މިޔަންމާ ނޭޝަނަލް އެއާލައިންސްގެ މަތިންދާބޯޓެއްގެ ކުރީ ފުރޮޅު ތިރިނުވެގެން ކުއްލި ހާލަތުގައި މިއަދު ހެނދުނު މިޔަންމާގެ މަންޑަލޭ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.
ވެރިރަށް ޔަންގޯންއިން ފުރައިގެން ފްލައިޓް ޔޫބީ-103 ގެ ގޮތުގައި ދަތުރުކުރި އެބްރެއާ އީ-190 މަރުކާގެ މަތިންދާބޯޓު މަންޑަލޭ އެއާޕޯޓަށް ތިރިކުރަން އުޅުނު ވަގުތު އެ ބޯޓުގެ ކުރީ ފުރޮޅު ތިރިނުވިއެވެ. އެހެންނަމަވެސް ޕައިލެޓް ވަނީ ބޯޓުން ދަތުރުކުރި އެއެވެސް މީހަކަށް އަނިޔާނުވެ ބޯޓު ސަލާމަތުން ޖައްސާފައެވެ.
މީސް މީޑިޔާގައި ފެންނަން ހުރި ވީޑިއޯތަކުން ފެންނަ ގޮތުގައި މަތިންދާބޯޓު ޖައްސައިގެން ކުރީކޮޅު ތިރިނުވެ ވަކި ހިސާބަކަށް އައެވެ. އެހެއްނަމަވެސް ފަހުން ބޯޓުގެ ކުރި ބިންމަތީގައި ކޭއްތެމުން ކޮންމެވެސް ވަރަކަށް ދުންއަރާ ތަން ފެނިފައިވެއެވެ. އެހާލަތުގައި ވެސް ޕައިލެޓް ވަނީ ބޯޓު ރައްކާތެރިކަމާއެކު މަޑުކޮށްފައެވެ.
"ޕައިލެޓް ކުރީ ވަރަށް މޮޅު ކަމެއް." ޕައިލެޓަށް ތައުރީފުކުރަމުން ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ވިން ކާންޓް ބުނެފައި ވެއެވެ. އޭނާ ބުނީ އެ މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމުގައެވެ.
މިއަދު ހެނދު 9 ޖެހިއިރު (ރާއްޖޭ ގަޑިން ހެނދުނު 7:30) މަންޑަލޭ އިންޓަނޭޝަނަލް އެއަޕޯޓަށް ޖެއްސި އެ ފްލައިޓުން 82 މީހުން ދަތުރުކުރިއެވެ. އޭގެ ތެރޭގައި 8 ބިދޭސީންވެސް ހިމެނެއެވެ. މަންޑަލޭއަކީ މިޔަންމާއަށް ދާ ފަތުރުވެރިން މެދުގައި މަގުބޫލު މަންޒިލެކެވެ.
" އެ މީހުން ދެ ފަހަރު މަތިން ވަރަށް މަސައްކަތްކުރި. ކުރީ ފުރޮޅު ތިރިވެފައި ހުރިތޯ ޔަގީންކުރަން ދެ ފަހަރު މަތިން ބުރުޖަހައި، ތިރިވެފަ ހުރިތޯ ސުވާލުވެސް ކުރި." ސިވިލް އޭވިޝަން ޑިޕާޓްމެންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޔޭ ޓޫޓް އަންގް ވިދާޅުވިއެވެ. އެހެންނަމެވެސް، ފުރޮޅު ތިރިނުވުމުން މަތީގައި ހުދުހި ތެޔޮ މަދުކުރުމަށް ފަހު ކުއްލި ހާލަތުގައި ބޯޓު ޖެއްސީއެވެ.
ފާއިތުވި ބުދަ ދުވަހު ވިއްސާރައިގެ ތެރޭގައި ޔަންގޯން އެއާޕޯޓަށް ޖެއްސި ބީމާން ބަންގްލާދޭޝް އެއާލައިންސްގެ މަތިންދާބޯޓެއް ވެސް ވަނީ ރަންވޭ މަތިން ކައްސާލައިގެން ގޮސްފައެވެ. އެ ހާދިސާގައި އެ ބޯޓުން ދަތުރުކުރި 17 މީހަކަށް އަނިޔާވެފައި ވެއެވެ.
އެމްބްރެއާ އީ-190 މަރުކާގެ މަތިންދާބޯޓަކީ ބްރިޒިލްގެ އެބްރެއާ އެސްއޭ. ކުންފުނިން އުފައްދާ 96 މީހުންގެ ޖާގައިގެ ޖެޓް މަތިންދާ ބޯޓެކެވެ. 4500 ކިލޯމީޓަރުގެ ރާސްތާއަކަށް އުދުހުގެ ގާބިލުކަން ލިބިފައިވާ އެ މަތިންދާބޯޓަކީ ގިނަ ގައުމުތަކެއްގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ މަތިންދާބޯޓެކެވެ.