އިންޑޮނޭޝިޔާގައި ފާއިތުވި އެޕްރީލް މަހު 17 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އެގައުމުގެ ޖެނެރަލް އިލެކްޝަންސް ކޮމިޝަން (ކޭޕީޔޫ) އިން މިއަދު ހެނދުނު އިއުލާންކޮށްފައެވެ. އެ ނަތީޖާ ދައްކާގޮތުން މިހާރުގެ ރައީސު ޖޯކޯ ވިދޯދޯ ވަނީ ފަސޭހަކަމާއެކު ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފައެވެ.
ރައީސު ވިދޯދޯއާއި އޭނާގެ ރަނިންމޭޓް މަޢުރޫފު އަމީން ވަނީ ވޯޓުގެ %55.5 ހޯއްދަވައިފައެވެ. އެއީ 85.6 މިލިއަން ވޯޓެވެ. އޭނާއާ ވާދަކުރެއްވި ޕްރަބޯވޯ ސުބިއަންޓޯއާއި އޭނާގެ ރަނިންމޭޓް ސަންޑިއާގާ އުނޯއަށް ލިބިވަޑައިގަތީ ވޯޓުގެ %44.5 އެވެ. އެއީ 68.6 މިލިއަން ވޯޓެވެ. ވިދޯދޯ ވަނީ އިންޑޮނޭޝިޔާގެ 34 ޕްރޮވިންސުގެ ތެރެއިން 21 ޕްރޮވިންސު ކާމިޔާބުކުރައްވާފައެވެ.
"މިނިންމުން އިއުލާން މިކުރެވުނީ މޭ 21 ގައި........ އަދި މިއުލާނާ އެއްގޮތަށް މިވަގުން ފެށިގެން އަމަލުކުރެވޭނެ." އިންޑޮނޭޝިޔާ ޚަބަރުފަތުރާ ވަސީލަތްތަކުން ވަގުތުން ދެއްކި އިއުލާނުގައި ކޭޕީޔޫގެ ރައީސު ޢަރީފު ބުދިމަން ވިދާޅުވިއެވެ.
ރަސްމީ ނަތީޖާ އިއުލާންކުރާނެކަމަށް ކުރިން ބެލެވިފައި އޮތީ ބުދަ ދުވަހެއެވެ. އެހެންނަމަވެސް، ކުޑަ ވަގުތުކޮޅެއްގެ ނޯޓިސް ދިނުމަށް ފަހު މިއަދު ހެނދުނު ކުއްލިގޮތަކަށް ނަތީޖާ އިއުލާންކުރުމުން އިދިކޮޅު ކެންޑިޑޭޓާއި އޭނާގެ ގްރޭޓް އިންޑޮނޭޝިޔާ މޫވްމަންޓް ޕާޓީ (ގެރިންދްރާ) އިން ވަނީ ހިތްހަމަނުޖެހިފައެވެ. ނަތީޖާ އިއުލާންކުރި އިރު އިދިކޮޅު މަންދޫބު ހާޒިރުވެފަވެސް ނުވެއެވެ. އަދި ރަސްމީ ނަތީޖާގައި ސޮއިކޮށްފައި ވެސް ނުވެއެވެ.
ރަސްމީ ނަތީޖާ އިއުލާންކުރާ ދުވަހާ ހަމައަށް އައިއިރު އިންޑޮނޭޝިޔާގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެ، އިދިކޮޅު ޕާޓީތަކުން ދިޔައީ ބުދަ ދުވަހު ނަތީޖާ އިއުލާންކުރުމާ ދިމާކޮށް ވަރުގަދަ މުޒާހަރާތަކެއް ބާއްވަން ތައްޔާރުވަމުންނެވެ. ނަތީޖާ އިއުލާންކުރުން ކުއްލިގޮތަކަށް އަވަސްކުރީ އެހެންވެ ކަމަށް ބެލެވެއެވެ.
އިދިކޮޅު ޕާޓީތަކުން ރަސްމީ ނަތީޖާ ގަބޫލެއް ނުކުރެއެވެ. "ޑިމޮކްރަސީއާ ދެކޮޅު މި ބޭއިންސާފާއި، މަކަރާއި، ދޮގުގެ ކުރިމަތީގައި އަހަރުމެން އަމާންނުދޭނަން." އިދިކޮޅު ކެންޑިޑޭޓް ޕްރަބޯވޯގެ ކެންޕޭން ޓީމުގެ މަންދޫބަކު ކަމުގައިވާ އަޒީސް ސުބެކްތީ ވިދާޅުވިއެވެ.
އެހެންނަމަވެސް، ދާއިމީ ނަތީޖާގެ މައްސަލަ ޕްރަބޯވޯގެ ފަރާތްޕުޅުން ކޯޓަށް ހުށަހަޅާނެކަން އަދި ކަށަވަރުވެފައި ނުވެއެވެ. އިންތިޚާބުގެ މައްސަލަތަށް ނަތީޖާ އިއުލާންކުރާތާ ތިން ދުވަހުގެ ތެރޭގައި އެގައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓަށް ހުށަހަޅަން ޖެހެއެވެ. މި މުއްދަތުގައި މައްސަލެއް ހުށަނާޅައިފިނަމަ މި މަހުގެ 24 ވަނަ ދުވަހު ދާއިމީ ނަތީޖާ އިއުލާންކުރާނެއެވެ.
ރިޔާސީ އިންތިޚާބާއެކު ބޭއްވުނު އާއްމު އިންތިޚާބުގައިވެސް ރައީސު ވިދޯދޯގެ ކޯލިޝަނުން ވަނީ ކުރި ހޯދާފައެވެ.
ރައީސު ޖޯކޯ ވިދޯދޯގެ ކޯލިޝަން، ކިކް އެލަޔަންސުން ވަނީ ވޯޓުގެ %52.41 ކާމިޔާބުކޮށްފައެވެ. އިދިކޮޅު ކޯލިޝަން ކިއާމް އެލަޔަންސަށް ކާމިޔާބުކުރެވުނީ ވޯޓުގެ %37.41 އެވެ.
އިންޑޮނޭޝިޔާގެ ގާނޫނުހަދާ މަޖިލީހަށް މެންބަރުން ހޮވުމުގެ އުސޫލު އޮންނަ ގޮތުން ވަކިވަކި މެންބަރުން ހޮވުމަށް ވޯޓުލުމެއް ނޯވެއެވެ. މެންބަރުން ހޮވަނީ ޕްރޮޕޯޝަނަލް ރެޕްރެޒެންޓޭޝަން' އުސޫލުންނެވެ. މާނައަކީ، ޕާޓީތަކަށް އާއްމު ވޯޓު ލިބޭ ނިސްބަތުން ގޮނޑި ލިބޭ ގޮތަށެވެ. އެހެންކަމުން، ގިނަ ގޮނޑި ލިބޭނީ ވިދޯދޯގެ ކޯލިޝަނަށެވެ.