ރޫސީ ރައީސް ޕޫޓިން އަށް ފާޑުކިޔާ ނޫސްވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ

Alexander Shchetinin

ރަޝިއާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ އެލެގްޒެންޑަރ ޝެޓިނިން އޭނާގެ އެޕާޓްމަންޓްގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ. ޝެޓިނިން އަކީ ރޫސީ ރައީސް ޕޫޓިން އަށް ވަރަށް ބޮޑަށް ފާޑު ކިޔާ މީހެކެވެ.

ޚަބަރުތަކުން އެނގޭ ގޮތުގައި އޭނާ މަރު ވެފައި ވަނީ އަމިއްލައަށް ބޮލަށް ބަޑި ޖަހައިގެންނެނެވެ. އޭނާ މަރުވެފައި އިނީ އެޕާޓްމަންޓްގެ ގޮނޑިއެއްގައެވެ. އެ ގޮނޑީގެ ދަށުގައި ފިސްތޯލައަކާއި، ވަޒަން ހުސްވެފައި އޮތް ކާޓްރިޖެއް އޮތެވެ. އޭނާ މަރުވީ ވަގުތެއް ކަމަށް ރަސްމީ އިދާރާތަކުން ބުނަނީ ހޮނިހިރު ދުވަހުގެ ރޭ 8 އާއި 9.30 އާ ދެމެދުގެ ވަގުތެކެވެ. ހޮނިހިރު ދުވަހަކީ އޭނާގެ އުފަން ދުވަހެވެ. އޭނާ މަރުވެފައި އޮތްކަން ފުލުހުންނަށް އެނގުނީ މެންދަމުން އަލިވީތަނާއެވެ.

ޝެތިނިން މަރު ވުމުގެ ކުރިން އޭނާގެ ގާތް މީހަކަށް އީމެއިލެއް ފޮނުވާފައި ވެއެވެ. އެ އީމެއިލްގައި އޭނާ މަރުވާން ބޭނުން ކަމަށް ލިޔެފައި އޮތެވެ.

ޝެޓިނިން ވަނީ ރަޝިއާގެ ރައްޔިތުކަން ދޫކޮށް، ޔޫކުރެއިނަށް ގޮސް އެތާނގެ ވެރިރަށް ކިޭވްގައި ވަޒަންވެރި ވެފައެވެ. ޔޫކްރެއިން އަށް ބަދަލު ވުމަށް ފަހު ނޮވީ ރީޖަން (އައު ސަރަހައްދު) ގެ ނަމުގައި ނޫސް އޭޖެންސީއެއް ހަދައިގެން އޭނާ ވަނީ ޚަބަރު ފެތުރުމުގެ މަސައްކަތް ފައްޓާފައެވެ. ޝެޓިނިން ބުނެފައިވާ ގޮތުގައި ޕޫޓުން އަކީ އޭނާގެ "ޒާތީ ދުޝްމަނެ"ކެވެ.

ޔޫކްރެއިންގެ ފުލުހުން މިހާރު ދަނީ ޝެޓިނިން މަރުވީ ކިހިނެއް، ކީއްވެގެންތޯ ބަލަން ތަހުގީގު ކުރަމުންނެވެ.

(މަޢުލޫމާތު: ދި އިންޑިޕެންޑެންޓް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.