ރަޝިޔާގެ މަތިންދާބޯޓެއްގައި ރޯވެ 41 މީހުން މަރުވެއްޖެ

އެއަރޯފްލޮޓްގެ މަތިންދާބޯޓުގައި ރޯވެ އަނދަނީ

ރަޝިޔާގެ ގައުމީ އެއާލައިން އެއަރޯފްލޮޓްގެ މަތިންދާބޯޓެއް ކުއްލި ހާލަތުގައި ޖެއްސި ވަގުތު ރޯވެ، އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 41 މީހުން މަރުވެއްޖެއެވެ.

ސުޚޯއީ ސުޕަޖެޓް-100 މަރުކާގެ މަތިންދާބޯޓު މޮސްކޯގެ ޝެރެމެޓްޔޭވޯ އެއާޕޯޓުގައި ކުއްލި ހާލަތުގައި ޖެއްސުމާއެކު ބޯޓުގެ ފަހަތުގައި ރޯވެ ހުޅުފަޅިއިގެން ދިޔަތަން ވީޑިއޯ މަންޒަރުތަކުން ވީޑިއޯ މަންޒަރުތަކުން ފެނެއެވެ. އަދި ބޯޓު ރަންވޭގައި ޖެއްސުމަށްފަހު އެއިން ދަތުރުކުރި މީހުން ވައިޖަހާފައިވާ ވަގުތީ ސިޑިއަކުން ކައްސާލައިގެން ބިންމައްޗަށް ފައިބައި ބާރަށް ދުވެފައި ދާ މަންޒަރު ވެސް އެ ވީޑިއޯން ފެނެއެވެ.

ރަޝީޔާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިންނާއި ބޯޓުގެ ފަޅުވެރިއަކު ހިމެނެއެވެ.

މަންޒަރު ދުށް މީހަކު ސިފަކުރި ގޮތުގައި 73 ފަސިންޖަރުންނާއި 5 ފަޅުވެރިން ދަތުރުކުރަމުން ދިޔަ މަތިންދާބޯޓުން އެކަކުވެސް ސަލަމާތްވުމަކީ ހަމަ "މުޢުޖިޒާތެކެވެ."

ރަޝިޔާގެ އުތުރުގެ ރަށެއް ކަމުގައިވާ މުރްމަންސްކްއަށް ދާން މޮސްކޯގެ ޝެރްމެޓްޔޭވޯ އެއާޕޯޓުން ފުރި ފްލައިޓް އެސްޔޫ 1492 އެނބުރި އައިސް ކުއްލި ހާލަތުގައި އެ އެއާޕޯޓަށް ޖެއްސުމުގެ ކުރިން މޮސްކޯ މަތީގައި ދެބުރު ޖަހާފައިވާކަން ފްލައިޓްރާޑާ24 ވެބްސައިޓުގެ މައުލޫމާތުތަކުން އެނގެއެވެ،

އެއަރޯފްލޮޓުން ބުނީ ބޯޓު އެނބުރިއައިސް ޖައްސަން ޖެހުނީ "ޓެކްނިކަލް ސަބަބުތަކަކަށްޓަކައި" ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

ރަޝިޔާގެ ހެލްތު މިނިސްޓަރު ވެރޯނިކާ ސްކްވޮރްޓްސޯވާ ވިދާޅުވީ އެ މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 6 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދާއިރު ތިން މީހުން ހާލު ދެރަ ކަމުގައެވެ.

މަތިންދާބޯޓުން ދަތުރުކުރި ބައެއް މީހުން ބުނާ ގޮތުގައި ބޯޓު އެނބުރި އައިސް ޖެއްސިއިރު ޖައްސާފައިވަނީ ވަރަށް ބާރަށެވެ. ރަންވޭމަތީގައި ޖެހުނުލެއް ބާރުކަމުން ބޯޓުގައި ރޯވީއެވެ. ބައެއް މީހުން ބުނާ ގޮތުގައި ބޯޓު އަނބުރާލަން ޖެހުނީ ބޯޓަށް ހޮނުއެޅުމުގެ ސަބަބުންނެވެ.

ވައިގެ ދަތުރުފަތުރާ ބެހޭ ތަޖުރިބާކާރު އަނިލް ޕަދްރާ ވިދާޅުވިގޮތުގައި އެއަރޯފްލޮޓްގެ މަތިންދާބޯޓު މުސްކޯއިން ފުރައިގެން އަށް މަނެޓުވަންދެން މައްޗަށް އަރަމުން ދިޔައެވެ. ދެން ކުއްލިއަކަށް ތިރިވާން ފެށީއެވެ. އެހާ ހިސާބުން ބޯޓުގައި ކޮންމެވެސް މައްސަލައެއް އުޅޭކަން އެނގެއެވެ.

އެ މަތިންދާބޯޓަށް އެނބުރިއައިސް ޖެއްސުނީ ދެ ފަހަރަށް މަސައްކަތްކޮށްގެންނެވެ. ދެ ވަނަ ފަހަރު ޖައްސަން އައިއިރު ބޯޓުގެ ކޮންޓޯލު ގެއްލިފައިވާ ކަމަށް ވެއެވެ.

ރަޝިޔާގެ އިންޓަފެކްސް ނިއުސް އެޖެންސީން ޚަބަރުދިން ގޮތުގައި ބޯޓު އެނބުރި އައިސް ޖައްސާފައިވަނީ ތެޔޮ ތާނގީތައް ފުރާ ތެޔޮ ހުއްޓައެވެ. މަތީގައި އޮވެގެން ތެޔޮ ހުސްނުކުރީ މޮސްކޯގެ މައްޗަށް ތެޔޮ އޮއްސާލުމަކީ ނުރައްކާތެރި ކަމަށް ވެދާނެތީއެވެ.

ބޯޓުގައި އެހާ ފަސޭހައިން ރޯވީ ތެޔޮ ހުސްނުކޮށް ކުއްލި ހާލަތުގައި ޖެއްސުމުގެ ސަބަބުންކަމަށް ވެއެވެ.

މި ހާދިސާގައި ހަލާކުވި ސުޚޯއީ ސުޕަޖެޓް-100 މަރުކާގެ މަތިންދާބޯޓަކީ 2107 ވަނަ އަހަރު އުފައްދައި މިއަހަރުގެ ކުރީކޮޅު އަލުން ސާވިސްކޮށްފައިވާ މަތިންދާބޯޓެކެވެ.

1923 ވަނަ އަހަރު އުފެދުނު އެއަރޯފްލޮޓަކީ ރަޝިޔާގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު އެއާ ލައިނެވެ. އެ އެއާލައިނުގައި 255 މަތިންދާބޯޓު އޮންނައިރު ގިނައީ އެއާބަސް އަދި ބޮއިންގ މަތިންދާބޯޓެވެ. އެ އެއާލައިނުގައި އޮންނަނީ ސުޚޯއީ ސުޕަޖެޓް-100 ގެ 50 މަތިންދާބޯޓެވެ. އެ ބޯޓުތައް ބޭނުންކުރަނީ އެތެރޭގެ އުދުހުންތަކުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.