ފަނޑިޔާރުންނާއި ކޮމިޝަންތަކުގެ ވެރިންނަށް ދީފައިހުރި އަގުބޮޑު ފްލެޓްތައް އަތުލާނަން: ޔައުގޫބު

ފޮޓޯ: ޕީއެސްއެމް

ކޯޓުތަކުގެ ބަޔެއް ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދީފައިވާ އަގުބޮޑު ފްލެޓްތައް އަތުލައްވާނެ ކަމަށާއި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް ތެރެއިން އެކަން ކުރިޔަށް ގެންދަވާނެ ކަމަށް މަޖިލީހުގެ ދާންދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންފައިވާ ޒުވާން މެމްބަރު ޔައުގޫބް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ޕްރޮގްރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ޔައުގޫބު ވިދާޅުވީ ކުރީގެ ސަރުކާރުން ބަޔެއް ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް އަގުބޮޑު ފްލެޓް ދީފައި ވަނީ އެއްވެސް އުސޫލަކުން ނޫން ކަމަށާއި އެގޮތަށް ފްލެޓް ދެވިގެން ނުވާނެ ކަމަށެވެ.

ޔައުގޫބު ވިދާޅުވީ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ކުރީގެ ސަރުކާރުން އުސޫލުން ބޭރުން ދީފައިވާ އަގު ބޮޑު ފްލެޓްތައް އަތުނުލައި އެބޭފުޅުންނަށް ދޫކޮށްލައްފިނަމަ އެއިން މުސްތަގުބަލަށް އެދެވެނީ ވަރަށް ނުބައި ފިލާވަޅަކަށް ވެގެންދާނެއެވެ. އެހެންކަމުން އަންނަން އޮތް ޖީލުތަކަށް އެފަދަ ނުބައި މެސެޖެއް ނުދިނުމަށްޓަކައިވެސް އެ ފްލެޓްތައް އެބޭފުޅުންގެ އަތުން އަތުލުމުގެ މަސައްކަތް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް ތެރެއިންވެސް ކުރައްވާނެ ކަމަށް ޔައުގޫބު ވިދާޅުވިއެވެ. ޔައުގޫބު އެފާހަގަ ކުރެއްވީ ކުރީގެ ސަރުކާރުން ރެހެންދި ފްލެޓުން ބަޔެއް ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ދޫކޮށްފައިވާ ފްލެޓް ތަކުގެ ވާހަކައެވެ.

ޔައުގޫބު ވަނީ މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި ދައުލަތުގެ ބަޔެއް އެހެން މުއައްސަސާތަކުގެ ވެރިންނަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ހުރިހާ މިނިވަން މުއައްސަސާތަކުގެ މެމްބަރުންވެސް އަދި ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ ވެރިންވެސް މި ސަރުކާރުން ބަދަލު ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި މުއައްސަސާތަކުން ހިތުހުރި ގޮތަކަށް ކަންކަން ކުރުމަށް ފަހު ރައީސް ސޯލިޙުގެ ސަރުކާރު އައުމާއެކު އެހެން ގޮތަކަށް ކަންކަން ދައްކަމުން ދަނީ ވަޒީފާ ދިފާއު ކުރެއްވުމަށް ކަމަށާއި ނަމަވެސް އެއްވެސް މުއައްސަސާއެއްގެ މެމްބަރަކަށް އެފުރުޞަތު ނުދެއްވާނެ ކަމަށެވެ.

"ވަކި މުއައްސަސާއެއްނޫން، ހަމަ ހުރިހާ މުއައްސަސާއެއްގެ އިސްވެރިން ބަދަލު ކުރަންޖެހޭނެ" ޔައުގޫބު ވިދާޅުވިއެވެ.

ޔައުގޫބަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރެކެވެ. އެމްޑީޕީގެ ޓިކެޓުގައި ދާންދޫ ދާއިރާގެ ގޮނޑި އޭނާ ކާމިޔާބު ކުރެއްވިރު ޓީވީއެމްގެ މަޖިލިސް ބަހުސްގައި ހުވަދޫ ބަހުން އޭނާ ކުރެއްވި ބަހުސް ވެފައި ވަނީ މަޖިލިސް އިންތިޚާބުގެ ބަހުސްގައި އެންމެގިނަބަޔަކު ފާހަގަ ކުރި ބަހުސަށެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

5 ޚިޔާލު

  1. ޔައުގޫބޫ! ކަލޭ ދެއްކި ވާހަކައިން ކަލޭ ބޭޒާރުވެ އޮރިޔާންވެއްޖެ. ތަހުގީގެއްނެތި ހެއްކެއްނެތި ނިޔާކަނޑައަޅަން ނޫޅޭތި! ގޮނޑިއެއް ލިބުމަކީ ސިދުރަތުލް މުންތަހާއަށް އެރުމެއްނޫން!

  2. ޔައުގޫބު ގޮވީ ކޮސް އޭނާ ބުނީ ޔާމިން ސަރުކާރުން އެޅި ފްލެޓެއް ވެސް ނެތޭ ... އަދި ބުނީ ފެނާ ނަރުދަމާ ރާއްޖޭގެ ހުރިހާ ރަށަކަށް ދޭނީ އަހަރެމެންނޭވެސް ދޮގު ހަދަން ވެސް މީ ވަރަށް ބޮޑު ވަރު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.