ޕާކިސްތާނުގެ ސޫފީ ޒިޔާރަތެއްގެ ކައިރީގައި ބޮމެއް ގޮވައި 8 މީހުން މަރުވެއްޖެ

ދާތާ ދަރުބާރު ކައިރީގައި ގޮއްވާލި ބޮމުން ލިބުނު ގެއްލުން

ޕާކިސްތާގެ ދެވަނައަށް އެންމެ ބޮޑު ރަށް، ލާހޯރުގައި ހުންނަ ސޫފީ ޒިޔާރަތެއްގެ ބޭރުގައި ބޮމެއް ގޮވައި 8 މީހުން މަރުވެއްޖެއެވެ. ޒަމާންވީ ސޫފީ ޒިޔާރަތެއް ކަމުގައިވާ ދާތާ ދަރުބާރުގެ ބޭރުގައި ބޮމެއް ގޮއްވާލާފައި ވަނީ އެތަނުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ ފުލުހުންގެ އުޅަނދަކަށް އަމާޒުކޮށް ކަމަށް ވެއެވެ.

ލާހޯރު ފުލުހުންގެ ޕްރޮވިންޝަލް ކޮމާންޑަރު ޢާރިފު ނަވާޒު ވިދާޅުވިގޮތުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ފުލުހުންގެ 5 މީހުންނާއި އާއްމުންގެ 3 މީހުންނެވެ. ޖާނުން ފިދާވެގެން ގޮއްވާލި މި ބޮމުގެ ސަބަބުން 26 މީހުން ޒަޚަމްވިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިންގް ޚާލިދު މެޑިކަލް ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޕްރޮފެސަރު ޚާލިދު ގޮންޑާލް ވިދާޅުވި ގޮތުގައި ބޮން ގޮއްވާލައިގެން އަމިއްލައަށް މަރުވެގަތް މީހާ ހިމެނުމުން މަރުވި މީހުންގެ އަދަދު 9 އަށް އަރައެވެ. އަދި އެތަނުގައި ފަރުވާދެމުންދާ 4 މީހެއްގެ ހާލު ވަރަށް ދެރަކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒަޚަމްވި ބައެއް މީހުންނަށް ލާހޯރުގެ މާޔޯ ހޮސްޕިޓަލުގައި ފަރުވާދެމުން ދާއިރު އެތަނުން 5 މީހެއްގެ ހާލުވެސް ދެރަކަމަށް ވެއެވެ.

މިއަދު ހެނދުނު 8:45 ހާއިރު ގޮއްވާލި ބޮން އަމާޒުކޮށްފައި ވަނީ ދާތާ ދަރުބާރުގެ 2 ނަންބަރު ދޮރާށްޓާއި ދިމާއަށް އޮތް ފުލުހުންގެ އުޅަނދަށެވެ. އެއީ އަންހެނުންނަށް ޚާއްޞަ ދޮރާށްޓެވެ. ފުލުހުން ލަފާކުރާ ގޮތުގައި ޖާނުން ފިދާވެގެން ދިން އެ ހަމަލާގައި ބޭނުންކޮށްފައި ވަނީ 7 ކިލޯގެ ގޮވާތަކެއްޗެވެ. އެ ގޮވުމުގެ ބާރުގަދަކަމުން ކައިރީގައި ހުރި އިމާރާތްތަކުގެ ބިއްލޫރި ތަޅައިގެން ގޮސްފައި ވެއެވެ.

ލާހޯރުގައި ހުންނަ ދާތާ ދަރުބާރަކީ ދެކުނު އޭޝިޔާގައި ހުންނަ އެންމެ ދުވަސްވީ ސޫފީ ޒިޔާރަތެވެ. އެތަނުގައި އޮތްކަމަށް ބުނެވެނީ ސޫފީ ވަލީވެރިޔާ އަބުލް ހަސަން ޢަލީ ހަޖްވޭރީ އެވެ. ހަތް ގަރުނުވެފައިވާ ކަމަށް ބުނެވޭ އެ ޒިޔާރަތަށް އަހަރަކު އެތައް ލައްކަ މީހުން ޒިޔާރަތްކުރެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ކުރެއްވި ޓުވީޓެއްގައި މިހަމަލާ ކުށްވެރިކުރައްވައި، ޒަޚަމްވި މީހުންނަށާއި، މަރުވި މީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕަންޖާބުގެ ސަރުރަށް އަންގަވާފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.