އިންޑޮނޭޝިޔާގެ މުޒާހަރާތަކުގައި 6 މީހުން މަރުވެ 200 މީހުން ޒަޚަމްވެއްޖެ

އިންޑޮނޭޝިޔާގައި ކުރިއަށްދާ މުޒާހަރާތަކުގައި ކާރުތަކެއް އަންދާލާފައި

އިންޑޮނޭޝިޔާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ މިހާރުގެ ރައީސު ޖޯކޯ ވިދޯދޫކަން ރަސްމީކޮށް އިއުލާންކުރުމާއެކު އިދިކޮޅު ފަރާތްތަކުން ވެރިރަށް ޖަކާޓާގައި ފެށި މުޒާހަރާތައް ނުހުއްޓި ކުރިއަށް އެބަދެއެވެ.

މުޒާހަރާތައް ފެށުނު ފަހުން 24 ގަޑިވެފައިވާއިރު، މުޒާހަރާތައް ހަމަނުޖެހުމަށް ބަދަލުވެ މީހުން ތަންތަނަށާއި މުދަލަށް ވަނީ ބޮޑެތި ގެއްލުން ދީފައެވެ. މުޒާހަރާތައް ކޮންޓުރޯލުކުރަން މަސައްކަތްކުރާ ފުލުހުންނާއި، މުޒާހަރާކުރާ މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މިހާތަނަށް 6 މީހުން މަރުވެ 200 މީހުން ވަނީ ޒަޚަމްވެފައެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާންކުރަން ތައްޔާރުވަމުން އައިއިރު އިންތިޚާބުގައި ބަލިވެވަޑަގަތް ކެންޑިޑޭޓް ޕްރަބޯވޯ ސުބިއަންޓޯގެ ޕާޓީން ބުނަމުން އައީ ނަތީޖާ އިއުލާންކުރާ ދުވަހު 'ރައްޔިތުންގެ ބާރު' ދައްކާލަން މުޒާހަރާކުރާނެ ކަމަށް ބުނެ، އިންތިޚާބުގެ ނަތީޖާ އިއުލާންކުރާނެކަމަށް ބެލެވިފައި އޮތް ދުވަހު (22 މޭ، މިއަދު) މުޒާހަރާކުރުމަށް ތައްޔާރުވަމުންނެވެ.

އެންމެން ހީކޮށްގެން ތިބިގޮތާ ޚިލާފަށް، އެއް ދުވަސްކުރިން، އިއްޔެ ނަތީޖާ އިއުލާންކުރުމާއެކު، އިދިކޮޅު ކެންޑިޑޭޓު ޕްރަބޯވޯގެ ޓީމުން ވަނީ މުޒާހަރާއަށް ނުނުކުމެ، އިންތިޚާބުގެ ނަތީޖާގެ މައްސަލަ ކޮންސްޓިޓިއުޝަނަލް ކޯޓަށް ހަށަހަޅަން ނިންމައިފައެވެ.

އެހެންނަމަވެސް، ޖަކާޓާގެ މެދުތެރެ ކުރިމަތިލުމުގެ މައިދާނަކަށް ބަދަލުކޮށް މުޒާހަރާތަކާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ މުޒާހަރާތަކަކީ ކުރިއްސުރެ ރާވައިގެން ވަކި ގޮތަކަށް ބައްޓަންކޮށްގެން ކުރިއަށް ގެންގޮސްފައިވާ މުޒާހަރާތަކެއް ކަމުގައެވެ.

"މިއަދު ފަތިހު ހިނގާދިޔަ ކަންކަމަކީ ރޭވުމެއްނެތި ހަމަ ކުއްލިއަކަށް ހިނގިކަންކަމެއް ނޫން. އެއީ ހަމަ ރާވައިގެން ކޮށްފައިވާ ކަންކަން." ނޭޝަނަލް ޕޮލިސް ހެޑްކުއާޓަރސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް މުޙައްމަދު އިޤްބާލު ވިދާޅުވިއެވެ. ހަމަނުޖެހުން ހިންގަން ހިތްވަރުދިން 58 މީހަކު ހައްޔަރުކޮށްފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނީ 14 އެއްގަމު އުޅަނދެއް އަންދާލާފައި ވާއިރު އޭގެ ތެރޭން 3 އުޅަނދަކީ ފުލުހުންގެ އުޅަނދެވެ.

މުޒާހަރާތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސު ވިދޯދޯ ވިދާޅުވީ ހަމަނުޖެހުން ހިންގަން ރާވައި، ގައުމު ހަލަބޮލިކޮށްލަން މަސައްކަތްކުރާ މީހުންނަށް ފުރުސަތު ނުދެއްވާނެ ކަމުގައެވެ.

"އިންތިޚާބަކީ އިންޑޮނޭޝިޔާގެ ދިގު ދަތުރުގައި (ހިނގަމުން އައި ކަންކަމުގެ ތެރޭން) ހިނގި އެއް ކަން. ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުންނާއި، ސަރުކާރު ހިންގާ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސިޔާސީ ހަމަޖެހުމާއި، އަމާންކަން ދެމެހެއްޓުމަކީ އަހަރެންގެ ވާޖިބެއް." ރިޔާސީ ގަނޑުވަރުގައި ހުންނަވައިގެން ޓީވީން ދެއްވި ބަޔާނެއްގައި ރައީސު ވިދޯދޯ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.