އައްޑޫގެ ހުރިހާ ޢުމުރުފުރައެއްގެ މީހުން 'ކަލަރ ރަން' ގައި ބައިވެރިވާނެ ކަމަށް އުންމީދު ކުރަން: ޔޫތު މިނިސްޓަރު

އުރީދޫ ދުވުމެއްގައި މީހުން ދުވަނީ: ފޮޓޯ ސޯޝަލް މީޑިއާ
  • މިއަހަރުގެ ޖޫންމަހު 21 ވަނަ ދުވަހު އައްޑޫ ސިޓީގައި ބާއްވާ އުރީދޫ 'ކަލަރ ރަން' ގައި އައްޑޫ ސިޓީގެ ހުރިހާ ޢުމުރުފުރައިގެ މީހުން ބައިވެރިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަޙުލޫފް ވިދާޅުވެއްޖެއެވެ.

"އުރީދޫ ކަލަރ ރަންގައި ބައިވެރިވުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު. މިއީ ވަރަށް އުފާވެރި މާހައުލެއްގެ ތެރޭގައި، ސިއްޙަތަށް ފައިދާ ކުރަނިވި ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތެއް. އައްޑޫގައި އުރީދޫ ކަލަރ ރަން ބޭއްވޭ ކަމީ ލިބުނު އުފަލެއް. އުއްމީދަކީ އައްޑޫގެ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުން." މަޙުލޫފް ވިދާޅުވެފައިވެއެވެ. ކަލަރ ރަންކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އެއްބާރުލުމާ އެކުގައެވެ. މިއީ ރާއްޖޭގައި ވަރަށް މަޤުބޫލްކަން ހޯދައިފައިވާ ދުވުމެކެވެ.

އުރީދޫ 'ކަލަރ ރަން'ގެ އަމާޒަކީ ދުވުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މަޖާ، އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އުރީދޫން ވަނީ ވިދާޅުވެފައެވެ. މިދުވުމުގައި ވަނީ ރެކޯޑު ޢަދަދަކަށް މީހުން ބައިވެރިވެފައިއެވެ..

އުރީދޫ މޯލްޑިވްސްގެ 'ކަލަރ ރަން' އައްޑޫގައި ބާއްވާނެކަން އިޢުލާން ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަހުމަދު މަހްލޫފާއި އުރީދޫގެ މެނޭޖިންގް ޑައިރެކްޓަރާއި ސީއީއޯގެ މަޤާމު އަދާކުރަށްވާ ނަޖީބް ޚާނެވެ. މި ޚާއްސަ އިވެންޓު އިޢުލާން ކޮށްދެއްވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޔޫތު މިނިސްޓްރީގައެވެ.

އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ކުރިއަށްއޮތް އުރީދޫ 'ކަލަރ ރަން' އައްޑޫގައި ބޭއްވޭކަމީ އޭނާއަށް ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. އޭނާ ވިދާޅުވީ 'ކަލަރ ރަން'ގެ އެންމެ ޚާއްސަ އެއްކަމީ، ބޭނުން ކޮންމެ ބޭފުޅަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮތުން ކަމަށެވެ. އޭނާ ވިދާޅުވީ މި ދުވުމުގައި ކުރިން ދުވެފައިވާ މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. "ނަލަ ނަލަ އައްޑޫގައި ވަރަށް ޙާއްސަ އިވެންޓަކަށް މިފަހަރުގެ އުރީދޫ 'ކަލަރ ރަން' ވެގެންދާނެކަމަށް އުއްމީދު ކުރަން." ނަޖީބު ވިދާޅުވިއެވެ.

މި ދުވުމުގައި 6 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެއެވެ.

އުރީދޫ 'ކަލަރ ރަން'ގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހެއް ނޫންނެވެ. އެހެންވީމާ މަޖާކުރަމުން ހިނގާފައި ވެސް  ޖޮގް ކޮށްފައި، ނުވަތަ ދުވެފައި، ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ. ދުވުމުގެ ދިގުމިނަކީ 5 ކިލޯމީޓަރެވެ. މި ހަރަކާތް އިތުރަށް ފޯރިގަދަ ކުރުމަށްޓަކައި، ބައިވެރިންގެ ތެރެއިން އެންމެ ފޯރިގަދަ ދުވުންތެރިޔާ އާއި އެންމެ ސަޅި ކޮސްޓިއުމް ހޮވައި ވަރަށް ޚާއްޞަ އިނާމުތަކެއް ލިބޭނެ ކަމަށް އުރީދޫން ވަނީ ވިދާޅުވެފައެވެ.

މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 'މައި އުރީދޫ ޕޯޓަލް' މެދުވެރިކޮށް ފަސޭހަކަމާއި އެކު، ވަރަށް އަވަހަށް ރެޖިސްޓަރ ކުރެވޭނެއެވެ. މިކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު، އުރީދޫގެ ވެބްސައިޓް ނުވަތަ ސޯޝަލް މީޑިއާ ޗެނަލްތަކުން ފޯރުކޮށްދެވޭނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.