ށ. ފޭދޫގައި ބަޔަކު އަނިޔާކޮށް ހޮޅިދަނޑިއެއްގައި އެއްސުމަށް ފަހު ބޮލުގައި ގޯންޏެއްވެސް އައްސާފައި ހުއްޓާ ފެނުނު ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ އަންހެން މީހާ އާއި އޭނާގެ 21 އަހަރުގެ އަންހެން ދަރިފުޅުވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ރައްކާތެރިކަން ދީފައިވާ އަންހެން މީހާގެ އިތުރުން 21 އަހަރުގެ އަންހެން ދަރިފުޅަކީވެސް ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. މި ދެމައިންވެސް މިވަގުތު ތިބީ ފުނަދޫގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ މަރުކަޒުގައެވެ. ދެމައިން އެތަނަށް ގެންދިޔައީ ރޭގެ ވަގުތެއްގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި 21 އަހަރުގެ އަންހެން މީހާ މީގެކުރިންވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. ނަމަވެސް އޭނާގެ ޙާލަތު ރަނގަޅު ވުމުން އާއިލާ ކައިރިއަށް ފޮނުވާފައި ވަނިކޮށް އަނެއްކާވެސް ޙާލަތު ގޮސްވެ އޭނާއަށްވެސް އެރަށުގައި ރައްކާތެރިކަން ކުޑަކަމަށް ފެންނާތީ އަނެއްކާވެސް ދައުލަތަށް ނެގީއެވެ.
ހޮޅިދަނޑީގައި އަންހެން މީހާ ބަދެ، އަނިޔާކުރި މީހުން ހޯދުމުގެ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ގެންޑަރ މިނިސްޓަރ ޝިދާތާ ވަނީ ވިދާޅުވެފައެވެ. މި ލާއިންސާނީ އަމަލު ގިނަބަޔަކު ދަނީ ކުށްވެރި ކުރަމުންނެވެ.