ޖައިޝެ މުޙައްމަދުގެ ޒައީމު މަސްއޫދު އަޒްހަރު ދުނިޔޭގެ ޓެރަރިސްޓުންގެ ލިސްޓުގައި ހިމަނައިފި

ޖައިޝެ މުހައްމަދުގެ ޒައީމު މަސްއޫދު އަޒްހަރު

ކަޝްމީރުގައި އިންޑިޔާއާ ދެކޮޅަށް ހަރަކާތްތެރިވާ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތް، ޖައިޝެ މުހައްމަދުގެ ބާނީ އަދި ޒައީމު މަސްއޫދު އަޒްހަރު ދުނިޔޭގެ ޓެރަރިސްޓުންގެ ލިސްޓިގައި އދ. އިން ހިމަނައިފިއެވެ. އެއީ ޗައިނާއިން އެކަމަށް ކުރަމުން އައި އިއުތިރާޒު ދޫކޮށްލުމުންނެވެ.

އދ. ގެ 1267 ސެންކްޝަންސް ކޮމިޓީ (ދަ ކޮމިޓީ އޮން އިސްލާމިކް ސްޓޭޓް އެންޑް އަލްޤާއިދާ) އިން ނެރުނު ބަޔާނެއްގައި ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

މަސްއޫދު އަޒްހަރު ދުނިޔޭގެ ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުމަށް 2016 ވަނަ އަހަރުއްސުރެ އިންޑިޔާ އަންނަނީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް، އެކަން ނުވެ އޮތީ ޗައިނާއިން އެ ކަމަށް އިއުތިރާޒުކުރަމުން އައިސްފައި ވާތީއެވެ. މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ކުރެވުނު މަސައްކަތްވެސް ޗައިނާއިން ވަނީ ނާކާމިޔާބުކޮށްފައެވެ.

މަސްއޫދު އަޒްހަރު މިއަދު ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުނު ނަމަވެސް އޭނާ 1998 ވަނަ އަހަރު އުފެއްދި ޖައިޝެ މުހައްމަދު (މުޙައްމަދުގެ ލަޝްކަރު) ވަނީ 2001 ވަނަ އަހަރުން ފެށިގެން އދ. ގެ ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުގައި ހިމެނިފައެވެ.

ފާއިތުވި ފެބުރުއަރީގެ 14 ވަނަ ދުވަހު ކަޝްމީރުގެ އިންޑިޔާ ފަޅީގެ ޕުލްވާމާގައި މީހަކު ޖާނުން ފިދާވެގެން ފުލުހުންގެ އުޅަނދުތަކަކަށް ދިން ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ޖައިޝެ މުހައްމަދެވެ.

މަސްއޫދު އަޒްހަރު ޓެރަރިސްޓުންގެ ލިސްޓަށް މިއެރީ އެކަމާމެދު ޕާކިސްތާނުން ގެންގުޅެމުން އައި ސިޔާސަތު ބަދަލުކޮށް އެގޮތަށް އެކަން ކުރުމާމެދު ޕާކިސްތާނުގެ އިއުތިރާޒެއް ނެތްކަމުގެ މެސެޖު ޗައިނާއަށް ދީފައި ވަނިކޮށެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޖެންގ ޝުއާންގ ވިދާޅުވި ގޮތުގައި ޗައިނާއިން ކުރަމުން އައި އިއުތިރާޒު މިއަދު ދޫކޮށްލީ އެ ހުށަހެޅުން 'މުރާޖައާކުރުމުން'ނެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޑރ. މުޙައްމަދު ފައިސަލް ވިދާޅުވީ "އދ. ގެ ނިންމުންތަކާ މެދު އަބަދުވެސް އަމަލުކުރާ ފަދައިން" ޖައިޝެ މުހައްމަދުގެ ޒައީމާ ދެކޮޅަށް އެޅުނު ދަތިކުރުމުގެ ފިޔަވަޅުތައް "ޕާކިސްތާނުން ތަންފީޒުކުރަން ފަށާނެއެވެ." އޭގެ ތެރޭގައި ގައުމުން ބޭރަށް ދަތުރުކުރުން މަނާކުރުމާއި، މުދާ ހިފެހެއްޓުމާ، ހަތިޔާރު ލިބޭނޭ މަގުތައް ބަންދުކުރުން ހިމެނެއެވެ.

ޕާކިސްތާނުން ދޫދީފި ކަމުގެ އިޝާރާތަށްފަހު ޗައިނާއިންވެސް ދޫދިނުމުން މަސްއޫދު އަޒްހަރާ ދެކޮޅަށް އދ. އިން ފިޔަވަޅު އެޅިނަމަވެސް އިންޑިޔާ ސަރުކާރުން އެކަން ސިފަކޮށްފައި ވަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައެވެ. އިންޑިޔާގެ މާލީ ވަޒީރު އަރުން ޖައިޓްލޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެކަމަކީ މޯދީގެ ޚާރިޖީ ސިޔާސަތަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.