ކަންނަންނޫރުގެ އައު އަލީރާޖާ މަގާމާ ހަވާލުވެވަޑައިގެންފި

ކަންނޫރު (ކަންނަންނޫރު): 2019 މެއި 8 ވީ ބުދަދުވަހުގެ ހަވީރު، އަލީރާޖާއިންގެ ރަސްމީ ގަނޑުވަރު އަރައްކަލް ކެއްޓުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި އައު އަލީރާޖާ ސުލްޠާން އާދިރާޖާ މަރިޔުންމާ (ޢާއްމު ނަމަކީ ޗެރިޔަ ބީކުންޏު ބީވީ) އަރައްކަލް ބީވީގެ މަގާމާ ހަވާލުވެވަޑައިގެންފިއެވެ. އެ ކަމަނާއަކީ އަރައްކަލް ޝާހީ ދަރިކޮޅުގެ 39 ވަނަ ވެރިޔާއެވެ. އެ ކަމަނާ މި މަގާމާ ހަވާލުވެވަޑައިގެންނެވީ އެ ކަމަނާގެ ކުރިން އެ މަގާމުގައި ހުންނެވި ސުލްޠާން އަރައްކަލް އާދިރާޖާ ފާޠިމާ މުއްތުބީވީ މިދިޔަ ހޮނިހިރު ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ.

އިންޑިޔާގެ އެހެނިހެން ރަސްދަރިކޮޅުތަކާ ޚިލާފަށް އަރައްކަލް ދަރިކޮޅުގެ ރަސްކަން ވާރުތަވަނީ އަންހެން ފިރިހެން ތަފާތުކުރުމެއް ނެތި އެއިރަކު ހުންނެވި އެންމެ ދުވަސްވީ ބޭފުޅަކަށެވެ. ސުލްޠާން އާދިރާޖާ މަރިޔުންމާއަކީ 1998 ވަނަ އަހަރު ފެށިގެން އަރައްކަލް ބީވީގެ މަގާމު ފުރުއްވާ ހަތަރުވަނަ އަންހެން ބޭފުޅާއެވެ. މި ދަރިކޮޅުގެ ރަސްކަންކުރައްވާ ފިރިހެން ބޭފުޅުންނަށް އަލީރާޖާއޭ ކިޔާއިރު އަންހެން ބޭފުޅުންނަށް ކިޔަނީ އަރައްކަލް ބީވީއެވެ. އެހެންނަނަވެސް ދިވެހިރާއްޖޭގަައި އަންހެން ފިރިހެން ތަފާތުކުރުމެއް ނެތި އެންމޭންނަށްމެ ކިޔަނީ އަލީރާޖާއެވެ.

އަލީރާޖާއިންގެ އަރައްކަލް ދަރިކޮޅަކީ އިންޑިޔާ ބައްރުގެ ދެކުނުކޮޅުގައި ހުރި ރަސްދަރިކޮޅުތަކުގެ ތެރެއިން ހަމައެކަނި މުސްލިމު ރަސްދަރިކޮޅެވެ. މި ދަރިކޮޅުގެ ރަސްކަމުގެ ބާރު ހިނގީ ކަންނަންނޫރަށާއި ލަކްޝަދީބުގެ ދެކުނުގެ ރަށްތަކަށާއި މަލިކަށެވެ. އަދި ތާރީޚުގެ އެކި ދުވަސްވަރު މުޅި ދިވެހިރާއްޖެ އެމީހުންގެ ބާރުގެ ދަށަށް ގެނެވޭތޯ ދިވެހިރާއްޖެޔާ ތަފާތު ހަނގުރާމަތަކެއް ކޮށްފައިވޭމެއެވެ. މިގޮތުން ދިވެހިރާއްޖެއަށް މަލިކު ގެއްލުނީވެސް މިކަމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އިސްކަންދަރު ރަސްގެފާނު އަލީރާޖާއިންގެ އަތުން މަލިކު ހިއްޕަވައި ދިވެހިރާއްޖޭގެ ދަށަށް ގެންނަވާފައި ވަނިކޮށް މީލާދީން 1752 ގައި ދިވެހިރާއްޖެ ހިފިއިރު މަލިކުވެސް އަލުން އެމީހުންގެ ދަށަށް ގެންދިޔައީއެވެ. އެއަށްފަހު ދިވެހިރާއްޖޭގެ ވެރިކަމުގެ ދަށަށް މަލިކެއް ނާދެއެވެ.

އެއްޒަމާނެއްގައި އާރާއި ބާރު ގޮތުން ކަނޑުގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވި އަލީރާޖާގެ ރަސްކަމަކީ މިއަދު ހަމައެކަނި ޝަރަފުވެރި ރަސްކަމެކެވެ. މާނައަކީ ރަސްކަމުގެ އެއްވެސް އާރެއްބާރެއް ނެތް، ހަމައެކަނި ސަގާފީގޮތުން ހިނގަމުން އަންނަ ރަސްކަމެކެވެ. ރަސްކަމުގެ ގަނޑުވަރުގެ ބޮޑުބައެއްވެސް ބޭނުންކުރެވެނީ ދާރުލްއާސާރެއްގެ ގޮތުގައެވެ.

2 ޚިޔާލު

  1. ދިވެހިރާއްޖެއަށް މަލިކު ގެއްލުނީކީ ނޫން. އެމީހުންނަށް މަލިކު ގެއްލުނީ ކުޑަ ދުވަސްކޮޅަކު އިސްކަންދަރު ރަސްގެފާނު މަލި ހިއްޕެވުމުން. މަލިކަކީ އެނޫނީ އެއްވެސް އިރެއްގައި ރާއްޖޭގެ ދަށުގައި އޮތް ތަނެއް ނޫން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.