ޠޫފާން އަރައި ސުންނާފަތިވެފައިވާ މޮޒަންބީކުގެ އުތުރުގައި މުސްލިމުން ރަމަޟާން މަސް ހޭދަކުރަނީ ނިކަމެތި ހާލުގައި

ޠޫފާން އަރައި ސުންނާފަތިވެފައިވާ އިބޯ

ފާއިތުވި މާރިޗު މަހުގެ މެދުތެރޭގައި އިރު ދެކުނު އެފްރިކާއަށް އެރި ބާރުގަދަ ޠޫފާން އިދާއީގެ ސަބަބުން ސުންނާފަތިވެފައިވަނިކޮށް އަނެއްކާ އެޕްރީލް މަހު އެރި ކެނެތު ޠޫފާނުގެ ސަބަބުން އިތުރަށް ގެއްލުންލިބިފައިވާ މޮޒަންބީކުގެ އުތުރު ސަރަހައްދުގައި މުސްލިމުން ރަމަޟާން މަސް ހޭދަކުރަމުން ދަނީ ނިކަމެތި ހާލުގައެވެ. ކިސަޑުންނާއި ދަނޑިފަނުން ގިނަ އިމާރާތްތައް ހަދާފައި ހުރި ފަގީރު ސަރަހައްދުތަކުގެ ގެތައް މުޅިން ހަލާކުވެފައި ވާއިރު، އަޅުކަންކުރާނެ މިސްކިތެއްވެސް ނެތީއެވެ. އަދި ކާބޯތަކެތީގެ ދަތިކަންވެސް ވަނީ ބޮޑުވެފައެވެ.

އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދަކީ މޮޒަންބީކުގެ އުތުރުގައި އޮންނަ ކިރިންބަސް ރަށްތަކެވެ. އެރަށްތަކުގެ ތެރެއިން ގުލޫދޯ އާއި އިބޯ ވަނީ މުޅިން ސުންނާފަތި ވެފައެވެ. މުޅި ރަށުތެރެއިން ފެންނަނީ ފުނޑުފުނޑުވެ އޮޔާ ގޮސް ފުނިފުންޏަށް ޖެހިފައިވާ ދަނޑިފަނު ގެތަކާއި، އެ ގެތަކުގައި ހުރި ތަކެއްޗާއި، ހިފާ ގެންގުޅޭ ސާމާނެވެ.

އާދައިގެ ދުވަސްތަކެއްނަމަ، އެރަށުގެ މީހުން މިހާރު މަޝްޣޫލުވެގެން ތިބޭނީ ރަމަޟާން މަހުގެ ރޯދަ ހިފައިގެން އަޅުކަންކުރުމުގައެވެ. ނަމަވެސް ރަށުތެރޭން މިހާރު ފެންނަނީ އެހެން މަންޒަރެކެވެ. ސުންނާފަތިވެފައިވާ ގެތައް އަލުން މަރާމާތުކޮށް، ގެތަކުގެ ސާމާނުގެ ތެރެއިން ސަލާމަތްކުރެވުނު އެއްޗެއް އެއްކުރެވޭތޯ މަސައްކަތްކުރާ ތަނެވެ.

މާރިޗު މަހުގެ މެދުތެރޭގައި އިދާއީ ޠޫފާން އަރައި ސުންނާފަތިވެފައި އޮތް ސަރަހައްދަށް އެޕްރީލް މަހު 25 ވަނަ ދުވަހު އެރި ކެނެތު ޠޫފާނުން އަނެއްކާ ވަނީ ގެއްލުން ބޮޑުވެގެން ގޮސްފައެވެ.

"އަހަރެންގެ ގެއަށް ހިފަހައްޓާލެވޭ ވަރަށްވުރެ އައި ވަޔާއި ވާރޭ މާ ގަދަފަދަ. އަހަރެންގެ ހުރިހާ އެއްޗެއް ގެއްލި ދިޔައީ.
ގުލޫދޯއިން އަލްޖަޒީރާއަށް މައުލޫމާތުދިން 53 އަހަރުގެ އަސްމާ މުޝިއްލާ ބުންޏެވެ. އޭނާގެ ގެއާއި ގޭގައި ރައްކާކޮށްފައި ހުރި ހުރިހާ ކާބޯތަކެއްޗެއް ވަނީ އޮޔާ ގޮސްފައެވެ.

"މިހާރު އަހަރެން ހުންނަން ޖެހޭނީ ރޯދަހިފައިގެން. އެކަމަކު އަހަރެންނަށް އެކަން ރަނގަޅަށް ނުކުރެވޭ. ބައެއް ދުވަހު ކާއެތިކޮޅެއް ލިބުނީމާ ކާލަނީ. ދެން ކާއެތިކޮޅެއް ލިބޭނީ ކޮންއިރަކުކަން ނޭނގޭތީ. ކާބޯތަކެތީގެ އެހީ ލިބޭނަމަ އަހަރެން ގަވާއިދުން ރޯދަހިފާނަން." އޭނާ ކިޔައިދިނެވެ.

ކިރިންބަސް ރަށްތަކުގެ ތެރެއިން ގުލޫދޯގެ އާބާދީގެ ގިނަ މީހުންނަކީ މުސްލިމުންނެވެ. އެރަށުގެ އިމާރާތްތަކުގެ %90 ވަނީ ސުންނާފަތިވެފައެވެ. މިސްކިތް ވެސް ވަނީ މުޅިން ހަލާކުވެފައެވެ. މިސްކިތުގައި މުސްލިމުން ނަމާދުކުރިޔަސް، ފުރާޅުން ބައެއް ވަނީ ވެއްޓިފައެވެ. ނަމާދުކުރަން އަޅާފައިވާ ތަރަފާލު ނެތެވެ. ފުރާޅު ސަލާމަތުން ހުރި ބައިގައި ފިރިހެނުން ނަމާދުކުރާއިރު، އަންހެނުން ތިބެނީ ފުރާޅު ނެތްބައިގައި ގަދަ އަވީގައެވެ.

"މިސްކިތް ހަލާކުވެފައި ވާތީ ނަމާދަށް އަންނަނީވެސް ވަރަށް މަދު މީހަކު،" އެރަށުގެ ވެރިޔަކަށް ހުރި އަބާކަރީ ބުންޏެވެ.

"އަހަރުމެން މިވަނީ ރަމަޟާން މަހުގެ އަޅުކަން ފަށާފައި. އެހެނަސް އަހަރުމެން އަތަކު ކާއެއްޗެއް ނެތް. ހުކުރުދުވަހު ހުކުރަށްވެސް މީހަކު ނާދޭ. މިސްކިތުގެ ފާރުތައް ވެއްޓިފައި ވާތީ." އަބާކަރީ ކިޔައިދިނެވެ.

ޠޫފާނުގެ ސަބަބުން އެ ސަރަހައްދުން 41 މީހުން މަރުވިއެވެ.

ގެތައް ހަލާކުވެ، ނިދާނެ ތަނެއް ނެތް ބައެއް މީހުން ނިދަނީވެސް ހަލާކުވެފައިވާ މިސްކިތްތަކުގައެވެ.

2500 މީހުންގެ އާބާދީއެއް އޮންނަ ގުލޫދޯގެ ގިނަ މީހުންނަކީ މަސްވެރިންނެވެ. އެރަށުގެ ގިނަ ގެތައް ހަލާކުވުމުގެ އިތުރަށް މިސްކިތްވެސް ހަލާކުވެފައިވާތީ ނަމާދުކުރާނެ ތަނެއް ނެތުމުގެ އިތުރަށް، ހާރުކެއުމަށާއި، ރޯދަވީއްލުމަށް ރަށުގެ މީހުން އެއްވެލާނެ ތަނެއްވެސް ނެތެވެ.

ގުލޫދޯގެ މަންޒަރެއް

"މިސްކިތްވަނީ ހަލާކުވެފައި. (ޖަމާއަތުގައި) ނަމާދެއް ނުކުރެވޭ. ބަންގިއެއްވެސް ނުގޮވާ. އަހުރުމެން އެއްވެލާނެ ތަނެއްވެސް ނެތް." އުމުރުން 45 އަހަރުގެ އަބާކަރީ ކިޔައިދިނެވެ.

ގުލޫދޯގެ 50 ކިލޯމީޓަރު ދެކުނަށް އޮންނަ އިބޯއަކީ އަރަބި ވިޔަފާރިވެރިންގެ ފަރާތުން މީލާދީން 600 ގެ އަހަރުތަކުގެ ތެރޭގައި އިސްލާމްދީން ފެތުރެން ފެށި ރަށެކެވެ. ޠޫފާނުގެ ސަބަބުން އެރަށުގެ ސްކޫލާއި މިސްކިތްވެސް ވަނީ ހަލާކުވެފައެވެ.

އުމުރުން 66 އަހަރުގެ މަހަންދޯ އަހްމަދަކީ ފާއިތުވި 15 އަހަރު އެރަށު މިސްކިތުގެ އިމާމުކަން ކުރަމުން އައި މީހާއެވެ. އޭނާއަށްވެސް މިހާރު ފަސް ވަގުތު މިސްކިތަށް ނާދެވެއެވެ.

"ރަމަޟާން މަހު، އަދި އަމުދުން ހުކުރު ދުވަހު ހުކުރު ނަމާދަށް އައުމަކީ މަޖުބޫރުކަމެއް. އެހެނަސް މިއީ ވަރަށް ދަތި އުނދަގޫ ދުވަސްވަރަކަށް ވާތީ ގިނަ މީހުންނަށް މިސްކިތަށް ނާދެވޭނެކަން އެނގޭ. ވަގުތެއް ވާއިރަށް މީހުން އާދޭ. ޠޫފާނުގެ ސަބަބުން ހުރިހާ އެއްޗެއް ގެއްލި ދިއުމުން، ދިރިއުޅުން ހަމައަކަށް އެޅުވުމުގައި ބުރަކޮށް އުޅޭތީ ހަމަ ނާދެވެނީ." އަހްމަދު ކިޔައިދިނެވެ.

ރަށުގައި ކަރަންޓު ނެތުމުގެ ސަބަބުން އަހްމަދު ބަންގި ގޮވަނީވެސް މެގަފޯނެއް ބޭނުންކޮށްގެންނެވެ. އޭގެ އަޑު މާ ދުރަކަށް ނުފޯރައެވެ.

އެ ރަށުގެ މީހުން މީގެ ކުރިން ރަމަޟާން މަހު ރޯދަ ވީއްލަނީ މިސްކިތަށް އެއްވެ މިސްކިތުގައެވެ. ތަނަވަސް މީހުން ފަގީރުންނަށް ރޯދަ ވީއްލާނެ ތަކެތި ދެއެވެ. އެހެންނަމަވެސް، މި ފަހަރު މުޅިން ތަފާތެވެ. އެންމެން އެކުގައި ރޯދި ވީއްލުމެއް ނެތެވެ. އެތިކޮޅެއް ލިބޭ މީހަކުވިއްޔާ ފާރުސަލެއް ހަދައިގެން އައިސް އެހެން މީހުންނަށް ކޮންމެވެސް މިންވަރެއް ދެނީއެވެ.

ޖެހިގެން އޮތް ކުމްވަމްބާ އަވަށުގެ ހަލަކީވެސް ހަމަ މިއީއެވެ. އެ ރަށުގެ 500 އަށްވުރެ ގިނަ ގެ ހަލާކުވެ، ރަށުގެ މިސްކިތުގެ ފުރާޅު ބޮޑު ބައެއް ހަލާކުވެފައިވާ ކަމަށް އެރަށުން ވާހަކަދެއްކި ރަހްބާ އަހްމަދު ބުންޏެވެ.

ކުމްވުމްބާގެ ފުރާޅުވެއްޓިފައިވާ މިސްކިތުގައި އަންހުންގެ ބަޔަކު ނަމާދުކުރަނީ

އިބޯގެ މިސްކިތުގެ އިމާމު، އަހްމަދުގެ އުއްމީދަކީ އިސްލާމިކް ކައުންސިލް އޮފް މޮޒަންބީކުން މިސްކިތްތައް މަރާމާތުކޮށްދިނުމެވެ.

"އިސްލާމިކް ކައުންސިލުން އަހަރުމެންނަށް އެހީވާނެކަމަށް އުއްމީދުކުރަން. އެމީހުން ރަމަޟާން މަހު އެހީގެ ގޮތުގައި ކާބޯތަކެތި ފޮނުވާ. އަހަރެންނަށް ޔަގީން (އަޅުކަންކުރާ) ތަންތަން މަރާމާތުކުރުމުގައި އެމީހުން އެހީތެރިވާނެކަން." އަހްމަދު ބުންޏެވެ.

ޠޫފާން އަރައި ސުންނާފަތިވުމުގެ ކުރިން އިބޯއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެކެވެ. އެރަށުގެ ރަންކުލައިގެ ދޮންވެލިގަނޑާއި، މުރަކައިގެ ފަރުތަކަކީ ފަތުރުވެރިން ޝައުގުވެރިވާ ތަންތަނެވެ. އެހެނަސް، މިއަދު ހާލަތު މިވަނީ މުޅިން ބަދަލުވެފައެވެ.

މަޢުލޫމާތު: އަލްޖަޒީރާ.ކޮމް، އަރަބް ނިއުސް،

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.