ރޯދަމަހު ފިނިބުރު ޖެހުމުގައި ވިސްނަވާ

ސިނަމާލެ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއް: ފައިލް ފޮޓޯ

ރޯދަމަހު ހަވީރު ސައިކަލްބުރު ޖަހަން ދިޔުމަކީ ޢާއްމު ކަމެކެވެ. އުފާކޮށްލުމަށެވެ. ރޯދަ ކުރުކޮށްލުމަށެވެ. ޢާއްމުގޮތެއްގައި މިގޮތަށް ފިނިބުރު ޖަހަން ނުކުންނަނީ ކަޑަކުދިންވެސް ގޮވައިގެންނެވެ.

އެކަމަކު މައްސަލައަކީ ތިމާއަށާއި އެހެން މީހުންނަށް އުނދަގޫވާގޮތަށް ސައިކަލް ދުއްވުމެވެ. ގުރޫޕް ހަދާފައި ބަރިއަކަށް އެތެރިގެން މަގު ފުރާލައިގެން ދުއްވުމެވެ. މިގޮތަށް ދުއްވުމުމުން މަގު ހިނގާ މީހުންނަށާއި ދުއްވާ އެހެން މީހުންނަށް ވެސް ދަތިވެއެވެ. އެކްސިޑެންޓްތަް ހިނގުމުގެ ފުރުސަތު ބޮޑެވެ. މިގޮތަށް ދުއްވާފައިދާއިރި މިދަނީ އޮލަވާހަކައެއްގައި ތިބެގެން މަޖާކުރަމުންނެވެ. ވިސްނަންވީ ތިމާމެން މިތިބީ ހީ ސަމާސާ ކުރާ ހޮޅުއައްޓެއްގައި ނޫންކަމެވެ. އެގޮތަށް ސަކަރާތް ޖަހަމުންދަނިކޮށް އެކްސިޑެންޓްވެ ހިތާމަވެރި ޙާދިސާއެއް ހިނގުމުގެ ފުރުސަތުވެސް ވަރަށް ބޮޑެވެ.

މާލެއާއި ހުޅުލެއާ ދެމެދުގައި އަޅާފައިވާ ޗާލު ބުރިޖުމަތިން ރީތި ސައިކަލްތަކުގައި ހަވީރުގެ ފިނިވަގޮތުގައި ފިނިބުރު ޖަހަން ނުކުންނައިރު އަރައިފައި ހުންނަ ބޫޓާއި ލައިފައި ހުންނަ ގަމީސް ނުވަތަ ޓީޝާޓުގެ މޮޅުކަމާއި ރީތިކަން އިންތިހާއެވެ. އަތުގައި އޮންނަނީ އެންމެ މިޒަމާނުގެ ފޯނެކެވެ. ތަރައްޤީގެ މިފަދަ ރަންޒަމާނެއްގައި ދިވެހިންނަށް ލިބެންހުންނަ އެންމެ ފަހުގެ ވަސީލަތްތަކާގެން މަގުމައްޗަށް ބުރުޖަހަން ނުކުމެ އުޅޭއިރު ތިމާއާއި އެހެން މީހުންގެ ރައްކަލަކަށް ވިސްނާކަމަށްވާނަމަ ސަފަޖަށް އެތުރިގެން އޮލަވާހަކައިގައި ތިބިގެން ސައިކަލް ދުއްވާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ.

"މާލެއާއި އައްޑޫސިޓީއާއި ލާމު އަތޮޅާއި އަދި ވެސް އެހެން ރަށްރަށުގައި ވެސް ރޯދަމަހު ހަވީރު ސައިކަލް ދުއްވަން ނުކުންނައިރު މީހާގެ ސިކުނޑި ފިޔަވައިއެހެން ހުރިހާކަމެއް އެންމެކުރީގައި އުޅެނީ. ދުއްވާނީ އެންމެ ޒަމާނީ އަގުބޮޑު ސައިކަލް. އަތުގައި އޮންނާނީ އެންމެ ޒަމާނީ ފޯނެއް. އެކަމަކު ސިކުނޑި އަދިވެސް ޒަމާނީ ސިކުނޑިއަކަކަށް ނުވޭ. އެއްވެސް ވިސްނުމެއްނެތި ގުރޫޕު ހަދާލައިގެން ޓްރެފިކް ތެރެއަށް ފައިގެންދާއިރު ތިމާގެ ނަފްސް ނުރައްކަލުގެ ތެރެއަށް ހުށަހެޅެނީކަން ޚުދު ތިމާއަށް ވެސް ނޭނގޭ. އެވަރުވީމައި މިހާ ކިތަން ޒަމާނީ ވިޔަސް ގަދަވިޔަސް ކޮބައިތީ ބޭނުމަކީ،" ޝަފީޢު ކިޔާ ޢާއްމުންގެ މީހަކު ބުންނެވެ.

ފުލުހުން ގެންދަނީ މިފަދަ "ރިސްކީ" ކަންކަން ނުކުރުމަށް ނަސޭހަތްތެރިވަމުންނެވެ. މިގޮތަށް މަގުތަކުގައި ސައިކަލު ދުއްވުމަކީ ވެސް މަނާކަމެކެވެ. "އައްޑޫ ލިންކު ރޯޑުގައި ވެސް ހަވީރަކު ދުއްވޭވަރެއް ނުވޭ. ހައެއްކަ މީހުންގެ ގުރޫޕުހަދާލާފައި އެދަނީ ވާހަކައިގައި ތިބެ ފައިބައިގެން. އެހެން މީހުންނާމެދު ވިސްނުމުގެ އެއްވެސް ކަންފުޅެއްވެސް ނެތް. މިއީ އެއްގޮތަކަށް ވެސް ވެގެންވާނެ ކަމެއްނޫން. ބުރުޖަހަންވެސް އޮންނަ އުސޫލުގެތެރެއިން އެކަންކުރީމާ ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް،" ޢާއްމުގެ މީހަކު ބުންޏެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން އަބަދުވެސް ނަސޭހަތްތެރިވަމުން ގެންދަވަނީ ބާރު ސްޕީޑުގައި ނުދުއްވުމަށެވެ. އެކްސިޑެންޓް ވެދާނެ ފަދަ ގޮތަކަށް ނުދުއްވުމަށެވެ. ކަނޑައެޅިފައިވާ އުސޫލުތަކައި ޤަވާއިދުން ބޭރުނުވުމަށެވެ. އެހެންނޫންނަމަ އުފާކުރަން ނުކުގެން އުޅެނިކޮށް ހިތާމައަކަށް ބަދަލުވުމުގެ ފުރުސަތު ކުޑައެއްނޫނެވެ. މިއީ ދުއްވާ މީހުންނާއި ހިނގާ މީހުންވެސް ވަރަށް ބޮޑަށް ވިސްނަން ވެއްޖެ ކަމެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.