އިސްލާމްދީނުގައި ، މާތްﷲ ޝަރްޢުުރައްވާފައިވާ ކަންތައްތައް ޝަރްޢުކުރައްވާފައިވަނީ ، މީސްތަކުންނަށް ބުރަނުވާނެގޮތަށް ފިޔަވައްސަކުން ފިޔަވައްސަކުން ، މަޑުމަޑުން ތަމްރީނު ދެއްވަމުން އެކަމަށް މުއުމިނުން ހާނުއްވަވަމުންނެވެ. މިއީ އިސްލާމްދީނުގެ ދީނުގެ ލުއިފަސޭހަކަމާއި ، ވިލުންތެރިކަން ހަމަކޮށްދޭ އަލިގަދަ ދަލީލެކެވެ.
މިމޭރުމުން، ރޯދަވެސް ފަރްޟުކުރައްވާފައިވަނީ ، މީސްތަކުން އެ ތިބި ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ނަޤްލު ކުރެއްވުމަށްޓަކައި ، ފިޔަވަހިތަކެއްގެ ތެރެއިންނެވެ. ފުރަތަމަ އޮތީ އިޚްތިޔާރީގޮތަކަށް ކޮންމެ މަހަކު ތިންދުވަހު ރޯދަހިފުމެވެ.ދެން އޮތީ މަޖްބޫރީގޮތަކަށް ކޮންމެ މަހަކު ތިން ދުވަހާއި ޢާޝޫރާދުވަހު ރޯދަހިފުމެވެ. ދެން އައީ ރަމަޟާންމަހުގެ ރޯދައެވެ. ރަމަޟާންމަހުގެ ރޯދަ ވެސް ތިން ފިޔަވައްސެއް ކަޑަތުކުރިއެވެ.
އަލްއިމާމު އައްނަވަވީ ވިދާޅުވާގޮތުގައި ރަސޫލުﷲގެފާނު 9އަހަރު ރޯދަފުޅު ހިއްޕެވިއެވެ. އެހެނީ، ރޯދަ ފަރްޟުކުރެއްވީ ހިޖްރައިން ދެވަނަ އަހަރުގެ ޝަޢުބާން މަހުގައެވެ. [1] އެކަލޭގެފާނު ސުވަރުގެވަޑައިގަތީ ހިޖްރައިން 11ވަނައަހަރުގެ ރަބީޢުލްއައްވަލު މަހުގެ 12ވަނަ ދުވަހުއެވެ.
ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި ރަމަޟާންމަހު ރޯދަހިފުން ފަރްޟުކުރެއްވުމުގެ ކުރިން ރޯދަހިފުމަކީ ތަޠައްވުޢީ ( އިޚްތިޔާރީ ސުންނަތް) ކަމެކެވެ.
އިބްނު ކަޘީރު ވިދާޅުވާގޮތުގައި ރަމަޟާން މަހުގައި ރޯދަހިފުން ފަރްޟުކުރެއްވުމުން ފުރަތަމަ އޮތީ ރޭގަނޑު ނިދައިފިނަމަ އޭނާއަށް ކެއުމާއި ބުއިމާއި އަނބިފިރިކަމުގެ ގުޅުންތައް އަނެއްދުވަހު އިރުއޮއްސެންދެން ޙަރާމްވާ ގޮތަށެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި، ރޯދަހިފުން ފުރަތަމަ އޮތީ ، ކުރީގެ އުއްމަތްތަކުގެ މައްޗަށް އޮތްގޮތަށް މަހަކު ތިންދުވަހުއެވެ. މުޢާޛުގެފާނާއި އިބްނުޢައްބާސުގެފާނާއި އިބްނު މަސްޢޫދު ފަދަ ބޭބޭކަލުން ވިދާޅުވާގޮތުގައި ނޫޙުގެފާނުގެ ޒަމާނުއްސުރެ ރޯދަހިފުން އޮތީ މިގޮތަށެވެ. މިކަން މަންސުޚުވީ ރަމަޟާންމަހު ރޯދަހިފުން ފަރްޟުކުރެއްވުމުންނެވެ. [2]
މާތް ﷲ ރުއްސުން ލެއްވި ޢާއިޝަތުގެފާނު އަރިހުން ރިވާވެގެންވާ ގޮތުގައި ރަމަޟާންމަހުގެ ކުރިން ޢާޝޫރާދުވަހު ރޯދަ ހިފިއެވެ. ރަމަޟާންމަހުގެ ރޯދަ ފަރްޟުކުރެއްވުމުން ރަސޫލުﷲގެފާނު ޢާޝޫރާދުވަހާ ބެހޭގޮތުން ޙަދީޘްކުރެއްވިއެވެ. " ބޭނުން މީހަކު އެދުވަހު ރޯދަހިފާށެވެ.އަދި ބޭނުންމީހަކު ނުހިފާށެވެ." [3]
މުޢާޛު ބިން ޖަބަލުގެ އަރިހުން އިމާމު އަޙްމަދު ރިވާކުރައްވާގޮތުގައި، ރަސޫލުﷲގެފާނު މަދީނާއަށް ހިޖްރަކުރެއްވުމަށް ފަހު ކޮންމެ މަހަކު ތިންދުވަހުގައްޔާއި ޢާޝޫރާދުވަހުގައި ރޯދަފުޅު ހިއްޕެވިއެވެ. އެއަށްފަހު ރަމަޟާންމަހު ރޯދަހިފުން ފަރްޟު ކުރެއްވުމާ ބެހޭ އާޔަތް ބާވައިލައްވައިފިއެވެ. އެއީ: يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ [4] - އެވެ. މި އާޔަތް ބާވައިލެއްވުމުން ރޯދަހިފަން ބޭނުންވާމީހުން ރޯދަހިއްޕެވެ. ރޯދަހިފަން ބޭނުން ނުވާމީހުން މިސްކީނުންނަށް ކާންދީ ފިދްޔަ ދިނެވެ. އެއަށްފަހުބާވައިލެއްވީ : شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ يُرِيدُ اللَّـهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّـهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ [5] މި އާޔަތެވެ. މިހިސާބުން ދަތުރުވެރިންނާއި ބަލިމީހުން ފިޔަވާ އެންމެން ރޯދަހިފަން ފަށައިފިއެވެ. ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިގެންނުވާމީހުން ( މުސްކުޅިން ) ރޯދަނުހިފޭތީ މިސްކީނުންނަށް ކާންދިނެވެ. އޭރު އޮތީ އިރުއޮއްސުމަށް ފަހު ނުނިދާނަމަ ކެއުމާއި ބުއިމާއި އަނބިފިރިކަމުގެ ގުޅުން ހުއްދަވެފައެވެ. ނަމަވެސް ނިދައިފިނަމަ އަނެެއްދުވަހުގެ އިރެުއޮއްސެންދެން އެއިން ކަމެއް ކުރުން މަނާވާނެއެވެ. މިހެން މިކަންތައް ހިގަނމުން ދަނިކޮށް އަންޞާރިއްޔަބޭކަލެއްކަމުގައިވާ ޞުރްމާ ބިން މާލިކު މުޅިދުވަހު މަސައްކަތް ކުރައްވާފައި އިރުއޮއްސުމުން ގެއަށް ވަޑައިގެން ޢިޝާނަމާދު ކުރެއްވުމަށްފަހު ޖައްސައިލެއްވިއެވެ.ވަރުބަލިފުޅުވެފައިވާލެއް ބޮޑުކަމުން އަވަހާރަފުޅުލެއްޕެވިއްޖެއެވެ. އެހެންކަމުން އަނެއްދުވަހު ރޯދަފުޅަށް ހުންނަވަން ޖެހިވަޑައިގަތީ އެއްޗެއް ފަރިއްނުކުޅުއްވައެވެ. އޭނާ ހަކަތަ ހުސްވެފައިވަނިކޮށް ރަސޫލުﷲގެފާނަށް ފެނިވަޑައިގެން ސުވާލުކުރެއްވިއެވެ. އަދި ހަމަ އެ ރޭ އަވަހާރަފުޅުލެއްޕެވުމަށް ފަހު ޢުމަރުގެފާނަށް ވަނީ އަބިކަމަނާގެ އަރިހަށް ވަޑައިގެންނެވިފައެވެ. ޢުމަރުގެފާނުވެސް މި ވާހަކަ ރަސޫލުﷲގެފާނަށް ދެންނެވިއެވެ. މި ދެ ހާދިސާ އާ ގުޅިގެން މާތްﷲ މި އަންނަ އާޔަތް ބާވައިލެއްވިއެވެ. أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَىٰ نِسَائِكُمْ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ ۗ عَلِمَ اللَّـهُ أَنَّكُمْ كُنتُمْ تَخْتَانُونَ أَنفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنكُمْ فَالْآنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّـهُ لَكُمْ وَكُلُوا وَاشْرَبُوا حَتَّىٰ يَتَبَيَّنَ لَكُمُ الْخَيْطُ الْأَبْيَضُ مِنَ الْخَيْطِ الْأَسْوَدِ مِنَ الْفَجْرِ ثُمَّ أَتِمُّوا الصِّيَامَ إِلَى اللَّيْلِ وَلَا تُبَاشِرُوهُنَّ وَأَنتُمْ عَاكِفُونَ فِي الْمَسَاجِدِ تِلْكَ حُدُودُ اللَّـهِ فَلَا تَقْرَبُوهَا كَذَٰلِكَ يُبَيِّنُ اللَّـهُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَّقُونَ [6]
މިއިން އެނގެނީ ރަމަޟާންމަހުގައި ރޯދަހިފުން ވެސް ތިން ފިޔަވައްސެއް ކަޑަތުކުރިކަމެވެ. މިވާހަކަތައް އިބްނު ކަޘީރުވެސް މިމޭރުމުން ބަޔާންކުރައްވާފައިވެއެވެ.
[1] - މިއީ ހުރިހާ ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވާ ކަމެކެވެ.
[2] - تفسير ابن كثير
[3] - رواه الشيخان
[4] - البقرة: ١٨٣
[5] - البقرة: ١٨٥
[6] - البقرة: ١٨٧