އިސްރާއީލު ސިފައިން ޣައްޒާއަށް ހަމަލާދީ 9 މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ރޭ ޣައްޒާއަށް ދިން ހަމަލާގެ ތެރެއިން

އިސްރާއީލުގެ އުދުވާނީ ލަޝްކަރުގެ ވައިގެ ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް ދޭން ފެށި ވަރުގަދަ ވައިގެ ހަމަލާތަކުގައި މާބަނޑު އަންހެނަކާއި އޭނާގެ 14 މަހުގެ ތުއްތު ދަރިފުޅު ހިމެނޭހެން 9 މީހަކު ޝަހީދުވެއްޖެއެވެ.

އިސްރާއީލުގެ ވަރުގަދަ ހަމަލާތައް އައިސްފައި މިވަނީ ޣައްޒާގައި ވެރިކަންކުރާ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) އާއި އިސްލާމިކް ޖިހާދު ގުޅިގެން ދެކުނު އިސްރާއީލުގެ އަވަށްތަކަށް 200 ރޮކެޓް ފޮނުވާލުމާ ގުޅިގެންނެވެ. މި ރޮކެޓް ހަމަލާގެ ސަބަބުން އިސްރާއީލުގެ 13 މީހުން ޒަޚަމްވެފައި ވެއެވެ.

ގާތްގަނޑަކަށް އެއް މަސްދުވަހަށް ދެމިގެން ދިޔަ ހަމަހިމޭންކަން ނިމުމަކަށް އައީ އިސްރާއީލު ސިފައިން ހުކުރު ދުވަހު ބަޑިޖަހައި އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރަމުން ދިޔަ ފަލަސްޠީނުގެ 2 ޒުވާނަކު ޝަހީދުކޮށްލުމުންނެވެ. އޭގެ ރައްދުގައި އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން ވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ބަޑިޖަހައި އިސްރާއީލު ސިފައިންގެ ދެ މީހުން މަރާލާފައެވެ.

ދެ ފަރާތުން ބަދަލުކުރެވުމު ބަޑީގެ ހަމަލާތަކަށް ފަހު އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ހަމާސްގެ ދެ ހަނގުރާމަވެރިން ޝަހީދުވިއެވެ. ދެކުނު އިސްރާއީލަށް ރޮކެޓް ހަމަލާ ފޮނުވާލީ އިސްރާއީލުން ދިން ވައިގެ ހަމަލާގެ ރައްދުގައެވެ.

އިސްރާއީލު ސިފައިން ރޭ ދިން ހަމަލާތަކުގައި ތުރުކީގެ ނިއުސް އެޖެންސީ އަނަޑޯލްގެ ޣައްޒާ އޮފީސް ހުންނަ އިމާރާތަށް ހަމަލާދީ އެ އިމާރާތް ވަނީ މުޅިން ފުނޑުފުނޑުކޮށްލާފައެވެ. 7 ފަންގިފިލާގެ އެ އިމާރާތަށް 5 މިސައިލް ފޮނުވާލިކަމަށް ވެއެވެ. އިމާރާތް ހަލާކުވި ނަމަވެސް އެއްވެސް މީހަކު މަރުވި ކަމުގެ ޚަބަރެއް ނުލިބެއެވެ.

އިސްރާއީލުން ލަނޑުދަނޑިތަކަށް ބެލުމެއް ނެތި ދެމުންގެންދާ ހަމަލާތައް ކުށްވެރިކުރަމުން ތުރުކީގެ ޚާރިޖީ ވުޒާރާއިން ވަނީ، އިސްރާއީލުން އެކަށީގެންވާ ވަރަށްވުރެ ވަރުގަދަ ބާރު ބޭނުންކުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހުންގެ ވައިގެ ސިފައިން ހަމަލާ ދީފައިވަނީ ހަމާސްއާއި އިސްލާމިކް ޖިހާދުގެ ތަންތަނަށް ކަމުގައެވެ.

ފަލަސްޠީނުގެ ޖަމާއަތްތަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެމީހުން ދޭ ރައްދު ހަމަލާވެސް ވަރުގަދަކޮށް އިސްރާއީލުގެ ހަތުސަރީމް އަސްކަރީ ވައިގެ މަރުކަޒަށާއި، ނީފާތީން އަސްކަރީ ވައިގެ ބަނދަރަށް ރޮކެޓް ހަމަލާދީފައެވެ.

މީގެ ދެޅުމަހެއްހާ ދުވަސް ކުރިން އިސްރާއީލާ ހަމާސްއާ ދެމެދު ބަދަލުކުރެވުނު ހަމަލާތައް ހުއްޓިފައިވަނީ މިސްރުން މެދުވެރިއެއްގެ ގޮތުގައި ކުރި މަސައްކަތުންނެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.