"ޗިލްޑްރަންސް ޑޭ ކޭމްޕް 2019" ބާއްވައިފި

މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން "ޗިލްޑްރަންސް ޑޭ ކޭމްޕް 2019"ގެ ނަމުގައި ޚާއްޞަ ހަރަކާތެއް މިއަދު ބާއްވައިފިއެވެ. މިއީ ތިންކް މޯލްޑިވްސްއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި، މޯލްޑިވްސް ރެޑް ކްރެސެންޓާއި، މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް ގުޅިގެން އިންތިޒާމް ކުރި ހަރަކާތެކެވެ. މި ކޭމްޕް ބޭއްވީ ހުޅުމާލޭ ފަރުކޮޅުފުށީގައެވެ.

މީގެ މަޤްޞަދަކީ ކުޑަކުދިން ބާރުވެރިކުރުވައި، އެކި ދާއިރާތަކުން އެ ކުދިންނަށް ބޭނުންވާނެ އާ ހުނަރުތައް އަށަގަންނުވައި، ކުޑަކުދިންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާނެ ގޮތް ދަސްކޮށްދީ، މުސްތަޤުބަލުގައި ކުދިން ކުރިއަށް ދާން ޚިޔާރުކުރާ ދާއިރާތައް ކަނޑައެޅުމަށް އެހީތެރިކަން ފޯރުކޮށްދެއްވުން ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

"މި ހަރަކާތް ނިންމާލުމުގެ ގޮތުން ފަރުކޮޅުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވީ މި ކޭމްޕުގައި އެކި އުމުރުފުރާގެ އެކި ސްކޫލްތަކުގެ ކުދިން ބައިވެރިވުމަކީ މި ކޭމްޕަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދިޔަ ކަމެއް ކަމަށާއި، މި ކޭމްޕުން އުނގެނިގެން ދިޔަ ދިރިއުޅުމުގެ ހުނަރުތަކާއި، ގުޅިގެން މަސައްކަތްކުރުމާއި، ލީޑަރޝިޕް ސްކިލްސްގެ އިތުރުން މުއާޞަލާތުކުރުމުގެ ހުނަރު ޢަމަލީ މައިދާނުގައި އެންމެ ފުރިހަމައަށް ބޭނުން ހިފާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ."

ކޮންމެ އަހަރަކުވެސް ކުޑަ ކުދިންގެ ދުވަސް ފާހަގަކުރަނީ މެއި 10 ވަނަ ދުވަހުއެވެ. އެދުވަސް އައުމުގެ ކުރިން ކުޑަކުދިންގެ ދުވަސް ފާހަގަކުރީ ކުރިމަތީގައި ރޯދަމަސް އޮތުމުންނެވެ. މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "ކުޑަކުދިން ބާރުވެރިކުރުވުން" އެވެ.

މި ކޭމްޕުގައި މާލެއާއި ހުޅުމާލޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ގްރޭޑް 4، 5 އަދި 6ގައި ކިޔަވާ 49 ދަރިވަރަކު ބައިވެރިވެފައިވެއެވެ. މިއަދު ހެނދުނު 6:00 އިން ހަވީރު 6:00 އަށް  ކުރިއަށް ދިޔަ މި ކޭމްޕުގައި މި އަހަރުގެ ޝިޢާރާ ގުޅޭ ގޮތުން ކުދިންނަށް ޚާއްޞަކުރެވިގެން އިންޑޯ އަދި އައުޓްޑޯ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވިފައިވެއެވެ. އެ ގޮތުން ކުޑަކުދިންގެ ޞިއްޙަތާއި، ރަނގަޅު ކާނާ ތައްޔާރުކުރާނެ ގޮތާއި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި އަނިޔާއިން ރައްކާތެރިވާނެ ގޮތްތަކާއި، އިންސާނީ ޙައްޤުތަކާއި، ޓްރެފިކްގެ ގަވާއިދުތަކާ ގުޅޭ ގޮތުން މުހިންމު މަޢުލޫމާތުތަކެއް ސެޝަންތަކުގައި ފޯރުކޮށްދެވިފައިވެއެވެ. މި ސެޝަންތަކުގެ ފެސިލިޓޭޓަރުންގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސަސް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، ޔުނިސެފް މޯލްޑިވްސް، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަން (ޝީ)، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް)، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އަދި އޮއިޝީ ރެސްޓޯރެންޓް ބައިވެރިވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.