އެއްރުފިޔާ ލިބޭ ޕްރޮގްރާމް ވެމްކޯއިން މިއަދު ފަށައިފި

އަޖުމަބެލުމަށް ހިންގާ މި ޕްރޮގްރާމުގައި ބޭނުންކުރާ ފެންފުޅި ދައްކާލަނީ: ފޮޓޯ ވެމްކޯ

ޕުލާސްޓިކްފުޅިތައް އަނބުރާ ވެމްކޯއަށް ގެންދިޔުމުން ފުޅިއަކަށް އެއް ރުފިޔާލިބޭ ޕައިލެޓް ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

ވެމްކޯގެ އޮޕަރޭޝަން ޖެނެރަލް މެނޭޖަރ އަޙުމަދު ޝާފިޢު ވިދާޅުވީ މިއީ މަގުތަކަށް ކުނި އެޅުން ހުއްޓުވަން ބާރުއެޅުމުގެ ގޮތުން އަޖުމަ ބެލުމަށް ފެށި ޕްރޮގްރާމެއް ކަމަށެވެ. މި ޕްރާގްރާމް ފުރަތަމަ ކުރިއަށް ގެންދާނީ 7 ދުވަހަކަށެވެ. އެ މުއްދަތުގައި ދިހަ ހާސް ފުޅި ވެމްކޯއަށް އަނބުރާ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ޔޫއެންޑީޕީ އާއި އުރީދޫ މޯލްޑިވްސް އާއި އެޗްޑީސީގެ އެހީތެރިކަމާއެކު ވެމްކޯއިން ކުރިއަށް ގެންދާ "ސްމާޓް ސިޓީ" ކެމްޕެއިންގެ ދަށުން "ރައްދު" ގެ ނަމުގައި ކުރިއަށްގެންދާ އަޖުމަބެލުމުގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން ވިއްކާ ފުޅިތަކުގައި ޚާއްސަ ސްޓީކާއެއް ހުންނާނެއެވެ. އެ ސްޓިކާ ޖަހާފައި ހުންނަ ފެންފުޅި (500 އެމްއެލް އާއި 1.5 އެމްއެލްގެ ފުޅި) ގަނެގެން ގޮސް ފުޅި ހުސްވީމައި ހުޅުމާލޭގައި ހުންނަނަ ވެމްކޯގެ ސައިޓު އޮފީހަށް ގެންދިޔުމުން އެގޮތަށް ގެންދާ ކޮންމެ ފުޅިއަކަށް އެއް ރުފިޔާ އެތަނުން ލިބޭނެއެވެ. މި ފެންފުޅިތައް ގަންނަން ލިބޭނީ  ފަމްޑާޒް އިންޓަރނޭޝަނަލް، ޑަކާ މާޓު، އަނޫ މާޓު، ފަހި ޕްލާޒާ، އޮލިވް ޓްރީ، ކުޒޯ އިންނެވެ. އިތުރު ފިހާރަތަކުން މިފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ވެމްކޯއިން ގެންދަނީ ކުރައްވަމުންނެވެ. "އެ ފިހާރތަކުން ވެސް ގަންނަ ކޮންމެ ފެންފުޅިއަކަށް ރުފިޔާ ނުލިބޭނެ. ރުފިޔާ ލިބޭނީ ސްޓިކާ ޖަހައިފައިވާ ފެންފުޅިއަށް އެކަނި،" ވެމްކޯ އިން ވިދާޅުވިއެވެ. ޝާފިޢު ވިދާޅުވީ މަގުތަކަށް އުކާލާފައި ހުންނަ ކުނިތައް ނެގުމަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާ ވެމްކޯއިން ޚަރަދުކުރަންޖެހޭ ކަމަށެވެ. އެހެން ކަމުން މި ޕްރޮގްރާމުގެ ބޭނުމަކީ މަގުމައްޗަށް ކުނިއުކާލުން ހުއްޓާލުމަށް މީހުންނަށް ހިތްވަރު ދިނުން ކަމަށް އޭނާ ވިދާޅުވިއެވެ. އަޖުމަ ބެލުމަށް ހިންގާ މި ޕްރޮގްރާމަށްފަހު މުޅި ރާއްޖެއަށް މިކަން ފުޅާކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.