ސައޫދީ އެއާޕޯޓެއްގައި ހުރި 'ހަތިޔާރު ގުދަނަކަށް' ޙޫޘީން ހަމަލާ ދީފި

ނަޖްރާނުގައި، ސައޫދީ-ޔަމަން ސަރަހައްދީ ރޮނގުގައި ސައޫދީ ސިފައިން ފޯރިމަރަނީ

ސައުދީ އަރަބިއްޔާ ދެކުނުގައި އޮންނަ ނަޖްރާންގެ އެއަޕޯޓުގައި ހުރި 'ހިތިޔާރު ގުދަނަށް ބޮން އުފުލާ ޑްރޯނަކުން ހަމަލާދީފިކަމަށް ޙޫޘީން ބުނެފިއެވެ.

ޙޫޘީންގެ ޓީވީ ޗެނެލް އަލްމަސީރާއިން ބުނިގޮތުގައި ހަމަލާ ދީފައި ވަނީ ހޯމަ ދުވަހުގެ ރެއެވެ.

ސައޫދީ އަރަބިއްޔާ އިސްވެ އޮވެ ޔަމަނުގެ ސަރުކާރުގެ ދިފާއުގައި ހަނގުރާމަކުރާ ކޯލިޝަނުގެ ތަރުޖަމާނު ކާނަލް ތުރްކީ އަލްމާލިކީއާ ހަވާލާދީ ސައޫދީ ޕްރެސް އެޖެންސީން ބުނިގޮތުގައި ޙޫޘީން މަސައްކަތް ކޮށްފައި ވަނީ ނަޖްރާނުގެ މަދަނީ ތަނަކަށް ހަމަލާ ދިނުމަށެވެ. އެ އެޖެންސީން އިތުރު ތަފްސީލެއް ދީފައި ނުވެއެވެ.

ނަޖްރާނަކީ ސައޫދީ ވެރިރަށް ރިޔާޟުގެ ހުޅަނގު ދެކުނުން 840 ކިލޯމީޓަރު ދުރުގައި ޔަމަނުގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ރަށެކެވެ. ޙޫޘީން ވަނީ އެރަށަށް ގިނަ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

އަލްމާލިކީ ބުނިގޮތުގައި މިފަދަ ހަމަލާތަކަށް 'ވަރުގަދަ ރައްދެއް ދެވޭނެއެވެ. އަދި އޭނާ ޙޫޘީން ސިފަކުރީ "އިރާނުގެ ޓެރަރިސް މިލިޝިޔާ" ގެ ގޮތުގައެވެ.

ފާއިތުވި ހަފުތާގައި ޙޫޘީން ވަނީ ސައޫދީ އަރަބިއްޔާގެ އިރުމަތިން ހުޅަނގަށް ތެޔޮ ފޮނުވާ މައި ތެޔޮހޮޅިއަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައެވެ. އަދި އިއްޔެ މައްކާއަށް އަމާޒުކޮށް ޙޫޘިން ފޮނުވާލި ދެ މިސައިލެއް އަމާޒަށް ވާސިލުވުމުގެ ކުރިން ނައްތާލާފައިވާކަމަށް ވެސް ސައޫދީ އަރަބިއްޔާ އިން ވަނީ ބުނެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.