ފަނޑިޔާރުގެ މިނިވަންކަން ކަށަވަރު ކުރުމުގެ މަގުޗާޓު އިފްތިތާޙު ކޮށްފި

ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް އިސްލާޙު ކުރުމުގެ މަގުޗާޓު މިރޭ އިފްތިތާޙު ކުރައްވައިފިއެވެ.

މި މަގުޗާޓަކީ ސުޕްރީމް ކޯޓުން ޖުޑިޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް ކޮންފަރެންސެއް ބާއްވައި، ޝަރުއީ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން އެކި ފަރާތްތަކުގެ ޚިޔާލު ހޯއްދެވުމަށްފަހު އެކުލަވާލި ޗާޓެކެވެ. މި އެ ކޮންފަރެންސްގައި ވަނީ ބަންޑާރާނާއިބުގެ އޮފީހާއި، ޕްރޮސެކިއުޓަރޖެނެރަލް އޮފީހާއި ފަނޑިޔާރުންގެ ޚިޔާލުވެސް ހޯއްދަވައިފައެވެ.

މި މަގުޗާޓު އިފްތިތާޙު ކޮށްދެއްވީ މިރޭގެ ޖަލްސާގެ ޝަރަފްވެރި މެހުމާން ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދީދީއެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ މި މަގުޗާޓަކީ ޖުޑިޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް ކޮންފަރެންސްގެ ރިކޮމެންޑޭޝަންތައް އަސާސަކަށް ބައްލަވައިގެން އެކަށައެޅުނު 20 ކަމެއްގެ މައްޗަށް ކަމަށެވެ. އަދި އިތުރު ދިރާސާތައް ވެސް މަގުޗާޓު އެކުލަވާލުމުގައި ބޭނުންކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މިމަގުޗާޓު އެކުލަވާލުމުގައި އެންމެ އިސްކަމެއް ދެއްވާފައިވާނީ ހަމަހަމަކަމާއެކު ތަޢައްސުބުން އެއްކިބާވެތިބެ ޢަދުލު އިންސާފު ޤާއިމްކޮށް ރާއްޖެގެ ފަނޑިޔާރުގެއަކީ ދެކުނުއޭޝިއާގެ ޤައުމުތަކުގެ ތެރެއިން ޢާއްމުންގެ އިތުބާރާއި ބަލައިގަތުން އެންމެބޮޑު އަދި އެންމެ ނަޒާޙަތްތެރިތަން ކަމުގައި ހެދުމަށް،" ޑރ. ނަޒީރު ވިދާޅުވިއެވެ. ކުރިއަށްއޮތް 5 އަހަރުގެ ތެރޭގައި މި މަގުޗާޓު ތަންފީޒުކޮށް ނިންމުމަށް ބޭނުންވާ އެކްޝަން ޕްލޭންނެއް ވަރަށް އަވަހަށް އެކުލެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މަގުޗާޓު އިފްތިތާޙު ކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަފުޅު ދައްކަވަމުން ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙުމަދު ޢަބްދުﷲ ދިދީ ވިދާޅުވީ މިފަދަ މަގުޗާޓެއް އިޢުލާން ކުރައްވައި ކާމިޔާބު ކުރެއްވުމަށް އެންމެންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ފާއިތުވި ދިހަވަރަކަށް އަހަރުތެރޭގައި ފަނޑިޔާރުގެއިން ވަނީ ކުރިއެރުންތަކެއް ޙާސިލް ކުރައްވައިފައި ކަމަށެވެ. އަދި ގިންޖެހުންތަކާ ވެސް އެދުވަސްވަރު ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށް ވެސް ވިދާޅުވިއެވެ. އެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ފަނޑިޔާރުގޭގެ ކުރިމަގުގެ މިސްރާބު ހިފުމަށް މިހާރު ވަރަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ފަނޑިޔާރު މަނިކުފާނު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެންގެ މައްޗަށްއޮތް އެންމެ މުހިންމު އެއް ދުސްތޫރީ ޒިންމާއަކީ ދިވެހި އުންމަތާއި ދިވެހި ރައްޔިތުން އެދޭފަދައިން ދިވެހީރާއްޖޭގެ ޤާނޫނު ޢަސާސީގައި ރައްޔިތުން އެކަށައަޅައި ބަޔާންކުރި ފަދައިން ފަނޑިޔާރުގެ މިނިވަންވެފައިވާކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން. އޭރަކު ބާރުއޮންނަ ފަރާތްތަކުން އެދޭގޮތަށް ފަނޑިޔާރުގެ ބަދަލުކޮށް ފަނޑިޔާރުގޭގެ ކަންކަމަށް ނުފުޒުފޯރުވާ ނުހެދޭނެކަން ކަށަވަރުކޮށްދިނުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ފަނޑިޔާރުގެއިން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލިބި ޢަދުލުވެރި ފަނޑިޔާރުގެއެއްގެ ހިޔާވަހިކަން ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.