ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ފުޖައިރާއާ ދިމާއަށް ކަނޑުމަތިން އިއްޔެ ބަޔަކު ރާވައިގެން ހަތަރު އުޅަނދަކަށް ހަމަލާދީފައިވާ ޔޫއޭއީ ބުނި ނަމަވެސް އެކަން ދުނިޔޭގެ ސަމާލުކަމަށް މާބޮޑަށް އައިސްފައި ނުވެއެވެ.
އެހެން ނަމަވެސް އިއްޔެގެ ހަމަލާ ސައޫދޫ ތެޔޮއުފުލާ ދެ ޓޭންކަރަކަށް އަމާޒުވި ވާހަކަ ސައޫދީ ހަކަތައާ ބެހޭ ވަޒީރު ޚާލިދު އަލްފާލިޙު މިއަދު ވިދޅާޅުވުމާއެކު ދުނިޔޭގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ.
ޕާޝިއަން (ނުވަތަ އެރޭބިއަން) ގަލްފަށް ވަންނަ ހުރްމުޒް ކަނޑުއޮޅި ނާމާންވެއްޖެނަމަ މުޅި ދުނިޔޭގެ ތެލުގެ ބާޒާރަށް ލޮޅުން އަރާނެއެވެ. ދުނިޔޭގައި އެންމެ ގިނަ ތެޔޮ ބޭރުކުރަނީ އެކަނޑުއޮޅިންނެވެ. އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމު ސައޫދީ އަރަބިއްޔާގެ ތެލުގެ ބޮޑު ބައެއްވެސް ބޭރުކުރަނީ ހަމަ އެ ކަނޑުއޮޅިންނެވެ.
މިނިސްޓަރު އަލްފާލިޙު ވިދާޅުވޮތުގައި ގެއްލުން ލިބުނު އެއް ތެޔޮޓެންކަރަކީ އެމެރިކާއަށް ގެންދަން ތެޔޮ ބަރުކުރަން ދިޔަ ޓޭންކަރެކެވެ.
"ނަސީބު ރަނގަޅުކަމުން ހަމަލާގެ ސަބަބުން ފުރާނައެއް ގެއްލި، ތެޔޮ ކަނޑަށް ބޭރުވުން ކަހަލަ ކަމެއް ހިނގާފައި ނުވޭ. އެހެންނަމަވެސް، ދެ އުޅަނދަށް ވަނީ ބޮޑެތި ގެއްލުން ވެފައި." އަލް ފާލިޙު ވިދާޅުވިއެވެ.
މި ޚަބަރާ ގުޅިގެން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޢައްބާސް މޫސަވީ ވިދާޅުވީ އެފަދަ ހަމަލާއެއް ދިނުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމުގައެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެކަމަކީ "ބޭރުގެ ރޭވުމަކުން" އެ ސަރަހައްދު ހަލަބޮލިކުރަން ކުރި ކަމަކަށް ވުން ގާތެވެ.
އިއްޔެ ހެނދުނު ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިއްޔެ ހެނދުނު 6 ޖެހިއިރު (ރާއްޖޭ ގަޑިން ހެނދުނު 7 ޖެހިއިރު) ފުޖައިރާގެ އިރުން ގަލްފް އޮމާންގައި، ޔޫއޭއީގެ ސަރަހައްދުގެ ތެރެއިން ހަތަރު އުޅަނދަކަށް ބަޔަކު ރާވައިގެން ހަމަލާދީފައިވާ ކަމުގައެވެ. އެހެންނަމަވެސް ހަމަލާގެ ތަފްސީލެއް ދީފައި ނުވެއެވެ. އަދި ހަމަލާ އަމާޒުވީ ކޮން އުޅަނދުތަކަކަށްވެސް ބަޔާންކޮށްފައި ނުވެއެވެ.
ގަލްފު ކޯޕަރޭޝަސް ކައުންސިލް (ޖީސީސީ) ގެ ސެކްރެޓަރީ ޖެނެރަލް މިހަމަލާ ކުށްވެރިކުރައްވަމުން ވިދާޅުވެފައި ވަނީ "މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކުގެ ސަބަބުން ސަރަހައްދުގައި އޮތް ނުތަނަވަސްކަމާއި، އަރައިރުން އިތުރަށް ބޮޑުވެގެންދާނެ" ކަމުގައެވެ.
މިސްރާއި، ޖޯޑަނާއި، ބަހްރޭނުންވެސް މި ހަމަލާ ކުށްވެރިކޮށް ބަޔާންތައް ނެރެފައިވާއިރު، އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖެރެމީ ހަންޓުވެސް ވަނީ ގަލްފު ސަރަހައްދުގައި މިހާރު އިތުރުވަމުންދާ ނުތަނަސްވަކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ފޮރިން ޕޮލިސީ އެންޑް ސެކިއުރިޓީ ޗީފް ފެޑެރިކާ މޮގެރްނީ ވިދާޅުވެފައި ވަނީ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރެވޭތޯ އީޔޫން މަސައްކަތްކުރަމުން ދާކަމުގައެވެ.