އިންޑޮނޭޝިޔާގެ ވެރިކަންކުރާ ރަށެއްގެ ގޮތުގައި ޖަކާޓާގެ ބަދަލުގައި އެހެން ރަށެއް ކަނޑައަޅަން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ޕްލޭނިންގ މިނިސްޓަރު ބަންބަންގ ބްރޮޖޮނެގޯރޯ ވިދާޅުވި ގޮތުގައި، ބައިބޯވެ ތޮއްޖެހިފައިވާ ޖާވާގައި އޮންނަ ޖަކާޓާއިން ވެރިކަން ބަދަލުކުރާނީ ކޮން ރަށަކަށް ކަން އަދި ނިންމާފައި ނުވާ ކަމުގައެވެ.
ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި 10 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅޭއިރު، އެރަށުގެ ވަށައިގެންވާ އަވަށްތަކުގެ އާބާދީއާއެކު ޖަކާޓާ މެޓްރޮޕޮލިޓަން ސަރަހައްދުގައި 30 މިލިއަން މީހުން ދިރިއުޅޭކަމަށް ލަފާކުރެވެއެވެ.
ޖަކާޓާގައި މީހުންނާ ދުއްވާތަކެތި ތޮއްޖެހުމުގެ ސަބަބުން މަގުތައް ބަންދުވެ، ބައެއް ފަހަރު މިނިސްޓަރުންވެސް އޮފީހަށް ގެންދަންޖެހެނީ ފުލުހުންގެ މޮޓޮކޭޑުގައެވެ. ބްރޮޖޮނެގޯރޯ ވިދާޅުވިގޮތުގައި ޖަކާޓާގައި ދުއްވާތަކެތި ތޮއްޖެހުމުން ދިމާވާ މައްސަލަތަކުގެ ސަބަބުން އެގައުމަށް އަހަރަކު 100 ޓްރިލިއަން ރުޕިޔާ (9.6 ބިލިއަން އެމެރިކާ ޑޮލަރު) ގެ ގެއްލުން ވެއެވެ.
އައު ވެރިރަށަކަށް ހެދުމަށް މެދުތެރޭ ކަލިމަންތާންގައި އޮންނަ ޕަލަންގްކަރަޔާ، ދެކުނު ކަލިމަންތާންގެ ބަންޖަރްމަސިން އަދި ދެކުނު ސުމަޓްރާގައި އޮންނަ މަލެންބަންގް ފަދަ ރަށްރަށުގެ ނަން ހުށަހެޅިފައި ވިޔަސް އަދި ވަކި ރަށެއް ނިންމާފައި ނުވެއެވެ. ވަކި ރަށެއް ނިންމިޔަސް ވެރިރަށް ބަދަލުކުރުމުގެ މަސައްކަތަށް 10 ވަރަކަށް އަހަރު ހޭދަވާނެކަމަށް ލަފާކުރެވެއެވެ.
ޕްލޭނިންގ މިނިސްޓަރު ލަފާކުރެއްވި ގޮތުގައި ސަރުކާރުގެ ހުރިހާ ޚިދުމަތްތަކެއް އައު ރަށަކަށް ބަދަލުކޮށް، ސިވިލް ސާވިސް މުވައްޒަފުން އައު ވެރިރަށަށް ބަދަލުކުރުމަށް 33 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެއެވެ.
ވެރިރަން އެހެން ރަށަކަށް ބަދަލުކުރުމުގެ ވާހަކަ އިންޑޮނޭޝިޔާގައި މީގެ ކުރިންވެސް ދެކެވިފައި ވެއެވެ. އެހެންނަމަވެސް، މިފަހަރު އެކަމާމެދު ފުންކޮށް ވިސްނަން ޖެހުނީ، ޖަކާޓާގެ ތިމާވެށީގެ ހާލަތު ނާޒުކު ފައްތަރަކަށް ގޮސްފައިވާތީއެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޖަކާޓާގައި ދިރިއުޅޭ މީހުން އެރަށުގެ މިބުގެ އަޑިން ގިނަ އަދަދަކަށް ފެން ނެގުމުގެ ސަބަބުން އެރަށް ދަނީ ގެނބެމުންނެވެ. އެރަށުގައި ދިރިއުޅޭ މީހުންގެ %60 މީހުން ބޭނުންކުރަނީ ބިމުން ނަގާ ފެނެވެ.
ޖަކާޓާ އަހަރަކު ގާތްގަނޑަށް 1 ސެންޓިމީޓަރު ގެނބެމުން ދާއިރު 2050 ވަނަ އަހަރު އަންނަންވާއިރަށް އެރަށުގެ ބޮޑު ބައެއް އޮންނާނީ ފެނުއަޑީގައި ކަމަށް މާހިރުން ލަފާކުރެއެވެ.