ޖަޕާނުގެ ރަސްގެފާނު އަކިހީޓޯ ތަޚުތު ދޫކޮށްލައިވައިފި

ރަސްގެފާނު އަކިހީޓޯ (ކ) އާއި މިރޭ ރަސްކަމަށް އިސްވެވަޑައިގަންނަވާ ނަރުހީޓޯ

ޖަޕާނުގެ ރަސްގެފާނު، އެމްޕެރާ އަކިހީޓޯ ރަސްކަން ދޫކުރައްވައި ތަޚުތުން ފައިބާވަޑައިގެންފިއެވެ.

ފާއިތުވި 200 އަހަރުގެ ތެރޭގައި ރަސްކަން އަމިއްލަފުޅަށް ދޫކުރެއްވި ފުރަތަމަ ރަސްގެފާނު އަކިހީޓޯ ވަނީ އޭނާގެ 30 އަހަރުގެ ދިގު ރަސްކަމަކީ ރަހުމަތެއް ކަމުގައި ސިފަކުރައްވަމުން، ރަސްކަމުގެ ދުވަސްވަރު ޖަޕާނުގެ ރައްޔިތުން އޭނާއަށް ދެއްވި އެއްބާރުލުމަށްޓަކައި އެމީހުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އޭނާ ތަޚުތު ދޫކުރައްވައި ފައިބައިވަޑައިގަތުމާއެކު، ޖަޕާނު ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އޭނާގެ ދަރިކަލުން އަދި ވަލީއަހުދު ނަރުހީޓޯ ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތު އޮންނާނެއެވެ.

"މިއަދު ރަސްކަލެއްގެ ހައިސިއްޔަތުން އަހަރެން އަދާކުރަމުން އައި ވާޖިބު ނިމުމަކަށް އައީ." އެމްޕެރާ އަކިހީޓޯގެ ރަސްމީ ގަނޑުވަރުގައި ހުންނަވައިގެން ދެއްވި ކުރު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

"30 އަހަރު ކުރިން ތަޚުތަށް އިސްވިފަހުން، އަހަރެންގެ ވާޖިބު އަހަރެން އަދާކުރަމުން އައީ ރައްޔިތުންނަށް ފުރިހަމަ އިތުބާރާއި ފުރިހަމަ އިތުބާރު އޮތް ކަމުގެ އިހުސާސާއެކު. އަހަރެންދެކެނީ އެހެން އެކަން ކުރުމުގެ ފުރުސަތު ލިބުމީ އަހަރެންގެ ނަސީބުކަމުގައި." އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.

އުމުރުފުޅުން 59 އަހަރުފުޅުގެ ނަރުހީޓޯ މިރޭ މެންދަމު ތަޚުތުގައި ވެޑުވޭނީ  126 ވަނަ ރަސްގެފާނުގެ ގޮތުގައެވެ. އޭނާގެ ދައުރަށް ދެވިފައިވާ ނަމަކީ 'ރެއިވާ' އެވެ. މާނައަކީ ރީތި ހަމަޖެހުމެވެ. ނިމިގެން ދިޔަ އަކިހީޓޯގެ ދައުރަށް ކިޔާފައި ވަނީ 'ހެއިސީ' އެވެ. މާނައަކީ ސުލްހަވެރިކަން ހާސިލުކުރުމެވެ. ޖަޕާނުގެ ރަސްކަމުގެ ޒަމާންވީ ސަގާފަތް އޮންނަ ގޮތުން ކޮންމެ ރަސްކަލެއްގެ ދައުރަކަށްވެސް ވަކި ނަމެއް ދީފައި އޮވެއެވެ.

މިހާރު އުމުރުފުޅުން 85 އަހަރުފުޅު ވެފައިވާ އެމްޕެރާ އަކިހީޓޯ ރަސްކަން ދޫކުރައްވައި ތަޚުތުން ފައިބާވަޑައިގަތުމަށް ނިންމެވީ އޭނާގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ރަސްކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ދަތިފުޅުކަމަށް ވިދާޅުވެއެވެ.

"ރާނީ އާއި އަހަރެން ހިތުގެ އަޑިން އުއްމީދުކުރަނީ ރެއިވާ ދައުރަކީ ސުލްހަވެރި، ނަތީޖާ ހާސިލުކުރާ ދައުރަކަށް ވާނެކަމަށް. އަދި އަހަރެންގެ ގައުމުގެ ރައްޔިތުންނާއި މުޅި ދުނިޔޭގެ އެންމެންގެ އުފާވެރިކަމަށް އެދި އަހަރެން ދުއާކުރަން." އެމްޕެރާ އަކިހީޓޯގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވިއެވެ.

އައު ރަސްގެފާނު ނަރުހީޓޯއަކީ އޮކްސްފޯޑް ޔުނިވަސިޓީން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ނަރުހީޓޯއާއި، 2001 ވަނައަހަރު ކައިވެނިފުޅުބައްލަވައިގަތް އޭނާގެ އަނބިކަބަލުން މަސާކޯއަށް ލިބިވަޑައިގެންފައި ވަނީ ދަރިކަނބަލުން ޓޯޝީ (އައިކޯ) އެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު އެކުލަވާލާފައިވާ، ޖަޕާނުގެ ރަސްކަމުގެ އުސޫލުތައް ބަޔާންކުރާ ގާނޫނު ބުނާގޮތުން އަންހެނަކަށް ޖަޕާނުގެ ރަސްކަން ނުލިބޭނެއެވެ. އެހެންކަމުން، ނަރުހީޓޫ ރަސްކަމުގެ ތަޚުތަށް އިސްވެވަޑަގަތުމާއެކު ވަލީއަހުދުކަން ލިބިވަޑައިގަންނަވާނީ އޭނާގެ ކޮއްކޯފުޅު އަކިޝީނޯއަށެވެ. ދަރިކަނބަލުން ޓޯޝިއަކަށް ނޫނެވެ.

ޖަޕާނުގެ ރަސްކަމަކީ މިހާރު ދުނިޔޭގައި އޮތް އެންމެ ޒަމާންވީ ރަސްކަމެވެ.  ބުނެވޭ ގޮތުގައި އެ ރަސްކަން ފެށިފައިވަނީ އީސާގެފާނަށްވުރެ 660 އަހަރު ކުރިންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.