މުސްލިމް ބްރަދަހުޑަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި އެމެރިކާއިން ކަނޑައަޅަނީ

ރައީސު ޑޮނާލްޑް ޓްރަމްޕް ވައިޓްހައުސްގައި ރައީސު ޢަބްދުލް ފައްތާޙު އައްސީސީއާ ބައްދަލުކުރައްވަނީ

މިސްރުގެ އިސްލާމީ ޖަމާއަތް، މުސްލިމް ބްރަދަހުޑް (އަލްއިޚްވާން އަލްމުސްލިމޫން) އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައަޅަން ރައީސު ޓްރަމްޕްގެ ސަރުކާރުން މަސައްކަތްކުރަމުންދާ ކަމުގައި ވައިޓްހައުސްއިން ބުނެފިއެވެ

އެމެރިކާއިން މިގޮތަށް ނިންމައިފިނަމަ މިސްރުގެ އެންމެ ދުވަސްވީ އަދި އެންމެ މަގުބޫލު އަދި މެދު އިރުމަތީގެ ގިނަ ގައުތަކެއްގައި އެތައް މިލިއަން މެންބަރުންނެއް ތިބި އިސްލާމީ ހަރަކާތާ ދެކޮޅަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކާއި، ދަތުރުކުރުން މަނާކުރުމުގެ ފިޔަވަޅުތައް އެޅިގެން ދާނެއެވެ.

މިކަން ވައިޓްހައުސްއިން ހާމަކޮށްފައި މިވަނީ މިސުރުގެ ރައީސު ޢަބްދުލް ފައްތާހު އައްސީސީ ފާއިތުވި އެޕްރީލްމަހު އެމެރިކާއަށް ޒިޔާރަތްކުރައްވާފައި ވަނިކޮށެވެ.

މިސްރުގައި ޑިމޮކްރެޓިކް ގޮތުން އިންތިޚާބުކުރެވުނު ރައީސު މުޙައްދު އަލްމުރްސީއަކީ މުސްލިމް ބްރަދަހުޑްގެ ބޭފުޅެކެވެ. މިސްރުގައި ރައްޔިތުން މިނިވަން އިންތިޚާބެއްގައި ވޯޓުލައިގެން އުފެދުނު ފުރަތަމަ ސަރުކާރަކީ މުސްލިމް ބްރަދަހުޑްގެ ސިޔާސީ ގޮފި ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީގެ ސަރުކާރެކެވެ.

2012 ވަނަ އަހަރު ޖޫން މަހު އުފެދުނު އަލްމުރްސީގެ ސަރުކާރަށް އަހަރެއް ކިރިޔާ ހަމަވިތަނާ، 2013 ވަނަ އަހަރުގެ ޖުލައި މަހު އޭރުގެ ދިފާއީ ވަޒީރު ޢަބްދުލް ފައްތާޙު އައްސީސީ ގެންނެވި އިންގިލާބަކުން އަލްމުރްސީގެ ވެރިކަން ނިމުމަކަށް ގެއައެވެ.

އައްސީސީގެ ސަރުކާރުން ވަނީ މުސްލިމް ބްރަދަހުޑަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައަޅައި، އެ ޖަމާއަތުގެ ހަރަކާތްތައް މިސުރުގައި މަނާކޮށްފައެވެ. މިސްރާއެކު ޤަޠަރާ ދެކޮޅަށް ތެދުވި ކޯލިޝަނުގައި ހިމެނޭ ސަރަބިއްޔާއާއި، ޔޫއޭއީންވެސް ވަނީ މިގޮތަށް ކަނޑައަޅާފައެވެ. އެމެރިކާއިން މިފިޔަވަޅު އަޅަން ނިންމީ މިސްރާއީ ސައޫދީންގެ އެދުމުގެ މަތިން ކަމުގައި ބެލެވެއެވެ.

"ރައީސު ވަނީ އޭނާގެ ސެކިއުރިޓީ ޓީމާއި، އެ ސަރަހައްދުގައި ރައީސުގެ ވިސްނުންފުޅު ހިއްސާކުރައްވާ ލީޑަރުންނާ މަޝްވަރާކުރައްވާފައި. މި ގޮތަށް ނިންމުކަށް ކުރަންޖެހޭ އެތެރޭގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން." ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ސާރާ ސޭންޑާސްގެ އީމޭލެއްގައި ވެއެވެ.

1928 ވަނަ އަހަރު އުފެދުނު މުސްލިމް ބްރަދަހުޑަކީ އިސްލާމީ ދުނިޔޭގައި އެންމެ ދުވަސްވީ އަދި އެންމެ ނުފޫޒުގަދަ އިސްލާމީ ހަރަކާތެވެ. ވައިޓްހައުސްގެ މިބަޔާނާ ގުޅިގެން އެޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެޖަމާއަތުގެ މެދުމިނުގެ ސުލްހަވެރި ވިސްނުމާ އެއްގޮތަށް އެޖަމާއަތް ކުރިއަށް ދާނެ ކަމުގައެވެ. އަދި މާތް ﷲގެ ރަހްމަތްފުޅާއި ވާގިފުޅާއެކު އެފަދަ ހުރިހާ ނިންމުމަކާ ކުރިމަތިލައި އެ ޖަމާއަތް ކުރިއަށް ދާނެކަމުގައެވެ.

މުސްލިމް ބަރަދަހުޑަކީ ޓެރަރިސްޓް ޖަމާއަތް ކަމަށް ކަނޑައެޅުއްވުމަށް ރައީސު ޓްރަމްޕްގެ ސަރުކާރުން ފަށާފައިވާ މަސައްކަތާ ގުޅިގެން އެމެރިކާގެ މަޝްހޫރު ދުވަހުނޫސް ނިއުޔޯކް ޓައިމްސްއިން ބުނެފައި ވަނީ އެޖަމާއަތަށް ފާޑުކިޔަ ތަޖުރިބާކާރުން ވެސް ގަބޫލުކުރާ ގޮތުގައި ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައެޅޭނެ ސިފަތަކެއް އެ ޖަމާއަތުގައި ނެތެވެ. އަދި އެޖަމާއަތީ އަލްގާއިދާއާއި އައިސިސް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކާ މުޅިން ދެކޮޅު ޖަމާއަތެކެވެ.

ރައީސު ޓްރަމްޕްގެ އެޑްވައިޒަރެއްގެ ގޮތުގައި ކުރިން މަސައްކަތްކުރައްވާފައިވާ ވަލީދު ފާރިސް ވިދާޅުވީ މުސްލިމް ބްރަދަހުޑަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައަޅަން ރައީސު ޓްރަމްޕް ނިންމެވިޔަސް، އެމެރިކާގެ ކޮންގްރެސްއިން އެނިންމެވުން ފާސްނުކުރާނެ ކަމުގައެވެ. ވަލީދު ފާރިސްއަކީ ޓްރަމްޕްގެ ރިޔާސީ ކެމްޕޭނުގައިވެސް ހަރަކާތްތެރިވެ ވަޑައިގެންނެވި، ލުބްނާނަށް އުފަން ކްރިސްޓިއަނެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.