ހަމަނުޖެހުން ހިންގާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުއަޅާނެކަމުގެ އިންޒާރު ސްރީލަންކާގެ ސަލާމަތީ ބާރުތަކުން ދީފި

ހުޅަނގު އުތުރު ޕްރޮވިންސުގެ ކިނިޔަމާ އަވަށުގެ މިސްކިތަކަށް ގެއްލުންދީފައި

ސްރީލަންކާގެ ހުޅަނގު އުތުރު ސަރަހައްދުގެ ބައެއް އަވަށްތަކުގައި ފާއިތުވި ދެ ދުވަހު މިސްކިތްތަކަށާއި، މުސްލިމުންގެ ވިޔަފާރިއަށް ހަމަލާދީ ގެއްލުންދެމުން ގޮސްފައިވާތީ، ރޭގެ ވަގުތެއްގައި އެގައުމުގައި ހިންގި ކާފިއު މިވަގުތަށް އުވާލައިފިއެވެ. އެހެންނަމަވެސް، ހުޅަނގު އުތުރު ޕްރޮވިންސުގައި ކާފިއު ދެމިއޮންނާނެއެވެ.

ކާފިއު އުވާލުމަށް ފަހު މިއަދު ހެނދުނު ޓީވީން ދެއްވި ޚިޠާބެއްގައި ފުލުހުންގެ ވެރިޔާ، އެކްޓިންގ އިންސްޕެކްޓަ ޖެނެރަލް އޮފް ޕޮލިސް ޗަންދަނާ ވިކްރަމަރަތުނޭ ވިދާޅުވީ ހަމަނުޖެހުން ހިންގާ ފަރާތްތަކާ ދެކޮޅަށް އެންމެ މަތީ ބާރު ފުލުހުން ބޭނުންކުރާނެ ކަމުގައެވެ.

"ފުލުހުން ވަނީ 30 އަހަރަށް ދިގުދެމިގެން ދިޔަ ހަނގުރާމައެއްގައި އަނިޔާވެރިކަން ބޮޑު ޓެރަރިސްޓުން ބަލިކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައި. ހައްދު ފަހަނައަޅާފައިވާ ކުދި ޖަމާއަތްކަކީ ފުލުހުންނަށް އޮތް ގޮންޖެހުމެއް ނޫން." ވިކްރަމަރަތުނޭގެ ޚިޠާބުގައި ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހަމަނުޖެހުން ހިންގައިގެން ހައްޔަރުކުރެވޭ މީހުން ކަފާލާތުގެ ދަށުން ދޫނުކުރެވޭނެއެވެ. އެމީހުންގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމް އަންނާނެއެވެ.

ސިފައިންގެ ކޮމާންޑަރު ލެފްޓިނެންޓް ޖެނެރަލް މަހޭޝް ސެނަނަޔަކޭ ވެސް ވިދާޅުވެފައި ވަނީ އެފަދަ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރަން ސިފައިން ފަސްނުޖެހޭނެ ކަމުގައެވެ.

'ޗިލާއުއިން ފެށިގެން ކުލިޕިޓިޔާއާއި، ހެއްޓިޕޮލާއާއި އެހެން އަވަށްތަކަށް ފެތުރި ހުޅަނގު އުތުރު ޕްރޮވިންސުގައި އިއްޔެ ހިނގި ހާދިސާތަކަށް ފަހު...... ސިފައިންގެ ވެރިޔާގެ ހައިސިއްޔަތުން އަހަރެން އިލްތިމާސްކުރަން އަދި އިންޒާރުދޭން ބޭނުންވަނީ ސަރުކާރުން ނުވަތަ ސިފައިން ކޮށްފައިވާ އަމުރެއް މުގުރާލަން. ނުވަތަ އެއަށް ނުކިޔަމަންތެރިވާން ރާވާ ކޮންމެ މީހަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެކަމުގައި. ތަކުރާރުކޮށް ބުނަން، އެފަދަ ފަރާތްތައް އަހަރުމެން އަތުލައިގަންނާނަން، ހައްޔަރުރާނަން، އަދިވެސް ބަޑިވެސް ޖަހާނަން. ކުއްލި ހާލަތުގައި ދީފައިވާ ބާރުތަކުގެ ބޭނުން އެންމެ ކުޑަމިނުން ފެށިގެން އެންމެ ބޮޑުމިނާ ހަމައަށް ހިފާނަން." ސިފައިންގެ ކޮމާންޑަރު ނެރެއްވި ބަޔާނެއްގައި ވެއެވެ.

ފޭސްބުކްގައި ހިނގި ޒުވާބަކާ ގުޅިގެން ހުޅަނގު އުތުރު ޕްރޮވިންސުގެ ޗިލާއުގެ ނަސާރާ ޒުވާނުން މުސްލިމުންނާ ދެކޮޅަށް އާދީއްތަ ދުވަހު ފެށި ހަމަނުޖެހުން ކައިރި އަވަށްތަކަށް ފެތުރި މިސްކިތްތަކަށާއި، މުސްލިމުންގެ ވިޔަފާއިތަކާއި ތަކެއްޗަށް ބޮޑެތި ގެއްލުން ދީފައި ވެއެވެ. އިއްޔެވެސް އެ ސަރަހައްދުތަކުގައި ހަމަނުޖެހުން ކުރިއަށް ދިޔައެވެ. ރޭ މުޅި ސްރީލަންކާގައި ކާފިއު ހިންގީ ހަމަނުޖެހުން އެހެން ސަރަހައްދުތަކަށް ފެތުރުނަ ނުދިނުމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.