ކުޑަ ދެކުދިން ފޮރުވައިގެން އުޅުނު މީހަކު ބަންދު ކޮށްފި

ރަށެއްގެ ގެއެއްގައި ކުޑަދެކުއްޖަކު ފޮރުވައިގެން އުޅުނު ޢުމުރުން 29 އަހަރުގެ ފިރިހެނަކު ބަންދު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެކުދިން ފެނިފައިވަނީ ޢާއިލާއަށް ފިލައިގެން އުޅޭ ދެކުއްޖެއް މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާތީ އެކުދިން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށެވެ.

އެކުދިން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ގެންދަނިކޮށް މީހަކު އެކުދިން ފޮރުވައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެރަށް ނިސްބަތްވާ ސަރަޙައްދުގައި ހުންނަށް ފުލުހުންގެ މައި އިދާރާއަށް ލިބުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. " އާއިލާއަށް ފިލައިގެން އުޅޭ ކުޑަ ދެކުދިން ފޮރުވައިގެން ރަށެއްގައި ގެންގުޅޭ ކަމުގެ މައުލޫމާތު އެސަރަހައްދުގެ ފުލުހުންގެ މައި އިދާރާއަށް ލިބުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ރަށުގައި އެ ދެކުދިން ފޮރުވައިގެން އުޅުނު ގެއަށް ރޭ 2:55 އެހައިކަންހާއިރު ފުލުހުން ވަދެ އެ ދެކުދިން ހޯދައިފައިވޭ،" ފުލުހުން ވިދާޅުވިއެވެ.

އެކުދިން ފޮރުވައިގެން އުޅުނު މީހާގެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެހިތަކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން މިހާރުވަނީ މި ދެކުދިން ފެމެލީ އެންޑް ޗައިލްޑްރަން ސާވިސް ސެންޓަރ (އެފްސީއެސްސީ) އާ ޙަވާލުކޮށްފައެވެ. އެ ކުދިންގެ ޢާއިލާއިން ކުދިންނާ ޙަވާލުވަން ދެން އެކުދިން ތިބީ ރައްކާތެރި މާޙައުލެއްގައި ބައިތިއްބާފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިކަން ހިނގާފައި ވަނީ ކޮންއަތޮޅެއްގެ ކޮށްރަށެއްގައި ކަމާއި އެކުދިން ފޮރުވައިގެން އުޅުނީ ކުދިންނާ އެއްވެސް ގުޅުމެއް އޮންނަ މީހެއްތޯ ނޫންތޯ ފުލުހުން ވިދާޅެއް ނުވެއެވެ. އަދި އެ ކުދިންގެ ޢުމާރައި ޖިންސްވެސް ފުލުހުން ވިދާޅެއް ނުވެއެވެ.

މި މައްސަލާގައި ބަންދުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދެއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.