ސިފައިންގެ ޚާއްސަ ތަމްރީންތަކެއް މާލޭގައި ފަށައިފި

ދިވެހި ސިފައިންގެ ޚާއްސަ ތަމްރީންތަކެއް މާލެއާއި ހުޅުމާލޭގައި މިއަދު ހެނދުނު ފަށައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ތަމްރީން ކުރިއަށްދާނީ ހެނދުނު 8:00 އިން ހަވީރު 6:00 އަށް ކަމަށެވެ.

މި ތަމްރީންތައް މާލެއާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްދާނެއެވެ. އެގޮތުން މާލޭގެ ކާނިވާ ސަރަޙައްދާއި، އިންޑަސްޓްރިއަލް ވުލެޖު ސަރަޙައްދާއި ހުޅުމާލޭގެ ސިފައިންގެ ހެޑުކުއާޓަރުގެ ސަރަޙައްދުގެ އިތުރަށް އެހެން ހިސާބުތަކުގައި ވެސް މި ތަމްރީންތައް ކުރިއަށް ދާނެއެވެ.

މާލޭގައި މިފަދަ ތަމްރީންތަކެއް މިއަދު ފެށީ ޤައުމަށް ދިމާވެދާނެ ނުރައްކަލަކުން ސަލާމާތްވުމާ ބެހޭގޮތުން ދައުލަގެ ކަމާބެހޭ އެންމެ އިސްވެރިން އިއްޔެ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ހުސްވމަހު 21 ވަނަ ދުވަހު ލަންކާއަށް ވަނީ ޓެރަރިސްޓު ޙަމަލާ ތަކެއް ދީފައެވެ. އެފަދަ ޙަމަލާއެއްގެ އަމާޒަކަށް ރާއްޖެ ވެދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. މި ފަދަ ޙަމަލާއެއްގެ ނުރައްކާ ރާއްޖެއަށް އެބައޮތް ކަމަށް އެމެރިކާއިން ވެސް ވަނީ ބުނެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.