ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ، ޙަސަން ސާޢިދުގެ ބޫޓު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވެދުމަށް އަރުވައިފިއެވެ. މި ބޫޓު ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމެއްގައެވެ. މި ބޫޓަކީ 2015 އޮގަސްޓު 1 އިން 9 އަށް، ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގެ 100 މީޓަރު ދުވުމުގައި، ރާއްޖެއަށް ރަން މެޑެލް ޙާޞިލް ކޮށްދިން ރޭހުގައި ސާޢިދު ދުވި ބޫޓެވެ.
ރައީސުލްޖުމްހޫރިއްޔާއަށް ސާޢިދުގެ ބޫޓު އެރުވުމަށް ބޭއްވުނު ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާވަނީ ދިވެހިރާއްޖެއަށް ސާޢިދު ޙާޞިލް ކޮށްދިން ރަން މެޑަލްތަކަށާ ރީތި ނަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސާޢިދުގެ ހުނަރު ކުރިއަރުވަން ބޭނުންވާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ބޭނުންވާ އެހީތެރިކަން ސަރުކާރުގެ ފަރާތުން ދެއްވާނެކަމުގެ ޔަގީންކަން ދެއަވާފައެވެ.
ސާޢިދުވަނީ މި މަހުގެ 5 އިން 21 އަށް ބޭއްވުނު "އޮލިމްޕިކްސް ގޭމްސް ރިއޯ 2016"ގެ ޕްރެލިމިނަރީ ރައުންޑުގެ ސަތޭކަ މީޓަރު ދުވުމުގެ ރޭހުގަ ވާދަކޮށްގެން އެ ރޭހުންވެސް އެއްވަނަ ހޯދާފައެވެ. މީގެ އިތުރުންވެސް ސާޢިދުވަނީ މި އަހަރުގެ ޖުލައި މަހު އިންޑިއާގަ ބޭއްވުނު "އިންޑިއަން ގްރޭންޑް ޕްރިކްސް އެތުލެޓިކްސް" މުބާރާތުގެ ސަތޭކަ މީޓަރު ދުވުމުގެ ރޭހުންވެސް ރަން މެޑެލް ހޯދާފައެވެ.