މަސައްކަތް ދަސްކޮށްދޭ މަސައްކަތްތެރިޔާ

ފ. ބިލެތްދޫ، ވާދީ، މުޙައްމަދު ޝިޔާމަކީ މަސައްތްތެރި ކަމަށް އަރައިހުންނެވި ބޭފުޅެކެވެ. މިހާތަނަށް އޭނާވަނީ 200 އަށްވުރެ ގިނަ ކުދިންނަށް ތަފާތު އެއްޗެހި ބޭނުން ކޮށްގެން އެކިބާވަތުގެ އެއްޗެހި ހަދަން ދަސްކޮށްދެއްވައިފައެވެ.

އޭނާއަކީ ސްވެނިއަރގެ ގޮތުގައި ކަރުގައި އަޅާ ފަށާއި، އަތުގައި އަޅާ ތަފާތު އެއްޗެއްސާއި ކަންފަތުލާ އެއްޗެއްސާއި، ތަޅުދަނޑިގައިލާ އެއްޗެއްސާއި އަނގޮޓިއާއި ކުދި ދޯނި ނުވަތަ ބޯޓު ފަހަރު އުފައްދަވާ ބޭފުޅެކެވެ. އޭގެ އިތުރަށް ފޮޓޯ ފްރޭމާއި، ރުކު އިލާ، ނާއްޓާއި  ތަފާތު ވައްތަރުގެ ލަކުޑި، އިތާ މިހެން ގޮސް އެތައް ބާވަތެއް ބޭނުން ކޮށްގެން އެއްޗެހި އުފައްދަވައެވެ. އޭގެ އިތުރަށް ގަލުގައި ކަނޑައި ނެގުމާއި ކުރެހުމާއި ލިޔެލާ ޖެހުމުގެ މަސައްކަތް ވެސް އޭނާ ދެނެވަޑައިގަންނަވައެވެ.

މި ހުނަރުވެރިޔާ މި މަސައްކަތްތައް ދަސްކުރެއްވީ އަމިއްލައަށެވެ. އަމިއްލައަށް ކޮށްގެންނެވެ. މީހުން ގާތުން މަޢުލޫމާތު އޮޅުން ފިލުވައިގެންނެވެ. ކުރައްސަވަން ދަސް ކުރެއްވީ މީހުން ކުރަހާފައި ހުންނަ ކުރެހުންތައް ބައްލަވައިގެންނެވެ.

އޭނާ މިމަސައްކަތަށް ޝައުގުވެރިވީ ސްވެނިއާގެ ގޮތުގައި ރާއްޖެއިން ބޭރުން އެއްޗެހި ގެނެސްފައި ރާއްޖޭގެ އުފެއްދުންތަކެއްގެ ގޮތުގައި "މޯލްޑިވްސް" ޖަހައިގެން ވިއްކާތީ އެވެ. "އެއީ ވަރަށް ފަސޭހައިން ދިވެހިންނަށް އުފެއްދިދާނެ އެއްޗެއް ބޭރުން ގެނެސްގެން މިވިއްކަނީ. އޭގެ ސަބަބުން ހިތަށް މިވަންނަނީ ރާއްޖޭގައި މޮޅެތި އާޓިސްޓުންތިބެމެ އަމިއްލަ ބަލިކަށިވަނީއޭ މިރޮނގުން. އެކަން އިޙުސާސް ކުރެވޭލެއް ބޮޑުވީ. އޭގެ އިތުރަށް ލިޔެލާ ޖެހުމާއި ގަލުވަޑާން ދަސްކޮށްގެން ތިބި މީހުން ނެތިދިޔައިރު އެހެން މީހުންނަށް މިމަސައްކަތް ދަސްކޮށްދެވިފައެއްނެތް،" މި މަސައްކަތަށް ޝައުގުވެރިކަން އުފެދުނު ސަބަބު ވިދާޅުވެ ދެއްވިއެވެ.

އެތައް ރަށެއްގައި މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ ކޯސްތައް އޭނާ ހިންގެވިއިރު އެކަން އޭނާ ކޮށްދެއްވަނީ ހިލޭ ސާބަހަށެވެ. މި މަސައްކަތުގައި 10 ވަރަކަށް އަހަރު މިހާރު އޭނާ ހޭދަކުރައްވައިފިއެވެ. މިހާ ދިގުމުއްދަތެއްގައި މި މަސައްކަތް ކުރެއްވިއިރު އޭނާ މިހާރު ހުންނެވި މުޅިން އެހެން ހިސާބެއްގައެވެ. ޤައުމީ ފެންވަރުގައި އޭނާ މި ކޯސްތައް ހިންގަވައެވެ. އެކަމާބެހޭ އަތްމަތީ ފޮތްތައް ލިޔުއްވީ އަމިއްލައަށެވެ. ކޯސް މޮޑިއުލް ވެސް ލިޔުއްވީ އަމިއްލައަށެވެ. އޭނާވަނީ ލެވެލް އެކެއްގެ ދެ ބެޗަށް ކިޔަވައި ދެއްވައި ނިންމަވައިފައެވެ. ރޯދައަށްފަހު ލެވެލް އެކެއްގެ އިތުރު ބެޗަކާއި ދޭގެ ބެޗެއް ފަށްޓަވާނެއެވެ.

ޝިޔާމް ބޭނުންފުޅުވަނީ ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތައް ރާއްޖޭގައި އިތުރުވުމެވެ. އަދި އެއަށް މާކެޓުވެސް ލިބުމެވެ. "މިފަދަ މަސައްކަތްތަކަށް ޝައުގުވެރިކަން ހުންނަ މީހުން ވަރަށްގިނަ. އެހެންނަމަވެސް މާކެޓު ލިބުން މައްސަލަކީ. ރަނގަޅު މާކެޓެއް ލިބޭނަމަ ވަރަށްފުޅާދާއިރާއެއްގައި މިމަސައްކަތް ކުރެވޭނެ. މިއީ ރާއްޖެއިން ފަސޭހައިން ލިބެން ހުންނަ ބާވަތްތައް ބޭނުން ކޮށްގެން ކުރާ މަސައްކަތެއް،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމު އެހުންނެވީ އޭނާގެ އަމިއްލަ ތަކެތީގައި ހިލޭ ސާބަހަށް މަސައްކަތްތައް ދަސްކޮށްދެއްވަން ތައްޔާރަށެވެ. އޭނާގެ އަމިއްލަ ތަކެތީގައި ހިލޭ ސާބަހަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.