން ދަރަޖައަކަށް ބައްސަވައެވެ. ޢާންމުންގެ ރޯދައާއި، ޚާއްޞުންގެ ރޯދައާއި ޚާއްޞަ ޚާއްޞުންގެ ދަރަޖައެވެ. ޢާންމުންގެ ރޯދައަކީ އޭނާ ވިދާޅުވާ ގޮތުގައި، ބަނޑާއި ލަދުވެތި ގުނަވަންތައް ޝަހްވާތްތަކުން ދުރުހެލި ކުރުމެވެ. ނުވަތަ ރޯދަގެއްލޭ ކަންތައްތަކުންކުރެ ކަމެއް ނުކޮށް ރޯދަ ހިފަންޖެހޭ ވަގުތުތަކުގައި ހުރުމެވެެ.
ޚާއްޞުންގެ ރޯދައަކީ ތިމާގެ އިވުމާއި ފެނުމާއި ދުލާއި އަތާއި ފަޔާއި އެހެނިހެން ގުނަވަންތައް ކުށްފާފަތަކާ ދުރުހެލި ކޮށްގެން ހުރެ ރޯދަހިފުމެވެ.
ޚާއްޞަ ޚާއްޞުންގެ ރޯދައަކީ ތިމާގެ އިވުމާއި ފެނުމާއި ދުލާއި އަތާއި ފަޔާއި އެހެނިހެން ގުނަވަންތަކުގެ އިތުރަށް ތިމާގެ ހިތާއި ވިސްނުމާއި ފިކްރުވެސް މާތްﷲ މަނާކުރެއްވި ކަންތައްތަކާ ދުރުހެލިކޮށްގެން ރޯދަހިފުމެވެ.
ޝަހްވާތްތަކަކީ އިންސާނާގެ ގާތަށް ޝައިޠާނާ ފޯރުކޮށްދޭ މަގުތަކެވެ. ޝައިޠާނާގެ ދަނޑުފަނގުތަކަކީ ޝަހަވާތްތަކެވެ. އޭނާގެ ދަލަކީ ޝަހަވާތްތަކެވެ. ޝަހަވާތްތަކުގެ ތެރެއަށް ވެއްޓިއްޖެނަމަ އޭނާގެ ދަލުގައި ޖެހުނީއެވެ. މި ޝަހަވާތްތައް ފައްކާކޮށް ބަހައްޓައިފިނަމަ ޝައިޠާނާ އޭނާގެ ގާތަށް އައުން ހުއްޓައެއްނުލާނެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. فَإِنَّ أَطْوَلَكُمْ جُوعًا يَوْمَ الْقِيَامَةِ أَكْثَرُكُمْ شِبَعًا فِي دَارِ الدُّنْيَا [4] - "ފަހެ ހަމަކަށަވަރުން ޤިޔާމަތް ދުވަހު އެންމެހައި ހޫނުކަން ބޮޑުވެގެންވާނެ މީހަކީ ދުނިޔޭގައި އެންމެބޮޑަށް ބަނޑުފުރައިގެން އުޅުނުމީހާއެވެ." އަދި ވެސް ޙަދީޘްކުރެއްވިއެވެ. أفضلكم عند الله منزلة يوم القيامة أطولكم جوعاً وتفكراً في الله سبحانه، وأبغضكم عند الله عز وجل يوم القيامة كل نئوم أكول شروب [5] – "ޤިޔާމަތްދުވަހު ﷲގެ ޙަޟްރަތުގައި އެންމެ ދަރަޖަ މަތިވެރިވެގެންވާ މީހަކީ ދުނިޔޭގައި އެންމެ ގިނައިރު ހައިހޫނުކަމާއި ﷲ އާ މެދު ވިސްނުމުގައި އުޅުނުމީހާއެވެ. އަދި ޤިޔާމަތްދުވަހު އަރަހުށި ﷲގެ ޙަޟްރަތުގައި އެންމެ ކޯފާ ބޮޑުވެގެންވާ މީހަކީ ދުނިޔޭގައި އެންމެ ގިނައިން ނިދާ، އެންމެ ގިނައިން ކައި، އެންމެ ގިނައިން ބޮއި ހެދިމީހާއެވެ." އަދި ވެސް ޙަދީޘްކުރެއްވިއެވެ. لا تميتوا القلوب بكثرة الطعام والشراب فإن القلب كالزرع يموت إذا كثر عليه الماء [6] – ތިޔަބައިމީހުން ގިނަގުނަ ކާތަކެއްޗާއި ބޯތަކެތިން ހިތްތައް މަރައިނުލާށެވެ. ފަހެ، ހަމަކަށަވަރުން ހިތަކީ ގަހެއްފަދަ އެއްޗެކެވެ. އެއަށް މާގިނައިން ފެންދެވިއްޖެނަމަ މަރުވެދާނެތެވެ.)
[1] - رواه البيهقى و موطأ مالك
[2] - إحياء علوم الدين وكتاب روح البيان
[3] - ޙިބްރުންނަކީ ޔަހޫދީ ދީނުގެ ދަންނަ ބޭކަލުންނެވެ.
[4] - رواه ابن ماجه
[5] - إحياء علوم الدين
[6] - إحياء علوم الدين