ޕާކިސްތާނުގައި އަމިއްލަ ފަރާތްތަކުން ހިންގާ 30 ހާހަށްވުރެ ގިނަ ދީނީ މަދަރުސާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެންނަން ނިންމަވާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
ރާވަލްޕިންޑީގައި ހުންނަ ސިފައިންގެ މައި މަރުކަޒުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އަސްކަރީ ތަރުޖަމާނު މޭޖާ ޖެނެރަލް އާސިފު ޣަފޫރު ވިދާޅުވި ގޮތުގައި ސަރުކާރުން އެގޮތަށް ނިންމީ އިސްލާމީ ތައުލީމަކީ ތައުލީމުގެ އެހެން ދާއިރާތަކާ ގުޅިގެން އެއް އުސޫލަކުން ދެވޭ ތައުލީމަކަށް ހެދުމަށްޓަކައެވެ.
ޕާކިސްތާނުގެ ދީނީ މަދަރުސާތަކުން ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމަށް ހިތްވަރުދޭ ކަމަށާއި، އެފަދަ މަދަރުސާތަކުން ނުކުންނަ މީހުން ހަރުކަށި ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅޭކަމަށް ބައިނަލްއަގުވާމީ ޖަމާއަތްތަކުންނާއި، ބައެއް ގައުމުތަކުން ތުހުމަތުކުރެއެވެ. ސަރުކާރުގެ މިފިޔަވަޅަކީ މި ތުހުމަތުތަކަށް ދެވޭ ރައްދެއްކަމުގައިވެސް ބެލެވެއެވެ.
ޕާކިސްތާނުގެ ފަގީރު އަވަށްތަކުގެ ކުދިންނަށް ތައުލީމު އުނގެނުމަށް އޮންނަ ހަމައެކަނި ވަސީލަތަކީ ދީނީ މަދަރުސާތައް ކަމަށްވެފައި، އަވަށްތަކުގެ ގިނަ މީހުންނަކީ ދީނުގެ އުސޫލުތަކުގައި ވަރަށް ބޮޑަށް ހިފަހައްޓަން މަސައްކަތްކުރާ ބަޔަކަށް ވާއިރު، އެފަދަ މަދަރުސާތައް ސަރުކާރުގެ ތައުލީމީ ސިޔާސަތާ އެއްގޮތަށް ހިންގަން މަސައްކަތްކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.
އެހެންނަމަވެސް، ޕާކިސްތާނުގެ ދީނީ ޒުވާން ހަނގުރާމަވެރިންގެ މައްސަލަ ޕާކިސްތާނާއި، އަފްޣާނިސްތާނާއި، ކަޝްމީރުގައި ބޮޑުވެފައިވާއިރު، އެކަން އެގޮތުގައި އޮތަ ނުދޭނެކަމުގެ އިންޒާރު ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ ދެއްވާފައެވެ. އޭނާގެ ސަރުކާރުން ފަށާ މި މަސައްކަތަކީ ހަނގުރާމަވެރިންގެ މައްސަލަ ކޮންޓުރޯލުކުރުމަށް އަޅާ ފިޔަވަޅެކެވެ.
ޕާކިސްތާނު ސަރުކާރުން ބެލި ބެލުމުން އެނގުނު ގޮތުގައި، 30 ހާހަށްވުރެ ގިނަ ދީނީ މަދަރުސާގެ ތެރެއިން ހައްދު ފަހަނައަޅާފައިވާ ދީނީ ހަރުކަށި އުސޫލުތައް ދަސްކޮށްދެނީ 100 ވަރަކަށް މަދަރުސާއިންން ކަމުގައި ޖެނެރަލް ޣަފޫރު ވިދާޅުވިއެވެ. އެހެންނަމަވެސް، އޭނާ ފާހަގަކުރެއްވި ގޮތުގައި، އެ ހުރިހާ މަދަރުސާއެއް ސަރުކާރުގެ ބެލުމުގެ ދަށަށް ގެންނަނީ އެތަންތަނުން އެހެން މާއްދާތައް ކިޔަވައި ނުދީ ހަމައެކަނި އިސްލާމް ކިޔަވައިދޭތީއެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި ދީނީ މަދަރުސާތަކާ ބެހޭ ގާނޫނު މަހެއްހާ ދުވަހުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅޭނެއެވެ. އެ ގާނޫނު ފާސްވުމުން މަދަރުސާތަކަށް އެއް މުގައްރަރެއް އެކަށައަޅައި، ކިޔަވައިދޭނޭ މީހުން އައްޔަންކޮށް، ފައިސާގެ އެހީތެރިކަން ދެވޭނެއެވެ.