ފުލުހުން ކެނެރީގެ ފާސްކޮށްފި

CrMz-KyWgAAy9Xu

ފުލުހުން ތަހުޤީގު ކުރަމުންދާ މައްސަލައަކާގުޅިގެން ކުރީގެ ރައީސުކްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ގެކޮޅު ގ.ކެނެރީގެ ބަލައި ފާސްކޮށްފި އެވެ.

ބައެއް މީޑިއާތަކަށް މަޢުލޫމާތުދެމުން ފުލުހުން ހާމަކޮށްފައިވަނީ ކެނެރީގެ ބަލައި ފާސްކުރީ ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެންކަމަށެވެ. މިރޭ 9:00 އެހާކަންހާއިރު، ކެނެރީގެ ފާސްކޮށްފައިވާކަން ފުލުހުން ޔަޤީންކޮށްދީފައި ވީނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ކެނެރީގޭގެ އިތުރުން އެ ގެއާ އިންވެގެން ހުންނަ ގ.ނިލާވެއްޔަށްވެސް ފުލުހުން ވަދެ ބަލައި ފާސްކުރިކަމަށް އަޑުފެތުރިފައިވެއެވެ. އެއީ ނަޝީދުގެ ބޮޑުދައިތަ ދިރިއުޅުއްވާ ގެއެވެ. އެހެންނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކުރައްވާފައެވެ.

ފުލުހުން މިކަމުގެ ތަފްސީލް ހާމަކުރައްވާފައި ނުވައިރު، ކެނެރީގެއަށް ވަނުމަށް ފުލުހުން ހޯދާފައިވާ ކޯޓުއަމުރުކަމަށްބުނާ ލިއުމެއްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ. އޭގައިވަނީ އެ ގެ ފާސްކުރަން އަމުރު ދީފައި ވަނީ ސަރުކާރު ވައްޓާލުމަށް ރާވައި، އެކަމުގައި މީހުންގެ އެހީތެރިކަން ހޯދައި އާންމުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދައި މާލެ ތެރޭގައި ހަމަނުޖެހުން ހިންގުމަށް ރާވަމުންދާ ކަމުގެ ތުހުމަތު ކުރެވޭތީ ހެކި ހޯދުމަށް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.