ސޭލް އެޅުވުމަކީ މިހާރު ރާއްޖޭގެ ވިޔަފާރީގައި ވަރަށް ޢާއްމު ކަމެކެވެ. އަޅުގަނޑުގެ ވަރަށް ގާތް ވިޔަފާރިވެރިއަކު ވިދާޅުވި ގޮތުގައި މާލެހައި "ސޭލް ގިނަ" އެއްވެސް ތަނެއް އޭނާ ދެކެވަޑައިގެންފައެއް ނުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ސޭލް އަޅުވަނީ ޚާއްސަ މުނާސަބަތަކާ ގުޅިގެންނެވެ. ސޭލް އެޅުވުމޭ މި ކިޔަނީ އަގުހެޔޮކޮށް މުދާ ވިއްކުމަށެވެ.
ސޭލް އެޅުވުމުގެ ކަންތައްތައް ތަރައްގީ ވެގެން ގޮސް އެ ނަން ކިޔާ ފިހާރަވެސް މިހާރު ހުޅުވާފައި އެބަ ހުއްޓެވެ. އަގުހެޔޮ ސޭލް، އެންމެ އަގުހެޔޮ ސޭލް، ސޭލް މިހެން ގޮސް ކިތަންމެ ނަމެއް މިހާރު އަޑު އިވެއެވެ. މި ނަމުގައި ސަރުކާރުން ފިހާރަތައް ރަޖިސްޓަރީ ކޮށް ދެއްވަނީ ކީއްވެގެންތޯ އަޅުގަނޑުގެ ރަހުމަތްތެރި ވިޔަފާރިވެރިޔާއާ ސުވާލު ކޮށްލީމެވެ. އޭނާ ބުންޏެވެ.
"ކަލޭގެ ކަންތަކާ ހެދި ޙައިރާން ވެއްޖައީމެވެ. ބަލަ ސޭލްގެ މާނައަކީ ވިއްކުމެވެ. އެހެންވީމާ އެ ނަމުގައި ފިހާރަ ރަޖިސްޓަރީ ކޮށް ނުދޭނީ ކީކޭ ކިޔާފައި ހެއްޔެވެ؟"
އެއީ ތެދުފުޅެކެވެ. އެ ވަގުތު އަޅުގަނޑުގެ ޖާހިލުކަން ހިތަށް އަރާފައި ލަދުވެސް ގަތެވެ. (ދަންނަވަންތޯއެވެ؟ އެއީ އަޅުގަނޑުގެ ޖާހިލުކަން ހިތަށް ވަން ފުރަތަމަ ފަހަރެއް ނޫނެވެ. އަދި އެންމެ ފަހު ފަހަރަށްވެސް ނުވާނެކަން ކަށަވަރެވެ.)
މިހާރަކަށް އައިސް ވިޔަފާރި ކުރާ ބައެއް މީހުން ބަލަނީ ސޭލް އަޅުވާފައި ހުރި ފިހާރައެއް ފެނޭތޯއެވެ. އެ ކަހަލަ ފިހާރައަކުން އަގު ހެޔޮ ކޮށް މުދާ ގަންނަން ލިބޭނޭ ކަމަށް އުއްމީދު ކުރެވެނީއެވެ. އެކަމަކު ބައެއް ފަހަރަށް އެޔާ ދިމާ އިދިކޮޅު ނަތީޖާ ނުކުމެފައިވެސް އެބަ ހުއްޓެވެ. އަގުހެޔޮ ކަމަށް ހިތައި އެއްޗެއް ގަނެގެން ނުކުމެ ސޭލް ނާޅުވައި ހުރި ފިހާރައަކުން އަގު ބަލައިލާ އިރު މާ އަގު ހެޔޮކޮށް އެ މުދާ ހުއްޓާ އެބަ ފެނެއެވެ. އަދި ސޭލް އަޅުވާ ގޮތަށް ނުނައްޓައި ހުންނަތާ އެތައް އަހަރެއް ވެއްޖެ ފިހާރަ އެބަހުރި ކަމަށްވެސް ކިޔާތީ އިވެއެވެ.
އަޅުގަނޑުވެސް ބާޒާރަށް ނުކުމެ އެންމެ ފުރަތަމަ ބަލަނީ ސޭލް އަޅުވާފައި ހުރި ފިހާރައެއް ފެނޭތޯއެވެ. އެއް ދުވަހަކު ހިނގަމުން ދަނިކޮށް މާލޭގެ ވަރަށް މަޝްހޫރު، ބޮޑު ފިހާރައެއްގައި ސޭލް އަޅުވާފައި ހުއްޓާ ފެނިގެން ވަދެއްޖައީއެވެ. ވަން ތަނުން އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ބިންމަތީގައި ބަހައްޓާފައި ހުރި އެނބުރޭ ފަންކާއެކެވެ. އޭގައި ތަތް ކޮށްފައި ހުރި ކަރުދާސް ގަނޑެއްގައި ލިޔެފައި އޮތެވެ. "އެނބުރޭ ފަންކާ. ކުރީގެ އަގު /-1200 ރުފިޔާ. މިހާރުގެ އަގު -/450 ރުފިޔާ. (ނޭނބުރޭތީ.)"
ދެތިން ފިޔަވަޅެއް އެތެރެއަށް އެޅުމާއެކު ފެނުނީ ދޮންނަ މެޝިނެކެވެ. އޭގެ ބޭރުގައި ތަތް ކޮށްފައި ހުރި ކަރުދާސް ގަނޑެއްގައި ލިޔެފައި އޮތެވެ. "ދޮންނަ މެޝިނެއް. ކުރީގެ އަގު -/6550 ރުފިޔާ. މިހާރުގެ އަގު -/1000 ރުފިޔާ. (މޯޓަރު ހަލާކު ވެފައި.)"
އަޅުގަނޑުގެ ހިތަށް އެރިއެވެ. މިއީ ވަރަށް މޮޅު ސޭލެކެވެ. މި ތާނގައި މުދަލުގެ އަގުހެޔޮކޮށްފައި މި ހުންނަނީ އާދަޔާ ޚިލާފު ގޮތަކަށެވެ. އަގު ހެޔޮކޮށް ވިއްކަން މި ހުންނަނީ ނޭނބުރޭ އެނބުރޭ ފަންކާ އާއި މޯޓަރު ހަލާކު ވެފައި ހުންނަ ދޮންނަ މެޝިނެވެ. އެ އެއްޗެހި ގަނެގެން މީހަކު ކުރާނޭ ކަމެއް އޮންނާނޭ ބާވައޭ ހިތަށް އެރިއެވެ. އެކަމަކު އެ އެއްޗެތި އެ ތާނގައި ނުހުންނާނެކަންވެސް އެނގެއެވެ. ކޮންމެވެސް ބަޔަކު ގަންނާނެއެވެ. އެ އެއްޗެހީގެ ބޭނުން ކުރަން އެ އެއްޗެހި ގަންނަ ބަޔަކަށް އެނގޭނެތާއެވެ!